ލަންޑަން (ޖެނުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އަތުން 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވިއިރު، އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ޕެނަލްޓީ ނުލިބުމުގެ ޝަކުވާކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 17 މެޗުން 33 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑުން މި ވަގުތު 33 ޕޮއިންޓް ހަަމަކޮށްފައިވަނީ 16 މެޗުންނެވެ. މި މަހު 12 ވަނަ ދުވަހު ބާންލީ ދަނޑުގައި މޮޅުވެގެން ޔުނައިޓެޑަށް އެއް ވަނަ އަށް އެރޭނެ އެވެ. އަދި މި ވަގުތު 15 މެޗުން 29 ޕޮއިންޓް ހޯދައިގެން ލީގުގެ ފަސް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވެސް މެޗު ހަމަކުރާއިރު ލިވަޕޫލަށް ވުރެން މައްޗަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ސައުތެމްޓަން ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ގޯލު މެޗު ފެށިގެން ދެ ވަނަ މިނިޓް ތެރޭގައި ޖެހީ ޑެނީ އިންގްސް އެވެ. ކުރިން ލިވަޕޫލަށް ކުޅުނު ފޯވާޑް އިންގްސް އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ.

ލިވަޕޫލުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެ ޓީމަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. މި މެޗުގެ ދެ ވަނަ ހާފްގައި ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް ޖެހި ބޯޅައެއް ސައުތެމްޓަންގެ ޖެކް ސްޓެޕެންސް އަތުގައި ޖެހުނުއިރު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ ހޭންޑްބޯލް ދޭން ނުޖެހޭ ކަމަށެވެ. އޭގެ ފަހުން ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ކުރި ދެ ފައުލެއްގައި ވެސް ވީއޭއާރް އިން ބަލާފައިވެސް ނިންމީ ޕެނަލްޓީއެއް ދޭން ޖެހޭ ކަމެއް ނެތް ކަމަށެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް (ކ) ސައުތެމްޓަންގެ ކީޕަރު ފޮސްޓާއާ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް (ކ) ސައުތެމްޓަންގެ ކީޕަރު ފޮސްޓާއާ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ކްލޮޕް ބުނީ ބަލިވުމުން އެއްވެސް ޝަކުވާއެއްކުރަން ބޭނުންނުވާ ކަމަށާއި އެކަމަކު މި މެޗުގައި ހިނގައިދިޔަ ބައެއް ކަންތައްތަކަށް ބަލާއިރު އެހެން ޓީމެއްނަމަ ޕެނަލްޓީ ދޭނެ ދެ ހާލަތެއް ފެނިގެންދިޔަ ކަމަށެވެ.

"އަތުގައި ޖެހުނު ބޯޅަ އެއީ ސީދާ ޕެނަލްޓީއެއް. އަހަރެން ހަތަރު ވަނަ އޮފިޝަލް ގާތުގައި އެހީމަ ބުނީ ޕެނަލްޓީއެއް ނޫނޭ. އެކަމަކު އެއީ އެހެން ޓީމެއްނަމަ ހާލަތު ބަދަލުވެދާނެ ކަމެއް. ދެން އަހަރެންގެ ނަޒަރުގައި މި މެޗުގެ ރެފްރީ އަންދްރޭ މެރިނާގެ ކަންކަމަށް ބަލާއިރު އޭނާގެ ނިންމުންތައް އައީ ސަޑިއޯ މާނޭ އަށް އިންސާފުވެރިކޮށެއް ނޫން. މާނޭ ޑައިވްކުރަން ޖެހޭ ސަބަބެއް ނެތި ދެ ފައުލެއް ކުރިއިރު ވެސް ރެފްރީއަކަށް މުހިއްމެއްނުވި،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މީޑިއާތަކުން އޭނާ އަށް ފެންނަ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑަށް ވަނީ މިދިޔަ ދެ އަހަރެއްގެ ތެރޭގައި ލިވަޕޫލަށް މިދިޔަ ފަސް އަހަރާއި ބައިގެ ތެރޭގައި ލިބުނު ވަރަށް ވުރެން އިތުރަށް ޕެނަލްޓީ ލިބިފަ އެވެ. ކްލޮޕް ބުނީ އެ ތަފާސްހިސާބުތަކަށް ބަލާއިރު އެއީ ކާކު ބޮލުގައި އަޅުވަންޖެހޭ ކަމެއް ކަމެއް ނޫނީ ހަގީގަތުގައި ވެސް އޭގެ އެހެން މާނައެއް ނަގަންޖެހޭ ސަބަބެއް އޮތްކަމެއް ނޭނގޭ ކަމަށާއި އެއީ މީޑިއާ އިން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ލީގުގައި ދެން އެންމެ އަވަހަށް ލިވަޕޫލް ކުޅޭ މެޗުގައި މި މަހު 17 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ޔުނައިޓެޑާ ދެކޮޅަށެވެ.