ބެންޒެމާ (ވ) އަތުން ބޯޅަ ހޯދަން ސޮސިއެޑާޑްގެ އަރިޓްޒް ޓެކުލްކުރަނީ.-- ފޮޓޯ: އޭއެފްޕީ
21 ސެޕްޓެމްބަރ 2020 - 09:54
މެޑްރިޑް (ސެޕްޓެމްބަރު 21) - ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މި ފަހަރުގެ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑްއާ 0-0 އިން އެއްވަރުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ސޮސިއެޑާޑުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަަވަސްކޮށްފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސޮސިއެޑާޑަށް ބަދަލުވި ޑޭވިޑް ސިލްވާ ހިމަނައިގެން އެ ޓީމުން ކުޅުނު ރޭގެ މެޗުގައި ޒުވާން ފޯވާޑް އަލެކްސަންޑަ އައިސާކް ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ސޮސިއެޑާޑްގެ އެންޑަ ބަރެނެޓްސެއާ ޖެހި ބޯޅަ ދިޔައި އަަރިމަތިން ބޭރުންނެވެ.
ރެއާލަށް ލަނޑު ޖަހައިދޭން ކަރީމް ބެންޒެމާ ޖެހި ބޯޅަ ސޮސިއެޑާޑްގެ ކީޕަރު އަލެކްސް ރެމީރޯ ވަނީ މަތަކޮށްފަ އެވެ. ފަހުން ދެނީ ކާވަހާލް އާއި ޓޯނީ ކްރޫސް ޖެހި ބޯޅަ ވެސް ކީޕަރު ރެމީރޯ ވަނީ ހުއްޓުވައިފަ އެވެ.
އެޑެން ހަޒާޑް އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅޭއިރު، ރެއާލްގެ އެޓޭކްގައި ދެން ތިބީ ޒުވާން ދެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރީގޯ އެވެ. އެ ދެ ކުޅުންތެރިންނަށް ވެސް ރޭގެ މެޗުގައި އެ ޓީމުގެ ކުރީގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ރެއާލުން ވަނީ ރޭގެ މެޗުގައި މާޓިން އޮޑެގާޑް ވެސް ކުޅެން އަރުވައިފަ އެވެ. އޮޑެގާޑް ވަނީ މިދިޔަ ސީޒަނުގައި ސޮސިއެޑާޑްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ބޭނުންވީ މޮޅަކުން ފަށަން ކަމަށާއި މި ނަތީޖާއާ މެދު މާޔޫސްވާ ކަމަށެވެ.
"ޔަގީނުން ވެސް މިއީ ދެ ޕޮއިންޓްގެ ގެއްލުމެއް. ލަނޑު ޖަހާނެ ފުރުސަތު ލިބިފައި ބޭނުން ނުކުރެވުމަކީ ހިތާމައެއް. ޑިފެންސް ރަނގަޅު އަހަރެމެން ކޮޅަށް ލަނޑެއް ނުވަދޭ. ދެން ހުރި މެޗުތަކަށް އެޓޭކް ރަނގަޅުކުރަން ޖެހޭ،" ޒިދާން ބުންޏެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލްގެ ގަރެތު ބޭލް އާއި ހަމޭސް ރޮޑްރިގޭޒް އެ ކްލަބް ދޫކޮށްލާފައިވާއިރު، ބަދަލުގައި އެހެން ކުޅުންތެރިން ނުހޯދުމަކީ ރެއާލަށް މައްސަލައަކަށް ވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒިދާން ބުނީ އެއީ އޭނާ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy