ކުޅިވަރު / ފްރާންސް ލީގު

މޮނާކޯ އިން ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށްފި

ޕީއެސްޖީގެ ނޭމާ (ކ) ކައިރިން މޮނާކޯގެ ފަބްރެގަސް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

21 ނޮވެމްބަރ 2020 - 10:13

ޕެރިސް (ނޮވެމްބަރު 21) - ފްރެންޗް ލީގުގައި ރޭ މޮނާކޯ އިން ފަހަތުން އަރައި 3-2 އިން ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު އެއް ވަނައިގައި ޕީއެސްޖީގެ ލީޑުކުޑަވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ޕީއެސްޖީ މި ވަގުތު އެެއް ވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު މޮނާކޯ ދެ ވަނަ އަށް ޖެހިލީ 11 މެޗުން 20 ޕޮއިންޓް ހަަމަކޮށްގެންނެވެ. ތިން ވަނައިގައި އޮތް ލިލް މާދަމާރޭ ލޮރިއެންޓް އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް 11 މެޗުން 22 ޕޮއިންޓް ލިބި ޕީއެސްޖީގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ. މި ހަފްތާގެ މެޗުތައް ނިމުމުން މޮނާކޯ ފަހަތަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.

މޮނާކޯ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ޕީއެސްޖީން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަމުންދިޔަ އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ޕީއެސްޖީގެ އެންހެލް ޑި މާރިއާ ދިން ބޯޅައަކުން ޕީއެސްޖީ އަށް ލީޑުނަގައިދިނީ ކީލިއަން އެމްބާޕޭ އެވެ. މެޗުގެ 37 ވަނަ މިނިޓްގައި ރަފީނިއާ އަލްކަންޓާާރާ އަށް މޮނާކޯ ކުޅުންތެރިއަކު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން އެމްބާޕޭ ވަނީ ޕީއެސްޖީގެ ލީޑުފުޅާކޮށްފަ އެވެ. އޭގެ ފަހުން ޕީއެސްޖީގެ މޮއިސް ކީން އާއި އެމްބާޕޭ ޖެހި ގޯލުތައް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ކަނޑައަޅައިފަ އެވެ.

ޕީއެސްޖީގެ ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި ތިން ވަނަ ލަނޑެއް ޖަހަން ޕީއެސްޖީން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، މޮނާކޯ އިން ދެ ވަނަ ހާފުގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެސްކް ފަބްރެގަސް އަށެވެ. މެޗުގެ 52 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ކެވިން ވޮލަންޑް ވަނީ މޮނާކޯ އަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. މޮނާކޯ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. ފަބްރެގަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލު ޖެހީ ވޮލަންޑް އެވެ.

ޕީއެސްޖީން ނޭމާ ކުޅެން އަރުވައި އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރަމުން ދަނިކޮށް މޮނާކޯ ލަނޑެއް ޖަހައި މެޗުން މޮޅުވީ އެވެ. މޮނާކޯ މޮޅުކޮށްދިން ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކާމިޔާބުކުރީ ފަބްރެގަސް އެވެ. ވޮލަންޑަށް އޭރިއާ ތެރެއިން ޕީއެސްޖީގެ ޑިއާލޯ ކުރި ފައުލަކަށް ދިން ޕެނަލްޓީ ފަބްރެގަސް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ލީގުގައި ޕީއެސްޖީން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ރޭ އަށް މެޗަށް ފަހު ނިމުން އައިއިރު، ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ އަތުގައި އޮތް ތިން ޕޮއިންޓް އެހާ ފަސޭހައިން ގެއްލުމުން ބޮޑަށް ލިބުނީ ހައިރާންކަން ކަމަށެވެ.

މޮނާކޯގެ ކޯޗު ނިކޯ ކޮވަޗް ބުނީ ފަހަތުން އަރައި ޗެމްޕިއަނެއް އަތުން މޮޅުވެވޭނީ ވަރަށް މޮޅަށް ކުޅެގެން ކަމަށާއި އޭނާގެ ޓީމު ކުރި މަސައްކަތުގެ ތަފްސީލަށް ދާން ބޭނުންނުވާ ކަމަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454