ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު ވެސްޓް ހޭމްގެ ލަންޒީނީ (ކ) އާއި ޑެކްލަން ރައިސް (މ) އަދި ރޮބަޓް ސްނޮޑްގްރާސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
19 އޮކްޓޯބަރ 2020 - 09:34
ލަންޑަން (އޮކްޓޫބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ބޮޑު ލީޑެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ކޮޅަށް ފަހު ވަގުތު ވަން ގޯލުތަކާ އެކު 3-3 އިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވިއިރު، ލެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި އެސްޓަން ވިލާ އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައި ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި މިހާތަނަށް މެޗުން ބަލިނުވެ އޮތީ އެއް ވަނައިގައި އޮތް އެވަޓަން އާއި ދެ ވަނައިގައި އޮތް އެސްޓަން ވިލާ އެވެ. އެވަޓަން އަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އެސްޓަން ވިލާ އަށް ހަތަރު މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.
ޓޮޓެންހަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 16 މިނިޓް ތެރޭ އެ ޓީމުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު 45 ސިކުންތު ތެރޭގައި ހެރީ ކޭން ދިން ބޯޅައަކުން ޖެހީ މި ވަގުތު ތަފާތު ފޯމެއްގައި ހުރި ސޮން ހެއުން މިން އެވެ. މެޗުގެ އަށް ވަަނަ މިނިޓްގައި އޭރިއާ ބޭރުން ޖެހި ޝޮޓަކުން ކޭން ޓޮޓެންހަމްގެ ލީޑުފުޅާކޮށްދިންއިރު، 16 ވަނަ މިނިޓްގައި ކޭން އެ ޓީމުގެ ތިން ވަނަ ގޯލު ޖެހީ ސާޖިއޯ ރެގީލޯން ނެގި ހުރަހަކުން ބޮލުންނެވެ.
ޓޮޓެންހަމްގެ ކެޕްޓަން ކޭން ރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
މި މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޓޮޓެންހަމުން ވަނީ ގަރެތު ބޭލް ކުޅެން އަރުވައިފަ އެވެ. ރެއާލް މެޑްރިޑުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ބޭލް އެނބުރި އައިސް ޓޮޓެންހަމަށް ކުޅެދިން ފުރަތަމަ މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް އޭނާ އަތުން ބޭކާރުވި އެވެ.
ޓޮޓެންހަމް މޮޅުވާނެ ކަމަށް ފަސޭހަކޮށްލައިގެން ތިއްބައި ވެސްޓް ހޭމް އިން ނަތީޖާ އަނބުރާލީ އިތުރު ވަގުތާ އެކު ފަހު 10 މިނިޓް ތެރޭގަ އެވެ. މެޗުގެ 82 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ވެސްޓް ހޭމްގެ ފުރަތަމަ ގޯލު ޖެހީ ފަބިއަން ބަލްބުއޭނާ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޓޮޓެންހަމްގެ ޑަވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ގޯލެއް ވަދެ ވެސްޓް ހޭމް އަށް މެޗުން ޕޮއިންޓެއް ލިބުމުގެ އުއްމީދު ބޮޑުވި އެވެ. އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ވެސްޓް ހޭމް އަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާޖެންޓީނާގެ މިޑްފީލްޑަރު މެނުއަލް ލަންޒީނީ އެވެ. އޭރިއާ ބޭރުން ލަންޒީނީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އެންމެ ފަސޭހަ ގޮތަކީ ވެސްޓް ހޭމް އިން ކުރި މަސައްކަތަށް ތައުރީފުކުރުން ކަމަށާއި އެކަމަކު ވެސްޓް ހޭމްގެ ނަސީބު ރަނގަޅުކަން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ޓޮޓެންހަމް އަތުން ޕޮއިންޓް ގެއްލުނީ ބަދުނަސީބު ވުމުން ކަމަށް ބެލެވޭނެ ޖާގަ އޮތީ މުޅި މެޗު ކޮންޓްރޯލްކޮށްފައި އެކަށީގެންވާ ވަރަށް ގޯލު ނުޖެހުމުން ކަމަށް މޮރީނިއޯ ފާހަގަކުރި އެވެ.
އެސްޓަން ވިލާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އަނިޔާގެ ސަބަބުން ޖޭމީ ވާޑީ ނުލައި ރޭ ލެސްޓާ ސިޓީން ކުޅުނުއިރު، އެ ޓީމަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްނުކުރެވުނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އިތުރު ވަގުތުގައި އެސްޓަން ވިލާ އަށް ކާމިޔާބުކޮށްދިނީ ރޮސް ބާކްލީ އެވެ. ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ބާކްލީ މި ގޯލު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ޝޮޓަކުންނެވެ.
މިއީ 1930-1931 ވަނަ އަހަރަށް ފަހު އެސްޓަން ވިލާ އިން ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅުވި ފުރަތަމަ ފަަހަރެވެ. އެ ފަހަރު އެ ޓީމުން ވަނީ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. އަނެއް ކޮޅުން މިއީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ފަހު ލެސްޓާ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ބްރައިޓަން 1-1 އިން އެއްވަރުވިއިރު، ޝެފީލްޑް ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު ވެސް ނިމުނީ ހަމަ 1-1 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy