ކުޅިވަރު / ފުޓްބޯޅަ

އެއް ތާރީހެއް، އިއްތިފާގެއް، ވަކިވީ ފުޓްބޯޅައިގެ ދެ ލެޖެންޑުން

މަރަޑޯނާ (ކ) އާއި ޖޯޖް ބެސްޓް (ވ).

ނޮވެމްބަރު 25، 2005 ގައި ފުޓްބޯޅަ ދުނިޔެ އަށް ލިބިގެންދިޔަ ބޮޑު ދެރަ އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ބެސްޓް މަރުވުމެވެ. އޭނާގެ ނިމި ދިއުމަށް 15 އަހަރު ފުރުނު މިދިޔަ ބުދަ ދުވަހުގެރޭ އަނެއްކާ ވެސް ދުނިޔޭގެ ފުޓްބޯޅަ ހިތާމައިގެ ފުން ވަޅުގަނޑެއްގެ ތެރެއަށް ވައްޓާލީ ދުނިޔެ ދުށް އެންމެ އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާގެ މަރުގެ ހަބަރުންނެވެ. މި ދެ ތަރިންނަކީ ވެސް ފުޓްބޯޅައިގެ ހުނަރު ސާބިތުކޮށްދީ އެތައް ބަޔެއްގެ ތައުރީފު ހޯދި ދެ ކުޅުންތެރިންނެވެ.

ދެ ތަރިންގެ މަރުގެ ބޮޑު އިއްތިފާގަކީ ވަކި ވެދިޔައީ އެއް ތާރީހެއްގައި ކަމަށް ވުމެވެ. ފުޓްބޯޅައިގެ ގިނަ ބަޔަކު މިހާރު ސިފަކުރާ ގޮތުގައި މި ތާރީހަކީ ފުޓްބޯޅައިގެ "ކަޅު ދުވަހެއް" ގެ ގޮތުގައި ގިނަ ބަޔަކު ހަނދާނުގައި ހުންނާނެ ދުވަހެކެވެ. ބެސްޓް އާއި މަރަޑޯނާގެ މަގުބޫލުކަން އެތައް ގޮތަކުން ވަރަށް ބޮޑަށް ތަފާތެވެ. މި ދެ ކުޅުންތެރިން ފުޓްބޯޅައިގައި ހާސިލްކޮށްފައިވާ ކަންތައްތަކަކަށް ބަލާއިރު މި ދެ ތަރިން ގެއްލިމިދިޔައީ މާ އަވަހަށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ބެސްޓް މަރުވީ އުމުރުން 59 އަހަރުގަ އެވެ. މަރަޑޯނާ މަރުވިއިރު އުމުރަކީ 60 އަހަރެވެ.

ޑިއެގޯ މަރަޑޯނާ މަރުވުމުން އޭނާގެ ސަޕޯޓަރަކު ރޮނީ: މަރަޑޯނާ ވަނީ އާޖެންޓީނާ އަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައި. --ފޮޓޯ: އޭއެފްޕީ

މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅުނު މަރަޑޯނާ އާއި ބެސްޓްގެ ތަފާތުކަން ފުޓްބޯޅަ ދަނޑުމަތީގައި ފެނިގެންދިޔަ ނަމަވެސް އެ ދެ ތަރިންނާ މަރު ބައްދަލުކުރީ ބަލި އެނދުގައި އޮއްވަ އެވެ. ދެ ކުޅުންތެރިންނަށް ވެސް ހަޔާތުގެ ފަހު ކޮޅުގައި ދިމާވީ ކާމިޔާބު ކުޅުމުގެ ކެރިއަރުގައި އުޅެވިފައި ހުރި ގޮތުން ދިމާވި ކަންތައްތަކުގެ ހިތި ނަތީޖާ އެވެ. މަރަޑޯނާ އަކީ ކެރިއަރުގައި މަނާ ބޭހާއި ޑްރަގް ބޭނުންކުރުމުގެ ސަބަބުން އެތައް ފަހަރަކު އަދަބު ލިބިފައިވާ ކުޅުންތެރިއެކެވެ. ބެސްޓްގެ ކެރިއަރަށް އެޅުނު ހިޔަންޏަކީ ރާ ބުއިމާއި ޕާޓީ ކުރުން ފަދަ އަހުލާގީ އެ ފަދަ މައްސަލަތަކެވެ. އޭނާ މަރުވީ ފުއްޕާމޭ ހަލާކުވެ، ބަލި އެނދުގައި ފަރުވާ ހޯދަމުން ދަނިކޮށް ފަހު ވަގުތު ގިނަ ގުނަވަންތަކެއް މަސައްކަތްކުރުން ހުއްޓުމުންނެވެ. މަރަޑޯނާ ހާޓްއެޓޭކެއް ޖެހިގެން މަރުވިއިރު، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެގެން ކުއްލި އޮޕަރޭޝަނެއް ކުރި އެވެ.

އިންޑިވިޖުއަލް އަދި ޓީމުގައި ވެސް ތަފާތު ދެއްކި ދެ ލީޑަރުން

މަރަޑޯނާ އާއި ބެސްޓްއާ އެކު ކްލަބް ލެވަލް އާއި ގައުމީ ޓީމުގައި ގިނަ ކުޅުންތެރިން ވެސް ފާހަގަކުރާ އެއް ކަމެއް އޮވެ އެވެ. ދެ ކުޅުންތެރިންނަކީ ވެސް އަމިއްލަ ހުނަރަށް ބަލާއިރު ބޯޅަ ހިފައިގެން ޖާދޫ ހަދާ ފަދަ ހުނަރު ދައްކާ ދެ ކުޅުންތެރިން ކަމެވެ. އަދި އެހެން ކުޅުންތެރިންނާ ގުޅިގެން އާދަޔާހިލާފު ހުނަރެއް ދައްކާ ދެ ކުޅުންތެރިން ކަމެވެ.

މަރަޑޯނާ އަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި އޭނާގެ ކެރިއަރުގެ ފަހު ކޮޅުގައި ސެވިއްޔާގައި ކޯޗުކޮށްދިން ކާލޯސް ބިލާޑޯ ދިން އިންޓަވިއުއެއްގައި ބުނީ މަރަޑޯނާގެ ޒުވާން އުމުރުގައި ބައްދަލުވިއިރު ވެސް އޭނާ އަކީ ޓީމުގެ އެހެން ކުޅުންތެރިންނަށްޓަކައި ގުރުބާންވާން ތައްޔާރަށް ހުންނަ ވިސްނުމުގައި ކުޅޭ ކުޅުންތެރިއެކެވެ.

މަރަޑޯނާ 1986 ގެ ވޯލްޑް ކަޕުގެ ތަށި އުފުލާލަނީ. --ފޮޓޯ: އޭއެފްޕީ

ފަހުން ބިލާޑޯ ވަރަށް ބޮޑަށް ބޭނުންވެގެން އޭނާގެ ސެވިއްޔާ އަށް 1992 ވަަނަ އަހަރު މަރަޑޯނާ ގެނައީ މަނާބޭހުގެ ސަސްޕެންޝަނެއްގައި އޭނާ ހުއްޓައި ފީފާގެ ތެރެއިން ވެސް އެތައް ކަމެއް ކޮށްގެންނެވެ. އެންމެ ބޮޑު ސަބަބަކީ ވެސް މަރަޑޯނާ ތަފާތު ދައްކާނެ ކަމާ މެދު އޮތް ޔަގީންކަމެވެ.

ސެވިއްޔާގައި އޭރު މަރަޑޯނާގެ ކައިރިން މުހިއްމު ކަންތައްތަކެއް ދަސްކުރި ގިނަ ކުޅުންތެރިން ފުޓްބޯޅައިގައި ފިޔަ ޖެހި އެވެ. އޭގެ ތެރެއިން އެކަކަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ކްރޮއޭޝިއާގެ ފޯވާޑް ޑާވޯ ސުކާ އާއި މިހާރު އެތުލެޓިކޯ މެޑްރިޑްގެ ކޯޗަކަށް ހުރި އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ ޑިއޭގޯ ސިމިއޯނީ އެވެ.

"އަހަރެން ހަނދާނުގައި ހުރެ މަރަޑޯނާ އެ ކުޅުންތެރިން (ސުކާ އާއި ސިމިއޯނީ ފަދަ ކުޅުންތެރިން) ވަށާލައިގެން އެތައް އެއްޗެއް ބުނެދެން ހުންނަތަން. މަރަޑޯނާ އަކީ ފުޓްބޯޅައިގެ ކޮންމެ ވާހަކައެއް ދައްކަން ބިރު ގަންނާނެ އަދި ފަސް ޖެހޭނެ މީހެއް ނޫން. އޭނާ އަށް ދެން ހުންނަ މީހާގެ ހަމުގެ ކުލައެއް ގައުމެއް ނޫނީ އެހެން ކަމެއް މުހިއްމެއް ނޫން. އެންމެނަށް އޭނާގެ ދޮރު އޮތީ ހުޅުވިފައި،" ބިލާޑޯ ބުންޏެވެ.

ބާސެލޯނާ އަށް ކުރިން ކުޅުނު އިނގިރޭސި ފޯވާޑް އަދި މިހާރު މަޝްހޫރު ކުޅިވަރު އެނަލިސްޓް ގެރީ ލިނެކާ ބުނީ މަރަޑޯނާއާ ބައްދަލުވި ކޮންމެ ކުޅުންތެރިއަކަށް ވެސް އޭނާގެ ފަރާތުން ފުޓްބޯޅައިގެ ކަމެއް ދަސްވެފައި ހުންނާނެ ކަމަށެވެ. އެ ގޮތުން އޭނާ ވަނީ ދުނިޔޭގެ އެކި ބައްރުގެ ތަރިން ހިމެނޭ ގޮތަށް ދެހާހުގެ ކުރީކޮޅުގައި ކުޅުނު މެޗެއްގެ ތެރޭގައި ކޮންމެ ކުޅުންތެރިއަކާ ވަކިވަކިން ވާހަކަ ދައްކައި ފުޓްބޯޅައާ ގުޅޭ އެކި ނަސޭހަތްތައް ދީފަ އެވެ. އޭގެ ތެރޭގައި ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ އާއި ބާސެލޯނާ އަށް ކުރިން ކުޅުނު ބްރެޒިލްގެ ރޮނާލްޑީނިއޯގެ އިތުރުން ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ޒިނެދިން ޒިދާން ހިމެނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ހަތް ނަމްބަރު ޖޯޒީގެ ލެގަސީ ފެށިގެންދިޔައީ ބެސްޓްއާ ހަމައިން ކަމަށް އެ ކްލަބްގެ ތާރީހު ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނެ އެވެ. ޔުނައިޓެޑްގެ ކާމިޔާބު ތާރީހުގައި ބެސްޓްގެ ހިއްސާ އަބަދުވެސް އޮންނާނެ ކަމަށް އެ ކްލަބަށް އެންމެ ގިނަ ކާމިޔާބު ހޯދައިދިން ކޯޗު އެލެކްސް ފާގަސަން ވަނީ އޭނާގެ އޮޓޯބައިގްރަފީގައި ފާހަގަކޮށްފަ އެވެ. ޔުނައިޓެޑުން އެންމެ ފުރަތަމަ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދިން ތާރީހީ ފަހަރު 1968 ވަނަ އަހަރު ބެސްޓް ވަނީ ތަފާތު ދައްކައިފަ އެވެ. އެއީ މިހާރު މި ފެންނަ މުއްސަނދި ތާރީހެއް އޮތް ޔުނައިޓެޑްގެ ނަން ޔޫރަޕްގައި ގަދަވާން ފެށި ހިސާބެވެ.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ބެސްޓް ބޯޅަ ހިފައިގެން.-

ޔުނައިޓެޑްގެ ހަތް ނަމްބަރު ޖޯޒީ ލި މަޝްހޫރު ކުޅުންތެރިން ކަމަށްވާ އެރިކް ކެންޓޮނާ އާއި ޑޭވިޑް ބެކަމް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ތަރިންނަކީ ބެސްޓްގެ ލެގަސީ ދެމެހެއްޓި ކުޅުންތެރިންނެވެ. އޭގެން ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ބެސްޓްގެ ޖޯޒީ ނަމްބަރު ޖަހާލައިގެން ކުޅުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފަ އެވެ.

ބެސްޓްއާ އެކު ނޯދަން އަޔަލެންޑް ގައުމީ ޓީމަށް ކުރިން ކުޅުނު ގެރީ އާމްސްޓްރޯންގް ބުނީ މަރަޑޯނާ އާއި ބެސްޓް އަކީ އޭނާ ވަރަށް ގިނައިން އެ ދެ ކުޅުންތެރިންނާ ބައްދަލުވި ދެ މީހުން ކަމަށާއި އެއީ ފުޓްބޯޅައިގެ އާދަޔާހިލާފު ވިސްނުންތަކެއް ގެންގުޅުނު ދެ ކުޅުންތެރިން ކަމަށެވެ. މަރަޑޯނާ ބޮޑަށް މަޝްހޫރު ވެގެންދިޔައީ ދުނިޔޭގެ ފުޓްބޯޅައިގެ ސަރަހައްދެއްގައި (ދެކުނު އެމެރިކާ) އުޅުމުގެ އިތުރުން އޭނާގެ މީހުންނަށް ސަމާލުކަން ލިބޭ ލައިފްސްޓައިލްގެ ސަބަބުން ކަމަށް އާމްސްޓްރޯންގް ބުންޏެވެ.

އެހެން އެންމެނެކޭ އެއްގޮތަށް އާމްސްޓްރޯންގްގެ ނަޒަރުގައި ދެ ކުޅުންތެރިންނަށް ވެސް ދިމާވީ ދަނޑު ބޭރުގެ އަހުލާގީ މައްސަލަތަކެވެެ.

"އަހަރެން ބޭނުންވީ އެ ދެ މީހުން. ބެސްޓް އާއި މަރަޑޯނާ ފުޓްބޯޅަ ދުނިޔޭގައި އެތައް އަހަރުތަކެއް އުޅޭތަން ބަލަން. އެކަމަކު (އެތަނުން) އެއްވެސް މީހަކަށް 60 އަހަރަށް ވުރެ ގިނަ ދުވަހެއް ނުވި. މި ދެ ކުޅުންތެރިންގެ ކިބައިން ދަސްކުރަން ޖެހޭ އަދި ފިލާވަޅު ލިބިގަންނަންޖެހޭ އެތައް ކަމެއް އެބަހުރި،" އާމްސްޓްރޯންގް ބުންޏެވެ.

ނެދަލެންޑްސް އާއި ބާސެލޯނާގެ ފުޓްބޯޅަ ލެޖެންޑް ޔޯހަން ކްރައިފް، ބެސްޓް އަށް ތައުރީފުކޮށް ބުނީ އޭނާ ކިބައިގައި އެ ހުރި ފުޓްބޯޅައިގެ އާދަޔާހިލާފު ވިސްނުން ތޫނު ކަމާއި ކުޅުމުގެ މޮޅު ސްޓައިލަކީ ކޯޗަަކަށް ކިޔައިދެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ އުފެދުނުއިރު ވެސް ހުރި ހުނަރެއްކަން ސާފުކޮށް ފެންނަ ކަމަށެވެ.

މަރަޑޯނާ އަކީ ބެސްޓްގެ ސަޕޯޓަރެއް

ބެސްޓްގެ މަރާ ގުޅިގެން އޭރު 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ތަރިން ވަނީ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އެ ދުވަސްވަރު މީޑިއާ އަށް މަަރަޑޯނާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ ބެސްޓްގެ ސަޕޯޓަރެއް ކަމަށާއި ބެސްޓް ކުޅެފައި ހުރި ގިނަ މެޗުތަކެއް ބަލައި އޭގެން ގިނަ ކަންތައްތަކެއް ދަސްކުރި ކަމަށެވެ.

"އަހަރެން ބެސްޓްގެ ކިބައިން ގިނަ ކަންތައްތަކެއް ދަސްކުރިން. އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް އެއީ. އަހަރެންގެ ދެކޭ ގޮތުގައި ބެސްޓް އާއި އަހަރެން ކުޅުމުގައި އެއްގޮތް ކަންތައްތަކެއް އެބަހުރި. އަހަރެމެން ދެ މީހުންނަކީ ވެސް އަމިއްލަ ޓީމުގެ އެހެން ކުޅުންތެރިންނާ މެދު ވަރަށް ވިސްނައިގެން ކުޅޭ ދެ ކުޅުންތެރިން. އަހަރެމެން ދެ މީހުން ބޯޅަ ހިފައިގެން ޑްރިބްލް މި ކުރަނީ ވެސް އެއް ކަހަލަ ގޮތަކަށް. އަބަދުވެސް ޖާދުލެއް ދައްކާލެވޭތޯ މަސައްކަތްކުރަނީ،" މަރަޑޯނާ އޭރު ބުންޏެވެ.

ބެސްޓްގެ ފަރާތުން 1978 ވަަނަ އަހަރު ޕެލޭ އަށް ހާއްސަ ފިލައެއް ދެނީ.

އެ ފަހަރު މަރަޑޯނާ އޭރު ވަނީ ބެސްޓްގެ ސިއްހީ ކަންތައްތަކާ ބެހޭގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

"ބެސްޓް ކަށީގައި ހަރުލާފައިވާ ރާބުއިމުގެ ކަންތައްތައް ވެސް އަހަންނަށް އެނގިފައި އޮތީ. އަހަންނަށް އޭގެ އިހުސާސްތައް އެނގޭ. އަހަރެން ވެސް އެ މަގުން ހިތި ތަޖުރިބާތަކެއް ކޮށްފިން. މަރުގެ ތުންފަތް މަތިން ވެސް ސަލާމަތްވި ފަހަރެއް އެންމެ ފަހުން ނިމިދިޔަ ޑިސެމްބަރަކީ،" މަނާބޭހާއި ޑްރަގްގެ ވަބާގައި ޖެހި ގިނަ އަަދަބުތަކެއް ލިބުނު މަރަޑޯނާ ބުންޏެވެ.

މި ވަގުތު ދުނިޔޭގައި ތިބި ދުވަސްވީ މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ބެސްޓް އާއި މަރަޑޯނާ ފަދަ ފުޓްބޯޅައަށް ދެ ވަނަ އެއް ނެތް އަގުހުރި އެތައް ކަމެއް ކޮށްދީފައިވާ މި ދެ ލެޖެންޑުންނަށް އެންމެ ފުރިހަމަ އިހުތިރާމް އަބަދުވެސް ލިބެންޖެހޭ ކަމަށް ބުނަމުންނެވެ. ފުޓްބޯޅަ ކުޅުންތެރިންނާއި ކްލަބްތަކުން ބެސްޓްގެ މަރަށް 15 އަހަރުވީ ދުވަހު މަރަޑޯނާގެ މަރާ ކުރިމަތިލާން ޖެހުމުން އަންނަނީ ހިތާމައިގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. މި ހަފްތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅުނު މެޗުތަކުގައި މަރަޑޯނާގެ ހަނދާނުގައި ވަނީ ސުކޫތެއް ގެނެސްފަ އެވެ.

އަގުވަޒަންކުރުމާއި ލެގަސީ ދެމެހެއްޓުން

ޔުނައިޓެޑުން 1963 ވަނަ އަހަރު ކްލަބް ކެރިއަރު ފެށި ބެސްޓް ވަނީ 21 އަަހަރުވީ އޭނާގެ ކްލަބް ކެރިއަރުގައި 18 ޓީމަށް ކުޅެފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑްގެ އިތުރުން ސްކޮޓްލެންޑާއި އެމެރިކާ އާއި ނެދަލެންޑްސްގެ ކްލަބްތަކަށް ކުޅެފަ އެވެ.

ބެސްޓްގެ ކެރިއަރުގެ އުސްއައްޔަކީ އޭނާ ޔުނައިޓެޑުގައި ހޭދަކުރި 11 އަހަރެވެ. ގިނަ ބަޔަކަށް އޭނާ އެނގެނީ ވެސް ކްލަބް ލެވަލްގައި ޔުނައިޓެޑްގެ ލެޖެންޑެއްގެ ގޮތުގަ އެވެ. ބެސްޓްގެ ހަނދާނުގައި ޔުނައިޓެޑުން އަބަދުވެސް ކޮންމެ އަހަރަކު އެތައް ހަރަކާތެއް ހިންގަ އެެވެ. ބެސްޓްގެ ލެގަސީ ދިރުވުމަށް ޔުނައިޓެޑްގެ އެކެޑަމީގައި ކުޅުންތެރިން ތަމްރީންކުރާއިރު ބެސްޓްގެ ފުޓްބޯޅަ ހަޔާތާ ގުޅޭ ގިނަ ވާހަކަތަކެއް ކިޔައިދެ އެވެ. އެއްވެސް އިރެއްގައި ބެސްޓް ޔުނައިޓެޑަށް ކޮށްދީފައިވާ ކަންތައްތައް ކްލަބްގެ ސަޕޯޓަރުންގެ ހިތުން ފޮހެވިގެން ނުދެ އެވެ.

މަރަޑޯނާގެ މަގުބޫލުކަން އެހާ ބޮޑުވާ އެއް ސަބަބަކީ އޭނާ ކްލަބް ކެރިއަރުގައި (1976 އިން 1997 އަށްް) ކުޅެފައިވާ މަޝްހޫރު ކްލަބްތަކުގެ ސަބަބުންނެވެ. އާޖެންޓީނޯސް ޖޫނިއާސް އިން ކެރިއަރު ފަށައި އެ ގައުމުގެ ގަދަބާރު ބޮކަ ޖޫނިއާސްއާ ގުޅެ އެ ޓިީމުގައި ކުރިއެރުން ހޯދައި އޭނާ ފުރަތަމަ ބަދަލުވި ފުރަތަމަ ޓީމަކީ ބާސެލޯނާ އެވެ. ފަހުން އިޓަލީގެ ނަޕޯލީ އަށް ކުޅެ އެ ޓީމުގައި ތަފާތު ދައްކައި ދެން އޭނާ ޔޫރަޕްގައި ކުޅުނު އެންމެ ފަހުގެ ޓީމަކީ ސެވިއްޔާ އެވެ. ރިޓަޔާކުރުމުގެ ކުރިން އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް ކުޅުނުއިރު، ފުޓްބޯޅަ ކުޅުން ހުއްޓާލީ އޭނާ އެންމެ ލޯބިވާ ކްލަބް ބޮކަ ޖޫނިއާސްގަ ހުރެ އެވެ.

ނަޕޯލީ އަށް ދެ ފަހަރެއްގެ މަތިން ލީގު ހޯދައިދިން މަރަޑޯނާ އެ ޓީމުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބޮކަ ޖޫނިއާސް އަކީ މަރަޑޯނާގެ ކެރިއަރުގައި އޭނާ ދެ ފަހަރެއްގެ މަތިން ކުޅުނު ހަމައެކަނި ޓީމެވެ. އެ ޓީމަށް އޭނާ ކޮށްދިން ހިދުމަތުގެ އަގު މިއަދާ ހަމައަށް ވެސް އެ ސަރަހައްދުގެ ސަޕޯޓަރުން ވަޒަންކުރެ އެވެ. މަރަޑޯނާ މަރުގެ ހަބަރު އިވުމުން އޭނާގެ ގޭ ކައިރިއަށް ދިޔަ ސަޕޯޓަރުންގެ ތެރެއިން ގިނަ މީހުން ތިބީ ބޮކަ ޖޫނިއާސް ޖޯޒީގަ އެވެ. އޭނާގެ ޖަނާޒާގެ ތެރޭގައި ގިނަ ބަޔަކު އުޅުނީ ވެސް ބޮކަ ޖޫނިއާސް ޖޯޒީގަ އެވެ. ބޮކަ ޖޫނިއާސް ދަނޑުގައި މަރަޑޯނާ މެޗު ބަލަން އައިސް ހުންނަން ހާއްސަ ކެބިން އެއް ހުރެ އެވެ. އެއީ އެ ކްލަބްގެ މެނޭޖްމަންޓުން އޭނާ އަށް ދީފައިވާ ހަދިޔާއެކެވެ. މަރަޑޯނާގެ ސަޕޯޓަރުންނަށް ހާއްސަ ސަރަހައްދެއް އިޓަލީގެ ނޭޕްލްސްގައި އޮވެ އެވެ. މަރަޑޯނާ ކުޅުނު ނަޕޯލީގެ މެނޭޖްމަންޓުން މިހާރު ވަނީ އެ ކްލަބްގެ ސްޓޭޑިއަމްގެ ނަން އޭނަ އަށް ހާއްސަކުރަން ނިންމައިފަ އެވެ

މޮނާކޯގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ގޯލްޑަން ފޫޓް އެވޯޑްގެ ލެޖެންޑް ކެޓަގަރީގެ އެވޯޑް ހޯދާފައިވާ ބެސްޓް އާއި މަރަޑޯނާގެ ނަމުގައި މިހާތަނަށް ވެސް ފުޓްބޯޅައިގައި ގިނަ މަސައްކަތްތަކެއް އެ ދެ ކުޅުންތެރިންގެ ބައިވެރިވުން އަމަލީގޮތުން ހިމެނޭ ގޮތަށާއި ނުހިމެނޭގޮތަށް ވެސް ވަނީ ގެންގޮސްފަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ފުޓްބޯޅަ ދެމިއޮތްހާ ހިނދަކު ބެސްޓާއި މަރަޑޯނާ ފަދަ ހުނަރުވެރިތަރިންގެ ލެގަސީ ދާނީ ކުރިއަށެވެ.

18 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 84%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒާހިރު ށައުޤީ

28 November 2020

ޢިލްމުވެރިޔަކު މަރުވިއަސް މިވަރުގެ ހިތާމަިގެ ށުއޫރެއް ފާޅެއްނުކުރާނެ.

The name is already taken The name is available. Register?

ރުގިއްޔަ

28 November 2020

އިލުމުވެރިންނަކީ ސައިންޓިސްޓުން! ރުގްޔާ ހަދާ ބައިގަނޑު އެއީ އިލުމުވެރިންނެއް ނޫން!

The name is already taken The name is available. Register?

ހަމަ ބުއްދި

28 November 2020

ބަލަ އެދުވަހު ފްޓް ބޯޅަ މެޗެއް ލައިވް އެއް ނުކުރާނެ އެވެ. ދެން ކިހިނެއް ފެންނާނީ؟ ދުނިޔެ މަތީގައި ވެސް މަ އޭނާ ނުދެކެން ވިއްޔާ އެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

27 November 2020

‫ބެސްޓާ މެރެޑޯނާއާއި ދެމީހުން އެއް ތަރާދަކުން ކިރާނީ އިނގިރޭސި މީޑިޔާތަކުން.އެފަދަ އާޓިކަލްތައް ތަރުޖަމާކުރީމަ ދެން ފެންނާނެ ނަތީޖާ މިކިޔާލެވުނީ.ބެސްޓް އެއީ މަރަޑޯނާ ލެވެލްގެ ކުޅުންތެރިއެއް ނޫން.

The name is already taken The name is available. Register?

ބުރޯ މޭން

27 November 2020

އަނެއްކާ އަނެއް ހަ ކަންތައް އަންނި ބުނާހެން ތިޔަ އުޅެނީ ދިވެހިން އެންމެ ބޭނުންވާ ގޮތަށް ސެންސޭޝަން ހޯދަންދޯ އެއް ތަރާދަކުން ކިރާފައި އޮތްތަން އާޓިކަލް އަކުން މަޝަކަށް ނުފެނުނު. އޮތީ ދެ މީހުން ކުރި ހިދުމަތުގެ ވާހަކަ. ދެން މަރުވީ އެއް ތާރީހެއްގައިކަން. ދެން މަރަޑޯނާ ވެސް އެ އޮތީ ބެސްޓާ ބެހޭ ވާހަކަ ބުނެފަ. ދެން އެންމެ އެނގެނީ ކަލެޔަށޯ. އަމިއްލަ މީހާ ފޭކުކަން ނުކެޑޭ ދޯ ރަދީފް އޮފިޝަލް ޖެހިޔަކަސް. ބޯހަލާކު

The name is already taken The name is available. Register?

ޕޮކަޑިމޭން

27 November 2020

މިއީ ބެސްޓާ މަރަޑޯނާ އަޅާކިޔާފަ އޮތް ލިޔުމެއްނޫން، ރަދީފް އޮފިޝިއަލް ޖަހައިގެން ރޯނުއެދުރު ހެދިގެން ސަޕޯޓްކުރާނެ ކުލަބެއް ނޭގިގެން އުޅުނަސް ބެސްޓް އެއީ ދުނިޔެ ދުށް އާދަޔާޚިލާފު މޮޅު ކުޅުންތެރިއެއް، މަރަޑޯނާގެ ކާމިޔާބު ގުޅިފަ އޮތީ ގައުމީޓީމާ، ބެސްޓްގެ ކާމިޔާބު ބިނާވެފަ އޮތީ ކްލަބްތަކުގައި ހޯދި ކާމިޔާބީގަ. މަރަޑޯނާ އަކީ އާޖެންޓީނާގެ ލެޖެންޑެއް، ބެސްޓަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ލެޖެންޑެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 November 2020

@ޕޮކަޑިމޭން ކަލޭ ވަރަށް މޮޅު.ކަލޭތި ދުނިޔޭގަ ހުރި އެންމެ މޮޅު އެދުރު.

The name is already taken The name is available. Register?

ހޭ ޖެ ހޭ

27 November 2020

މަރަޑޯނާ މަރުވީ އެވެ. ދެން އެބުރި އައުމެއް ނެތެވެ.މަދު ދުވަސް ކޮޅަކު އަހަރެމާ އެކުގާ އުޅެފައި ހިގައްޖެ އެވެ. ދެން ދުވަހަކު ވެސް ނުފެންނާނެ އެވެ. އެދުވަހު ވެސް މެއެވެ.

The name is already taken The name is available. Register?

ޖޭހެހޭ

27 November 2020

އެ ދުވަހުން ތި ދެމީހުން އެއްތާކު ނުތިބޭނެ ކަން ކިހިނެއް އެނގެނީ!؟

The name is already taken The name is available. Register?

ލާދީނީ ބައި

28 November 2020

ހޭ ޖެ ހޭ ކޮމެންޓްގެ ފަހު ޖުމްލާގައި ދޯ ތި އަޅާއި ގަތީ ؟ ހާދަ ވަރެއް ވެފައޭ ތި ތިބެނީ ދޯ؟ޑިސްލައިކު ކުރުމާއި ފުރައްސާރަ ކުރުމުގައި .

The name is already taken The name is available. Register?

ޤަބޫލް ނުކުރާ

28 November 2020

"އެދުވަހޭ" ބުނީމާ "ޖޭހެހޭ" އަށް ވިސްނުނު ކަން ވެސް ރަގަޅެވެ.އެވަރު ވެސް ތި ގްރޫޕް ގިނަ މިހުން ނުދަނޭ ވިއްޔާ އެވެ.

The name is already taken The name is available. Register?

މަރާމޯލް

28 November 2020

ޝަހާދަތުގެ ދެކަލިމަ ކިޔާގެން ހިތުން ޤަބޫލް ކޮށްގެން އުޅުނު މީހުނާއި އެ ދެކަލިމަ ޤަބޫލް ނުކޮށް އުޅުނު މީހުން، " އެދުވަހު" އެކުގައި ނުވާނެ ކަން " ޖޭ ހެ ހޭ" އަށް ނޭގެނީ ތާއެވެ؟

The name is already taken The name is available. Register?

މޭސީގެ ބައްޕަ ޖޯޖް މެސީ

27 November 2020

މާ ޒުވާން އުމުރުގަ މާގިނަ ފައިސާ ލިބޭ އިރު ރަގަޅު ބެލެނި ވެރިން ނުތިބޭތީ ޒުވާނުން މަގުން ކައްސާލުން ގާތެވެ.

The name is already taken The name is available. Register?

މަރޭ ނެތުމުގެ ހިތާމަގާ

27 November 2020

އާޖެންޓީނާ ވޯލްޑް ކަޕް އުފުލިއިރު ރާއްޖޭގެ ރައްޔިތުން ވޯލްޑް ކަޕް ބެލީ ވަރަށް ހާލުގަ އެވެ. އަސްލުގައި އާޖެންޓީނާގެ ރާއްޖޭގެ ސަޕޯޓަރުން އުފެދުނީ މަރަޑޯނާ އަށް ޓަކާ އެވޯލްޑް ކަޕަށް ފަހު އެވެ. މަރަޑޯނާ އަށް ލޯބިން އަހަރެމެން ކިޔަނީ ވެސް "މަރޭ"އެވެ އަދި މިހާރު ވެސް އެ ވޯލްޑް ކަޕްގައި މަރަޑޯނާ 10 ޖާޒީގައި ކުޅުނު ޕޯސްޓެެއް ފޮރުވާފައި މަގޭ އަތުގައި އެބައޮތެވެ މިވީގޮތުން އެ ޕޯސްޓް އިތުރަށް ރައްކާތެރި ކުރާނަމަވެ.

The name is already taken The name is available. Register?

އަދުރޭޓިނު

27 November 2020

އެއީ ރާއްޖޭގެ ގިނަބަޔަކު ވޯލްޑްކަޕެއް އޮންނަކަން ދަސްވި ވޯލްޑްކަޕް.

The name is already taken The name is available. Register?

Happy

27 November 2020

ޢަހަރުމުން ދަންނަ މީހެއްނޫން ތިޔަ ބެސްޓކީ!!!?

The name is already taken The name is available. Register?

ސޭޑް

27 November 2020

އަހަރުންމެން ދަންނަނީ ވޯސްޓް...

The name is already taken The name is available. Register?

ސަރުޖު

27 November 2020

އަމައްޔާތް!! ދެން އޭގެ މާނައަކީ ކަލޭ އެހެން މީހުނަށް ވުރެ މާތްވީއޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454