ކުޅިވަރު / ފުޓްބޯޅަ

ފީފާއިން ފުޓްބޯޅަ އޭޖެންޓުންނަށް ލައިސަންސެއް ތައާރަފްކުރަނީ

ޒްލަޓަން އިބްރަހިމޮވިޗް (ވ) އޭނާގެ އޭޖެންޓް މިނޯ ރައިއޯލާއާ އެކު: ފުޓްބޯޅަ އޭޖެންޓުންގެ ތެރެއިން އެންމެ ގިނަ ފިޔަވަޅު އެޅި އެއް އޭޖެންޓަކީ ރައިއޯލާ.--- ފޮޓޯ: އޭއެފްޕީ

06 ނޮވެމްބަރ 2020 - 12:01

ޒިއުރިކް (ނޮވެމްބަރު 6) - ކުޅުންތެރިން މެދުވެރިކޮށް ކޮރަޕްޝަނާއި މަނީ ލޯންޑަރިން ފަދަ ކަންތައްތައް ހުއްޓުވުމުގެ ގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފުޓްބޯޅަ އޭޖެންޓުންނަށް ލައިސަންސެއް ތައާރަފްކުރަން މަޝްވަރާކުރަން ފަށައިފި އެވެ.

ފުޓްބޯޅައިގެ ތެރެއިން އޭޖެންޓުން ކުޅުންތެރިން މެދުވެރިކޮށް ނާޖާއިޒު ފައިދާތައް ނަގާ މައްސަލައިގައި ހައްލެއް ހޯދުމުގެ ގޮތުން އެންމެ ފުރަތަަމަ ފީފާ އިން މަޝްވަރާތައް ފެށީ 2018 ވަނަ އަހަރު އެވެ. ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކާއި ހޯދުނު ހޯދުންތަކަށް ފަހު މިހާރު ފީފާގެ ލީގަލް ޑިޕާޓްމަންޓުން އަންނަނީ ކަރުދާހެއްގައި އެ މުޅި ޕްލޭން އެކުލަވާލައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ފުޓްބޯޅަ އޭޖެންޓުން ފީފާގައި ރަޖިސްޓްރީ ކޮށްފައިވާ ބަޔަކަށް ހެދުމެވެ.

ފީފާގެ ޗީފް ލީގަލް އެންޑް ކޮމްޕްލަޔަންސް އޮފިސަރު އެމިލީއޯ ގާސިއާ ވިދާޅުވީ ކަރުދާހާ ހަމައަށް ގެނެވިފައިވާ ޕްލޭނުގައި ގިނަ ކަންތައްތަކެއް ހިމެނިގެންދާނެ ކަމަށާއި އުއްމީދަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ފީފާ ކޮންގްރެސްގައި މި ކަންކަން ފާސްވެގެން ދިއުން ކަމަށެވެ.

މީގެ ކުރިން އޭޖެންޓް ލައިސަންސްގެ މަސައްކަތްތައް ކުރަމުން ދިޔައީ ވަކިވަކި މެމްބަރު އެސޯސިއޭޝަންތަކުންނެވެ. އެކަމަކު މެމްބަރު އެސޯސިއޭޝަންތަކުން އޭޖެންޓުންގެ ލައިސަންސް ދޫކުރާ ގޮތްތަކުގެ ތެރޭގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އޮތުމާއި އުސޫލުން ބޭރުން ވަކި އޭޖެންޓުންނަށް ކަންތައްތައް ކޮށްދިނުން ފަދަ ކަންތައްތައް ހިމެނޭތީ 2015 ވަނަ އަހަރު ފީފާ އިން ވަނީ އެ ގޮތަށް އޭޖެންޓުންގެ ލައިސަންސް ކަންތައްތައް ކުރިއަށް ނުގެންދަން އަންގައިފަ އެވެ. އެއީ ފީފާ އިން ވެސް އެކަމަށް ހައްލެއް ހޯދަން މަސަައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އޭޖެންޓުންނާއި މެމްބަރު މެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގެ ގެއްލުން ކުޅުންތެރިންނަށް ނުލިބޭނެ ފަދަ ގޮތަކަށް ހެދުމަށެވެ.

އޭޖެންޓުންގެ އުސޫލުތައް އެކުލަވާލުމުގައި ފީފާ އިން ވަނީ ސްވިޒަލެންޑާއި ދުނިޔޭގެ އެކި ގައުމުތަކުގެ ޕްރޮސެކިއުޓަރުންގެ ހިޔާލު ހޯދައިފަ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ހާއްސަކޮށް ޔޫރަޕްގައި އަންނަނީ ފުޓްބޯޅަ އޭޖެންޓުންގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންނެވެ.

ގާސިއާ ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން ފީފާ އިން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން އޭޖެންޓުންނަށްޓަކައި ތައްޔާރުކުރާ މި އޮނިގަނޑުގެ ފައިދާ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭގޮތުގައި މި ވަގުތު އެ ބައްރުގެ ފުޓްބޯޅަ ކުރިއެރުމުގައި ހުރި ހުރަސްތަކުގެ ތެރޭގައި އޭޖެންޓުންގެ ނުފޫޒު ހިމެނެ އެވެ. ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ މުއްސަނދި ފުޓްބޯޅަ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން މިދިޔަ ސީޒަން އެކަނި ވެސް ވަނީ އޭޖެންޓް ފީގެ ގޮތުގައި 341 މިލިއަން ޑޮލަރު ދައްކައިފަ އެވެ. މުޅި ޔޫރަޕަށް ބަލާއިރު ފާއިތުވި ފަސް އަހަރު ތެރޭ އޭޖެންޓް ފީގެ ގޮތުގައި ދެ ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފުޓްބޯޅަ އޭޖެންޓުންނަށް އާމްދަނީ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454