15 ނޮވެމްބަރ 2020 - 11:00
ބާސެލޯނާ (ނޮވެމްބަރު 15) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ގަދަކަމުން އެ ޓީމުގައި މަޑުކުރުވުމަކީ ހައްލެއް ނޫން ކަމަށް ކުރިން ބާސެލޯނާ އަށް ކުޅުނު ޕޯޗުގީސް ތަރި ލުއިސް ފީގޯ ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ބާސެލޯނާ ދޫކޮށްލަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. މެސީ ބޭނުންވީ އޭނާ ކޮންޓްރެކްޓްގައި ހިމެނޭ މާއްދާއެއް ބޭނުންކޮށް ކޮންމެ ސީޒަނެއް ނިމުމުން އޮންނަ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅައި ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކާ ގުޅޭށެވެ. ބާސެލޯނާ އިން ބުނަނީ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ދެވޭ މާއްދާގެ މުއްދަތު ހަަމަވެފައިވާ ކަމަށާއި މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ 700 މިލިއަން ޔޫރޯ އަށް ކަމަށެވެ. ބާސެލޯނާގެ އެ ވާހަކަތަކަށް ބާރު ލިބުނީ ލަލީގާ އިން ވެސް އެ ގޮތަށް ނިންމައި ބަޔާނެއް ނެރުމުންނެވެ. މެސީ ހޯދަން އެންމެ މަސައްކަތްކުރީ މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން އަށް އެ އަގުދެވޭނެ ގޮތެއް ނެތި އެންމެ ފަހުން އޭނާ ބާސެލޯނާގައި މަޑުކުރީ އެވެ.
މި ސީޒަނުގެ ނިޔަލަށް ބާސެލޯނާއާ އެކު މެސީ ކޮންޓްރެކްޓްގައި ހުރިއިރު، ޖެނުއަރީ މަހު އޭނާ ބޭނުންނަމަ އިހުތިޔާރުކުރާ ޓީމަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ. ފީގޯ ބުނީ މީގެ ކްލަބާއި ކުޅުންތެރިއާގެ މަސްލަހަތު ނުގެއްލޭ ގޮތަކަށް ނިންމުން ރަނގަޅު ކަމަށެވެ.
"މެސީ ފަދަ ކުޅުންތެރިއަކު ބާސެލޯނާ ދޫކޮށްލަން ނިންމަންޖެހޭ ސަބަބުތަކެއް ހުންނާނެ. އަހަންނަށް ނޭނގޭ ކުރިން ވެފައި ހުރި ކަމެއް. ޔަގީންކަމާ އެކު ބުނަން އެނގޭ އެއްޗަކީ ގަދަކަމުން ކްލަބްގައި އޭނާ (މެސީ) މަޑުކުރުވުމަކީ މީގައި ހައްލެއް ނޫން ކަން. އެކަމުން ކުޅުންތެރިޔާ އަށް ވެސް ކްލަބަށް ވެސް ވާނީ ގެއްލުން،" ސްޕެއިނުގެ ނޫހެއްގެ އިވެންޓެއްގެ ތެރެއިން ފީގޯ ބުންޏެވެ.
ކުރިން ބާސެލޯނާގެ އިތުރުން ރެއާލް މެޑްރިޑަށް ވެސް ކުޅުނު ފީގޯ ބުނީ ކޮންމެ ކްލަބަކުން ވެސް މެސީ ފަދަ ހުނަރުވެރި ކުޅުންތެރިއެއް ބޭނުންވާނެ ކަމަށާއި އެހެން ނަމަވެސް މެސީ ގެންދެވޭނެ ފެންވަރު ނެތި އެކަން ކުރަން އުޅުމަކީ ރަނގަޅުކަމަކަށް ނުވާނެ ކަމަށެވެ.
"މީގައި އެބަ ބަލާލަންޖެހޭ ކިހިނެއްތޯ މެސީ ގެންދަން ބޭނުންވާ ކްލަބްގެ މާލީ ހާލަތު ހުރީ. އެކަން ކުރެވޭނެ ސީދާ މަގެއް ނެތި މެސީ ގެންދަން އުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިސާލަކަށް ބާސެލޯނާގެ މާލީ ހާލަތު މި ވަގުތު މެސީ ބޭނުންވާ މުސާރަ ދީގެން ކުރިއަށް ދެވެން ނެތިއްޔާ އޭނާ ދޫކޮށްލުމަކީ ވެސް ދުރުގައި އޮތްކަމެއް ނޫން،" ފީގޯ ބުންޏެވެ.
މެސީގެ މުސްތަގުބަލާ ބެހޭގޮތުން ގިނަ ވާހަަކަތަކެއް މީޑިއާގައި ދެކެވެމުން އަންނަ ކަމަށާއި މީގައި ގޮތެއް ފައިނަލްވާނީ މެސީ އަމިއްލަ އަށް އޭނާ އަށް ރަނގަޅު ގޮތެއް ނިންމުމުން ކަމަށް ފީގޯ ބުންޏެވެ. އަދި އާއްމު ގޮތެއްގައި ކުޅުންތެރިއަކު ކްލަބެއް ދޫކޮށްލަން ނިންމައިފިނަމަ އެ ނިންމުން ބަދަލުކުރަން ވަރަށް އުނދަގޫވާކަން ފީގޯގެ ވާހަކަގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy