އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
12 އޮކްޓޯބަރ 2020 - 09:40
ލަންޑަން (އޮކްޓޫބަރު 12) - އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުގެ އެހީތެރިކަމާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ފޯމެޓް ބަދަލުކުރަން ހުށަހަޅާފައިވާއިރު، ޕްރިމިއާ ލީގުގެ ބޯޑުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
"ޕްރޮޖެކްޓް ބިގް ޕިކްޗާ"ގެ ނަމުގައި ހުށަހަޅަން ތައްޔާރުކުރަމުން އަންނަ ޕްރޮޕޯސަލްގައި ވާގޮތުން ޕްރިމިއާ ލީގުގެ ޓީމުތަކުގެ އަދަދު 20 އިން 18 އަށް ކުޑަކުރާނެ އެވެ. އަދި އިނގިރޭސި ލީގު ކަޕް އުވާލުމުގެ އިތުރުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗު ވެސް ނުބާއްވާނެ އެވެ. މީގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕަށް ސީދާ ޕްރިމިއާ ލީގުން ޖާގަ ދޭ ގޮތަށް ހިމެނުމާއި ޕްރިމިއާ ލީގުގެ 16 ވަނައިގައި ނިންމާ ޓީމު ޕްލޭއޮފްގައި ކުޅެން ޖެހޭ ގޮތް ހަދަން ޕްރޮޕޯސަލްގައި ހުށަހަޅާފައިވެ އެވެ.
އާ ޕްރޮޕޯސަލަށް ލިވަޕޫލާއި ޔުނައިޓެޑްގެ ރުހުން ލިބިފައިވާއިރު، އެ ޕްރޮޕޯސަލާ ގުޅޭގޮތުން ވަރަށް އަވަހަށް މެންޗެސްޓާ ސިޓީ، ޓޮޓެންހަމް، ޗެލްސީ އަދި އާސެނަލާ ވެސް މަޝްވަރާކުރާނެ އެވެ. މި ޕްރޮޕޯސަލުގައި ހުރި ޕްރިމިއާ ލީގުގެ ބަދަލުތައް ހިމަނައިގެން ފުޓްބޯޅަ ފޯމެޓް އެކުލަވާލަން ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެރެއިން 14 ކްލަބެއްގެ ވޯޓު ބޭނުންވާނެ އެވެ. އަދި ދެ ވަނަ ޑިވިޝަނުގެ ޕްރޮމޯޝަން މައްސަލައިގައި ވޯޓު ނަގާނީ ދެ ޑިވިޝަން ހިމެނޭ ގޮތަށެވެ.
އިނގިރޭސި މީޑިއާގައި "ޕްރޮޖެކްޓް ބިގް ޕިކްޗާ" ޕްރޮޕޯސަލްގެ ވާހަކަތައް އާންމުވާން ފެށުމާ އެކު އެކަމާ ގުޅޭގޮތުން ޕްރިމިއާ ލީގުން ވަނީ ބަޔާނެއް ނެރެފަ އެވެ. ޕްރިމިއާ ލީގުގެ ބަޔާނުގައި ބުނެފައިވަނީ އިނގިރޭސި ލީގަކީ މުޅި ދުނިޔޭގައި ވެސް ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ މުބާރާތެއް ކަމަށާއި ގިނަ ބަޔަކު ބަލައިގަނެފައިވާ މި މުބާރާތަށް މި ފަދަ މާލީ ގޮތުން އުނދަގޫތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ބޮޑު ބަދަލުތަކެއް ގެންނަން ވިސްނުމަކީ ކުރުން ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.
"ވަކި ކްލަބްތަކެއް ނޫނީ ވަކި ބަޔަކު އިސްވެ ތިބެގެން ކަމެއް ކުރުމަށް ވުރެ މީގައި އެންމެ މުހިއްމު ކަމަކީ އޮންނަ އުސޫލުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު ކުރިއަށް ދިއުން. ފުޓްބޯޅައިގެ ކުރިމަގަށް ރަނގަޅު ބަދަލުތަކަށް އަބަދުވެސް މަރުހަބާ ކިޔާނަން،" ޕްރިމިއާ ލީގުގެ އޮފިޝަލަކު ބީޓީ ސްޕޯޓްސް އަށް ބުނެފައިވެ އެވެ.
އާ ޕްރޮޕޯސަލްގައިވާ ގޮތުން ޕްރިިމިއާ ލީގުގައި ގިނަ ދުވަސްވީ ޓީމުތަކަށް ލީގުގެ ވޯޓިން ސިސްޓަމުގައި ބާރު ލިބޭގޮތަށް ހިމެނިފައިވީ ނަމަވެސް ޕްރިމިއާ ލީގު މެދުވެރިކޮށް ލިބޭ ބޮޑު އާމްދަނީގެ ބައެއް ދަށް ޑިވިޝަނުގެ ކުރިއެރުމަށް ވެސް ހަރަދުކުރެވޭ ގޮތްވާނެ އެވެ. އެ ފަދަ ފުރުސަތުތަކެއް އާ ޕްރޮޕޯސަލުން ހުރުމާ އެކު އީއެފްއެލްގެ ޗެއާމަން ރިކް ޕެރީ ވަނީ މި ބަދަަލަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ ނަޒަރުގައި އިނގިރޭސި ފުޓްބޯޅައިގެ ބާރުތައް ބެހިފައި އޮންނަ ގޮތުން މިހާރު ވެސް ދަށް ޑިވިޝަންތަކުގައި އޮތީ މާ މާލީ ގޮތުން ފުދުންތެރި ޓީމުތަކެއް ނޫނެވެ. އެހެންވެ އާ ޕްރޮޕޯސަލްގައި ހުރި ބަދަލުތަކާ އެކު ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ލިބޭ މާލީ އެހީތަކުގެ ސަބަބުން އަމިއްލަ ފައިމައްޗަށް ތެދުވަން ގިނަ ކްލަބްތަކުން ކުރާ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ދެކެ އެވެ.
"އިނގިރޭސި ފުޓްބޯޅައިގެ ކުރިމަގު އޮތީ ހަމައެކަނި ޕްރިމިއާ ލީގު ރަނގަޅުވެގެނެެއް ނޫން. މީގައި އެބަޖެހޭ މުޅި ފުޓްބޯޅަ ރަނގަޅުވާން. މުޅި ފުޓްބޯޅަ އަށް ބަދަލެއް ގެންނަނަމަ ހަަމަހަމަ ފުރުސަތުތަކެއް ކުރިއެރުމުގައި ވެސް އޮންނަންވާނެ. ޕްރޮޖެކްޓް ބިގް ޕިކްޗާ އިން އެ ފުރުސަތަށް ދޮރު ހުޅުވޭ،" ލިވަޕޫލްގެ ކުރީގެ ޗީފް އެގްޒެކްޓިވްގެ މަގާމު ފުރުއްވި ޕެރީ ވިދާޅުވި އެވެ.
އީއެފްއެލްގެ ޗެއާމަން ޕެރީ "ޕްރޮޖެކްޓް ބިގް ޕިކްޗާ" ބަލައިގަންނަކަން މީޑިއާގައި އިއުލާންކުރެއްވުމަކީ ޕްރިމިއާ ލީގުން ކަންބޮޑުވާ ކަމެއް ކަމަށް އެ ލީގުން ނެރުނު ބަޔާނުގައިވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮރީނިއޯ
12 October 2020
މި ފޯމެޓު ކަޑަ.
ލާސާނީ
12 October 2020
މަރުހަބާ މައުމޫން އަބްދުލް ޤައްޔޫމް.. އަދި ލިވަފޫލްގެ ހުރިހާ ސަޕޯޓަރުން.
ރަދީފްއޮފިޝިއަލް
12 October 2020
މަރުހަބާ ސުޒޭން.