15 ޑިސެމްބަރ 2020 - 11:50
ގިނަ ބަޔެއްގެ ސަމާލުކަން އޭނާ އަށް ލިބޭ އެއް ސަބަބަކީ އިނގިރޭސި މަޝްހޫރު ކްލަބް ލިވަޕޫލްގެ ބެންޗުން ފެނި އެ ޓީމުގައި އޭނާ ހޯދި ކާމިޔާބީތަކުގެ ހަނދާން ހުންނާތީ އެވެ. އެކަމަކު އިއްޔެ އުމުރުން 73 އަހަރުގައި މަރުވި ފްރާންސަށް އުފަން ކޯޗު ޖެރާޑް ހޫލިއޭ އަކީ ހަމައެކަނި ކޯޗެއްގެ ނަޒަރުން ބަލަންޖެހޭ މީހެއް ނޫނެވެ. ފުޓްބޯޅައިގެ އެކި ފަންތީގެ އިސް ޓެކްނިކަލް މަގާމުތަކުގައި ވެސް އޭނާ މަސައްކަތްކުރި އެވެ. އޭނާގެ ހަޔާތުގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެން ބޮޑު ބައެއް ހޭދަކުރީ ފުޓްބޯޅައިގެ ކަންކަމުގަ އެވެ.
ކުޅުމުގެ ކެރިއަަރުގައި ހޫލިއޭ އަކީ މާ މޮޅު އަދި މާ މަޝްހޫރު ނަމެއް ނޫނެވެ. މާ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމުގެ ތެރޭގައި ހޫލިއޭ ނުވެސް އުޅެ އެވެ. ކޯޗިން އާއި ފުޓްބޯޅައިގެ އެހެން ކަންކަމަށް އޭނާގެ ޝައުގުވެރިކަން މާބޮޑެވެ.
ކޯޗަކަށްވާން އަޒުމު ކަނޑައަޅައި އެންމެ ފުރަތަމަ ހަވާލުވީ 1973 ވަނަ އަހަރުގައި ފްރާންސްގެ ދަށް ޑިވިޝަނުގެ ޓީމު ލެ ޓޫކޭއާ އެވެ. ފަހުން 1976 ވަނަ އަހަރު ފްރާންސްގެ ފަސް ވަނަ ޑިވިޝަނުގެ ލެސް މައިންސްއާ ހަވާލުވެ މަދު ވަސީލަތްތަކަކާއި ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންތަކެއްގެ އިތުރުން ޒުވާން ކުދިން ހިމަނައިގެން ވަރަށް އުނދަގުލުން ޓީމެއް އެކުލަވާލައި ދެ ވަނަ ޑިވިޝަނާ ހަމައަށް ގެންގޮސްދިނެވެ. ދެން އޭނާ ހަވާލުވީ ދެ ވަނަ ޑިވިޝަނުގެ ކްލަބް ލެންސާ އެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގެ އިތުރުން އެ ކްލަބް ޔުއެފާ ކަޕް (ޔޫރޮޕާ ލީގު) އަށް ކޮލިފައިކޮށްދިނެވެ.
ލެންސްގައި ކުރި މަސައްކަތް ރަނގަޅުކަމުން ގިނަ ބަޔެއްގެ ސަމާލުކަން ހޫލިއޭ އަށް ހުއްޓުނެވެ. އޭނާ ގެންދަން ކްލަބްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް ރޭހުގެ ކުރިހޯދީ ފްރާންސްގެ ވެރިކަން ކުރާ ސަރަހައްދު ކަމަށްވާ ޕެރިހުގެ ބޮޑު ކްލަބް ޕީއެސްޖީންނެވެ. ޕީއެސްޖީއާ 1985 ވަނަ އަހަރު ހަވާލުވެ، ފުރަތަމަ ސީޒަނުގައި އެ ޓީމަށް ފްރާންސްގެ ޗެމްޕިއަންކަން ހޯދައިދިނެވެ. ޕީއެސްޖީގައި ހޭދަކުރި ތިން އަހަރުގައި އެ ކްލަބްގެ ހިންގުމުގެ މޮޑެލާއި އެކެޑަމީގައި ކުޅުންތެރިން ރެކްރޫޓްކުރުމުގައި ހަރުދަނާ ސިސްޓަމެއް އެކުލަވާލި އެވެ.
1988 ވަނަ އަހަރުގެ އިވެންޓެއްގެ ތެރެއިން ހޫލިއޭ (ކ) އާއި ޕްލެޓީނީ. -- ފޮޓޯ: އޭއެފްޕީ
ކޯޗިންގެ އިތުރުން ހޫލިއޭގެ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކަމުން ފްރާންސް ފެޑެރޭޝަނުން 1988 ވަނަ އަހަރު އޭނާ އަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި އެސިސްޓަންޓް ކޯޗުކަން ހަވާލުކުރި އެވެ. ބޮޑު ޒިންމާއާ ހަވާލުވެ ހޫލިއޭ މަސައްކަތް ފެށީ ފުރިހަމަ އިތުބާރާ އެކު އެވެ. ޔުއެފާގެ ކުރީގެ ރައީސްް އަދި ފްރާންސްގެ މަޝްހޫރު ތަރި މިޝޭލް ޕްލެޓިނީ އެ ޓީމުގެ ކޯޗަކަށް ހުރިއިރު ހޫލިއޭ ވަނީ އޭނާއާ އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ޕްލެޓިނީ އޭރުގެ ވާހަކަތައް ކިޔައިދޭ ކޮންމެ ފަހަރަކު ކަހަލަ ގޮތަށް ބުނާ އެއް ވާހަކަ އެއް އޮވެ އެވެ. އެއީ އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރީ ހޫލިއޭ ކައިރީގައި ހުރުމުން ކަމަށެވެ.
A tribute to our former coach Gérard Houllier. Rest in peace 💙 pic.twitter.com/KAS00GiObE
— French Team ⭐⭐ (@FrenchTeam) December 14, 2020
ފްރާންސް ފުޓްބޯޅަ ޓީމާ ބެހޭގޮތުން ހޫލިއޭ ދީފައިވާ އިންޓަވިއުއެއް.
ފްރާންސް ގައުމީ ޓީމުގެ ހެޑް ކޯޗުކަން 1992 ވަނަ އަހަރު ކުރުމަށް ފަހު އޭގެ ފަހުން ހޫލިއޭ ވަނީ ފްރާންސްގެ ޔޫތު ޓީމުތަކަށް ކޯޗުކަން ކޮށްދީފަ އެވެ. އެގޮތުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހޫލިއޭ ހުރެ ޒުވާން ކުޅުންތެރިން ޑިވެލޮޕްކުރުމަށް ކަނޑައެޅި ސްޓްރަކްޗާ ތެރެއިން އައި ކުޅުންތެރިން ކަމަށް ޕްލެޓިނީ އާއި އޭރުގެ ކެޕްޓަން ޑިޑިއޭ ޑިޝޯމްޕްސް ވަނީ ބުނެފަ އެވެ. ފްރާންސުން 1998 ވަަަނަ އަހަރު އެ ގައުމުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި ހޫލިއޭ ވަނީ ފަރުދާގެ ފުރަަގަހުގައި ކޯޗިން ޓީމާ އެކު މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.
ޒިނެދިން ޒިދާނާއި ތިއަރީ އޮންރީ ފަދަ ކުޅުންތެރިން ފްރާންސް ޔޫތު ސިސްޓަމްގެ ތެެރެއިން ސީނިއާ ޓީމާ ހަމައަށް އައުމުގައި އޭރު އޮތް ފްރާންސް ފުޓްބޯޅައިގެ އޮނިގަނޑު މުހިއްމު ރޯލެއް ކުޅުނެވެ. އެ މަސައްކަތުގެ އެއް ހިއްސާދާރަކީ ހޫލިއޭ އެވެ.
2001 ވަނަ އަހަރު ބޭއްވި ލިވަޕޫލްގެ ޓްރޮފީ ޕެރޭޑްގެ ތެރެއިން: (ކ.ވ) ސެމީ ހޫޕިއާ، ހޫލިއޭ، ޖެރާޑް އަދި ރޮބީ ފައުލާ. -- ފޮޓޯ: އޭއެފްޕީ
ކޯޗިން އާއި ޕޮލިސީ އަދި ސްޓްރެޓީޖިކް ލެވަލްގައި ފްރާންސްގައި ހޫލިއޭގެ މަސައްކަތް ރަނގަޅުވުމުން ކްލަބްތަކުގެ އެކި ހުށަހެޅުން އޭނާ އަށް ލިބެން ފެށި އެވެ. އޭނާ އަށް އެންމެ ކަމުދިޔައީ ލިވަޕޫލްގެ ޕްރޮޕޯސަލް އެވެ. އެ ޓީމާ ހަވާލުވާން ނިންމި އެންމެ ބޮޑު ސަބަބަކީ އެއީ ފުޓްބޯޅައިގެ ސަރަހައްދެއް ކަަމަށް ވެފައި ލިވަޕޫލްގެ ސިސްޓަމް ހަރުދަނާކޮށް ކްލަބް ކާމިޔާބާ ހަމައަށް ގެންދިއުމުގެ ގޮތުންނެވެ.
ލިވަޕޫލާ 1998 ވަނަ އަހަރު ހަވާލުވެ ހޫލިއޭ ގެނައި ބަދަލުތަކުގެ ތެރެއިން ލިވަޕޫލްގެ ފުރަތަމަ ޓީމާ ހަމައަށް އެ ސަރަހައްދަށް ނިސްބަތްވާ ޔޫތު ކުޅުންތެރިންތަކެއް ޑިވެލޮޕްކޮށް ތަރިންތަކެއް ނެރުނެވެ. އޭގެ ތެރެއިން އެންމެ ވިދި ދެ ކުޅުންތެރިންނަކީ މައިކަލް އޮވެން އާއި ސްޓީވެން ޖެރާޑް އެވެ. ޒުވާން އުމުރުގައި އޮވެން އަށް ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ ލިބޭ ފެންވަރަށް އޭނާ ގެންދަން ހޫލިއޭ ވަނީ ކޯޗެއްގެ ރޯލު ފުރިހަމަ އަށް އަދާކޮށްފަ އެވެ. ޖެރާޑް ލީޑަރެއްގެ ގޮތުގައި ޑިވެލޮޕްކުރަން ޒުވާން އުމުރުގައި ކެޕްޓަން ބޭންޑް ހަވާލުކުރީ ހޫލިއޭ އެކަމަށް ކެރިހުރެ މެނޭޖްމަންޓު ކިބައިން ޑިމާންޑްކޮށްގެންނެވެ.
"އަހަރެން ދުވަހަކު ވެސް ހޫލިއޭ ކޮށްދިން ކަންތައްތައް ހަނދާން ނައްތައެއްނުލާނަން. ކޯޗަކަށް ވުރެން ބޮޑަށް އަހަންނާ އެ ބެހެއްޓި ގާތްކަން އަބަދު ހަނދާން ކުރާނަން،" ހޫލިއޭގެ ހަނދާނުގައި ޖެރާޑް ލިޔެފައިވެ އެވެ.
We are saddened to learn of the passing of Gerard Houllier.
— FIFA.com (@FIFAcom) December 14, 2020
Besides his outstanding work with the likes of Liverpool, Lyon and France's national team, Gerard provided invaluable input to FIFA's Technical Study Group. pic.twitter.com/M23B7hl3Vl
ހޫލިއޭގެ ހަނދާނުގައި ފީފާ އިން ކުރި ޓްވީޓް.
ލިވަޕޫލްގެ ތާރީހުގައި ރަން އަހަރެއްގެ ގޮތުގައި ފާހަގަކުރާ 2001 ގެނައީ ހޫލިއޭ މަސައްކަތާ ވެސް އެކީގަ އެވެ. ލިވަޕޫލުން އެ ފަހަރު ވަނީ ލީގު ކަޕާއި އެފްއޭ ކަޕް އަދި ޔުއެފާ ކަޕް އުުފުލާލައިފަ އެވެ. ގިނަ ބަޔެއް ސިފަކުރާ ގޮތުގައި އެއީ އަލުން ޔޫރަޕްގައި ލިވަޕޫލްގެ ނަން ހިނގަން ފެށުމުގެ އެއް ސަަބަބެވެ. މާ ވަރުގަދަ ސްކޮޑެއް ނެތި އެ ފަހަރު ހޯދި އެ ކާމިޔާބީގެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ހޫލިއޭ އަށް ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ޑެނީ މާފީ ވަނީ ބުނެފަ އެވެ. އެ އަހަރުގެ ލީގު ކަޕް ފައިނަލުގައި އަނިޔާގެ ސަބަބުން މާފީ އަށް ފައިނަލުގެ ސްކޮޑުން ފުރުސަތު ނުލިބުނުއިރު، މެޗަށް ފަހު އޮތް އުފާފާޅުކުރުމުގައި ހޫލިއޭ ވަނީ އޭނާގެ މެޑަލް މާފީ އަށް ދީފަ އެވެ.
ހޫލިއޭ އަށް އޭނާގެ ކޯޗިން ކެރިއަރުގައި ކުރިއަށް ދިއުމުގެ އެންމެ ބޮޑު ގޮންޖެހުންތަކެއް ދިމާވަން ފެށީ ލިވަޕޫލްގައި ހުރި ދުވަސްވަރު ކުރިމަތިވާން ފެށި ސިއްހީ މައްސަލަތަކުގެ ސަބަބުންނެވެ. އެ ގޮތުން 2001 ވަނަ އަހަރު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗެއްގެ ތެރެއިން ހޫލިއޭ މޭގައި ރިއްސަން ފެށުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓްތަކުން އެނގުނީ އޭނާ ހިތުގެ މައްސަލަ ތަކެއް ހުރިކަމެވެ. ހޫލިއޭ ނެތި ލިވަޕޫލުން ފަސް މަސް ހޭދަކުރިއިރު، އެނބުރި އައިއިރު ވެސް އެއްކޮށް ރިކަވާނުވާކަމަށް 2012 ވަނަ އަހަރު އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
This story ❤️
— Match of the Day (@BBCMOTD) December 14, 2020
Rest in peace, Gerard Houllier.#bbcfootball #LFC pic.twitter.com/n9ynVKhiuY
ހޫލިއޭ ބީބީސީ އަށް ޖެރާޑްއާ ބެހޭގޮތުން ދިން އިންޓަވިއު.
އެ އަހަރާއި ޖެހިގެން އައި ސީޒަންތަކުގައި ލިވަޕޫލްގައި މާ އެދެވޭ މަސައްކަތްތަކެއް ނުކުރެވުމުގެ ނަތީޖާ އަކަށްވީ 2004 ވަނަ އަހަރު އޭނާއާ ވާހަކަ ދެއްކުމަށް ފަހު ކޮންޓްރެކްޓް ނިމުމަކަށް ގެނައުމެވެ. އެއީ ހޫލިއޭ ވެސް އެ ގޮތް ބޭނުންވާތީ އެވެ.
ޖެހިގެން އައި އަހަރު ލިޔޯނާ ހަވާލުވެ އަނެއްކާ ފްރާންސް ފުޓްބޯޅަ އަށް ހިދުމަތްކުރުމުގެ ވިސްނުމުގައި ހޫލިއޭ މަސައްކަތް ފެށި އެވެ. ލިޔޯނާ ހަވާލުވުމަށް ފަހު އެ ޓީމަށް ދެ ފަހަރު ފްރާންސް ލީގުގެ ޗެމްޕިއަންކަމާއި ފްރާންސް ކަޕް ކާމިޔާބުކޮށްދިނެވެ. ލިޔޯން ބީ ޓީމުން އައި ފޯވާޑް ކަރިމް ބެންޒެމާ އަށް ސީނިއާ ޓީމުގައި ގިނަ ފުރުސަތުތަކެއް ދޭން ފެށީ ހޫލިއޭ އެވެ. މިހާރު ރެއާލަށް ކުޅެމުން އަންނަ ބެންޒެމާ 2012 ވަނަ އަހަރު ހޫލިއޭ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.
ލިޔޯނުގައި ހުއްޓައި ދެ ވަނަ ފަހަރަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުކަން 2007 ވަަނަ އަހަރު ހޫލިއޭއާ ހަވާލުކުރި އެވެ. ދެ ވަަނަ ފަހަރު މަގާމާ ހަވާލުވެ ހޫލިއޭ އަށް އެންމެ ރަނގަޅަށް މަސައްކަތްކުރެވޭ ގޮތެއްނުވި އެވެ. އޭރު ފްރާންސްގެ ކޯޗަކަށް ހުރި ރޭމަންޑް ޑޮމެނެކާ ފްރާންސް ޓީމުގައި ތިބި ކުޅުންތެރިންގެ ގުޅުން ގޯސްވެފައި އޮވެ އެ ޓީމަށް 2008 ވަަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ. އެ ހުރިހާ ކަމަކާ ހެދި ހޫލިއޭ އަމިއްލަ އަށް ނިންމީ މަގާމުން އިސްތިއުފާ ދޭށެވެ.
ޔުއެފާގެ އެވޯޑް ހަފްލާއެއްގެ ތެރެއިން ހޫލިއޭ. -- ފޮޓޯ: އޭއެފްޕީ
ފުޓްބޯޅައިގައި ހޫލިއޭ ވަނީ ފީފާ އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ ގޮތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފީފާ ޓެކްނިކަލް ކޮމިޓީގެ މަގާމުގައި ހުރެ މުހިއްމު ޒިންމާތަކެއް އުފުލި އެވެ.
ކޯޗިންގައި އެންމެ ފަހުން ހޫލިއޭ ފެނުނީ އެސްޓަން ވިލާ ބެންޗުންނެވެ. އެ ޓީމާ 2010 ވަނަ އަހަރު ހަވާލުވެ ރަނގަޅު މަސައްކަތްތަކެއް ކުރަން ޕްލޭންތަކެއް ހެދި ނަމަވެސް ދިމާވި ހުރަހަކީ ހިތުގެ ބަލީގެ މައްސަލަތަކެވެ. ހޮސްޕިޓަލުގައި ގިނަ ވަގުތު ހޭދަކުރަން ޖެހި ޓީމުގެ ޓްރެއިނިންތަކުގައި އެންމެ އެކަށީގެންވާވަރަށް ބައިވެރިނުވެވޭތީ ހޫލިއޭ އަމިއްލަ އަށް ނިންމީ މަގާމުން އިސްތިއުފާދޭށެވެ. އޭގެ ފަހުން އޭނާ ފުޓްބޯޅައިގެ މާ ބޮޑު މަސައްކަތްތަކުން ނުފެނެ އެވެ. އެކަމަކު ފުޓްބޯޅަ ބައެއް ޝޯތަކުގައި މަދުމަދުން މެހުމާނެއްގެ ގޮތުގައި ބައިވެރިވެ އެވެ. ހޫލިއޭ މަރުވިއިރު ދާދި ފަހުން ވެސް އޭނާ ވަނީ ހިތުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.
ހޫލިއޭގެ ފަރާތުން އެހީތެރިކަން ލިބުނު ގިނަ ކުޅުންތެރިންތަކަކާއި ކޯޗުންތަކެއް ވަނީ ހޫލިއޭ މަރުވުމަކި ފުޓްބޯޅަ އަށް ވެސް ލިބިގެންދިޔަ ދެރައެއްގެ ގޮތުގައި ސިފަކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy