ޕްރިމިއާ ލީގުގެ މެޖޯރިޓީ އާ ޕްރޮޕޯސަލާ ދެކޮޅު

ލަންޑަން (އޮކްޓޫބަރު 15) - އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުގެ އެހީތެރިކަމާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ފޯމެޓާއި ލީގުގެ ބޮޑެތި ކަންތައްތަކެއް ބަދަލުކުރަން ރާވަމުން އަންނަ "ޕްރޮޖެކްޓް ބިގް ޕިކްޗާ" ޕްރޮޕޯސަލަށް ލީގުގެ ޕެޖޯރިޓީ ކްލަބްތަކުން ދެކޮޅު ހަދައިފި އެވެ.


އިނގިރޭސި ދަށް ޑިވިޝަންތައް ހިންގާ އީއެފްއެލް އިން ވަނީ ޕްރޮޖެކްޓް ބިގް ޕިކްޗާ އަށް ތާއީދު އޮތްކަމަށް މީޑިއާގައި ބުނެފަ އެވެ. އެކަމަކު ޕްރިމިއާ ލީގުން ވަނީ އެ ކަމާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ. ޕްރިމިއާ ލީގުން ބުނެފައިވަނީ ވަކި ބަޔެއްގެ މަންފާ އަށް ލީގުގެ ބޮޑެތި ކަންތައްތަކެއް މި ފަދަ އުނދަގޫ ވަގުތެއްގައި ބަދަލުތަކެއް ގެނައުމަކީ ގޯސްތަކަކަށް ދޮރު ހުޅިވިގެންދާނެ ކަމެއް ކަމަށާއި ލީގުގެ ކަންކަމަށް ބަދަލެއް ގެންނަަނަމަ ހުރިހާ ކްލަބެއް ހިމެނޭގޮތަށް ޕްރޮޕޯސަލެއް ރޭވުން މުހިއްމު ކަމަށެވެ.

ޕްރޮޕޯސަލުގައި ހުރި ޕްރިމިއާ ލީގުގެ ބަދަލުތައް ހިމަނައިގެން ފުޓްބޯޅަ ފޯމެޓް އެކުލަވާލަން ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެރެއިން 14 ކްލަބެއްގެ ވޯޓު ބޭނުންވާނެ އެވެ. އެކަމަކު ޕްރިމިއާ ލީގުގެ މެޖޯރިޓީ ކްލަބްތަކުން ވަނީ މި ޕްރޮޕޯސަލަށް ވޯޓު ނުދޭން ނިންމައިފަ އެވެ. އެއީ މީގައި ހުރި ކަންތައްތައް ފުރިހަމަވެއްޖެނަމަ ފައިދާ ވާނީ ހަމައެކަނި ވަކި ކްލަބްތަކަށް ކަމަށްވާތީ އެވެ. ރިޕޯޓްތައް ބުނާގޮތުން ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެރެއިން 15 ކްލަބް މި ޕްރޮޕޯސަލަށް ވޯޓު ނުދޭނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕްރޮޕޯސަލްގެ ފަހަތުގައި ތިބީ އިނގިރޭސި ޕްރިމިއާ ލީގަށް ހަރަދުކުރާ އެމެރިކާ އަށް ނިސްބަތްވާ މަހުޖަނުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި އާސެނަލްގެ އިނގިރޭސި ވެރިން ވެސް ހިމެނޭ ކަމަށްވެ އެވެ. އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕްރޮޖެކްޓް ބިގް ޕިކްޗާ އިން ދުރު މުސްތަގުބަަލަށް ވިސްނައި އެމެރިކާ މަހުޖަނުން ހާސިލްކުރަން ބޭނުންވަނީ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އެންބީއޭ އާއި އެމެރިކަން ފުޓްބޯޅަ އެންއެފްއެލް އިން ލިބޭ ފަދަ މާލީ މަންފާތަކެވެ.

"ޕްރޮޖެކްޓް ބިގް ޕިކްޗާ" ޕްރޮޕޯސަލްގައި ވާގޮތުން ޕްރިމިއާ ލީގުގެ ޓީމުތަކުގެ އަދަދު 20 އިން 18 އަށް ކުޑަކުރާނެ އެވެ. އަދި އިނގިރޭސި ލީގު ކަޕް އުވާލުމުގެ އިތުރުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗު ވެސް ނުބާއްވާނެ އެވެ. މީގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕަށް ސީދާ ޕްރިމިއާ ލީގުން ޖާގަ ދޭ ގޮތަށް ހިމެނުމާއި ޕްރިމިއާ ލީގުގެ 16 ވަނައިގައި ނިންމާ ޓީމު ޕްލޭއޮފްގައި ކުޅެން ޖެހޭ ގޮތް ހަދަން ޕްރޮޕޯސަލްގައި ހުށަހަޅާފައިވެ އެވެ. އަދި ޕްރިމިއާ ލީގުގައި ގިނަ ދުވަސްވީ ނުވަ ކްލަބަކަށް ވޯޓު ލުމުގައި ހާއްސަ އިހުތިޔާރެއް ދޭ ގޮތަށް ހިމެނުމާއި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތުން އަރައިގަންނަން މި ވަގުތު 250 މިލިއަން ޕައުންޑްގެ ރެސްކިއު ފަންޑެއް އެކުލަވާލުން ހިމެނެ އެވެ. މީގެ އިތުރުން ދަށް ޑިވިޝަނުގެ ޓީމުތަކަށް މުސްތަގުބަލުގައި ޓީވީ ރައިޓްސް އިން ލިބޭ އާމްދަނީގެ 25 ޕަސެންޓް ދޭ ގޮތަށް ގަވާއިދު އެކުލަވައިލުމުގެ އިތުރުން އެފްއޭގެ އަށް ލިބެމުން އަންނަ މާލީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 100 މިލިއަން ޕައުންޑް ހޯދުން ވެސް ހިމެނެ އެވެ.