06 އޮކްޓޯބަރ 2020 - 09:46
މެޑްރިޑް (އޮކްޓޫބަރު 6) - ވުލްވްސް އަށް ކުޅެމުން އަންނަ ހަލުވި ވިންގް އެޑަމާ ޓްރައޮރޭ އަށް މާލީ އަށް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލައި ސްޕެއިން ގައުމީ ޓީމާ ގުޅިއްޖެ އެވެ.
އުމުރުން 24 އަހަރުގެ އެޑަމާ ސްޕެއިނަށް އުފަންވި ނަމަވެސް އޭނާގެ އާއިލާ ނިސްބަތްވަނީ މާލީ އަށެވެ. މީގެ ކުރިން ސްޕެއިންގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުނު ނަމަވެސް އެޑަމާ އަދި ރަސްމީ މެޗެއްގައި ސްޕެއިން ސީނިއާ ޓީމަށް ނުކުޅެ އެވެ. މިދިޔަ މަހު ސްޕެއިން ކުޅެން އޮތް ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެޑަމާ ސްކޮޑަށް ނެގި ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މެޗު ކުޅެވޭ ގޮތެއްނުވި އެވެ.
ފާއިތުވި 18 މަސް ދުވަހު މާލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެކި ގޮތްގޮތުން އެޑަމާ މާލީ ގައުމީ ޓީމަށް ކުޅޭތޯ ވާހަކަ ދައްކައިފަ އެވެ. އެހެން ވާހަކަ ދިގުލައި ގޮސް ގޮތެއް ނުނިމިގެން އެންމެ ފަހުން މާލީ ކޯޗު މުހައްމަދު މަގަސޫބާ ވަނީ މި މަހު އީރާން އާއި ގާނާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި 31 ކުޅުންތެރިންގެ ސްކޮޑުގައި އެޑަމާ ހިމަނައިފަ އެވެ. އެއީ ފަހު ވަގުތު ވެސް އެޑަމާގެ ހިޔާލު ބަދަލުވެ އޭނާ މާލީ އަށް ކުޅެފާނެ ކަމަށް ހީކޮށެވެ.
އެހެން ނަމަވެސް ކުރިން ބާސެލޯނާ ޔޫތު ޓީމާއި އެސްޓަން ވިލާ އަށް ކުޅުނު އެޑަމާ ނިންމީ މާލީގެ ފުރުސަތު ދޫކޮށްލައި އޭނާ އުފަންވި ގައުމު ސްޕެއިނަށް ކުޅޭށެވެ. ސްޕެއިނުން މި މަހު 10 ވަނަ ދުވަހު ނޭޝަންސް ލީގުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗާއި އޭގެ ތިން ދުވަސް ފަހުން ޔޫކްރޭނާ ބައްދަލުކުރާ މެޗުގެ ތެރެއިން އެއް މެޗެއްގައި ވެސް އެޑަމާ ކުޅެފިނަމަ ދެން އޭނާ އަށް މާލީ އަށް ކުޅުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
ބާސެލޯނާގެ ލަ މާސިއާގައި ޔޫތު ކެރިއަރު ހޭދަކުރި ނަމަވެސް އެޑަމާ އަށް ސީނިއާ ޓީމުން ފުރުސަތު ނުލިބޭތީ އޭނާ އެންމެ ފުރަތަމަ ބަދަލުވި އިނގިރޭސި ކްލަބަކީ އެސްޓަން ވިލާ އެވެ. އޭގެ ފަހުން މިޑްލްސްބަރާ އަށް ކުޅުމަށް ފަހު މިހާރުގެ ކްލަބް ވުލްވްސްއާ ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ އަންނަނީ އެ ޓީމުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެންވެ ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ވެސް އެޑަމާ އަށް ވަނީ ލިބިފަ އެވެ.
ސްޕެއިނުން ވަނީ ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފާޓީ އަށް ސްޕެއިންގެ ރަށްވެހިކަންދީ އޭނާ ލައްވައި ސްޕެއިން ގައުމީ ޓީމަށް ކުޅުވާފަ އެވެ. ޕޯޗުގީސް ކޮލޮނީއެއްގެ ގޮތުގައި މީގެ ކުރިން އޮތް ގިނީ ބިސާއު އަށް އުފަން ފާޓީ އަށް ސްޕެއިން ރަށްވެހިކަން ދިނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ މި ފަހަރު ނެގި ސްކޮޑުން ވެސް ފާޓީ އަށް ވަނީ ފުރުސަތު ދީފަ އެވެ.
މާލީ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ އެވަޓަންގެ މިޑްފީލްޑަރު އަބްދުﷲ ޑޮކޫރޭ ލައްވައި މާލީ އަށް ކުޅެވޭތޯ މަސައްކަތްކުރަމުންނެވެ. ޑޮކޫރޭ ވަނީ ޔޫތު ލެވަލްގައި ފްރާްންސް ޓީމަށް ކުޅެފަ އެވެ. އެކަމަކު ސީނިއާ ޓީމަށް މިހާތަނަށް މެޗެއް ނުކުޅޭތީ އާއިލީ ގޮތުން އޭނާ ގުޅިފައި އޮތް މާލީ އަށް ކުޅުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy