އިނިއެސްޓާ ސްޕެއިންގެ ގައުމީ ޓީމުގެ ޖޯޒީގައި
13 ޖުލައި 2021 - 10:52
މެޑްރިޑް (ޖުލައި 13) - ޔޫރޯ 2008 ގެ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ޓީމުގައި މިޑްފީލްޑާ އަންޑްރެސް އިނިއެސްޓާ ބޭނުންކުރި ޖޯޒީ ވަގަށް ނެގި ނެޓްވޯކްގެ މެންބަރުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޕެއިންގެ ފުލުހުން ބުނެފި އެވެ.
އިނިއެސްޓާ ބޭނުންކުރި އެ ޖޯޒީ ސްޕެއިންގެ ފުލުހުން މިހާރު ވަނީ ހޯދައިފަ އެވެ. އެ ޖޯޒީ ހޯދީ ޝޮޕިން ސެންޓަރެއްގައި ވިއްކަން ބަހައްޓާފައި ވަނިކޮށެވެ. އެ ޖޯޒީ ވިއްކަން ޖަހާފައިވާ އަގެއް ކަމަށް ކަނޑައަޅައިފައި ވަނީ 1،000 ޔޫރޯ (1،186 ޑޮލަރު) އެވެ.
އެ ޖޯޒީ ވަގަށް ނެގި މައްސަލައާ ގުޅިގެން 58 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ވަގުންގެ ނެޓްވޯކުގެ މެންބަރެކެވެ. ފުލުހުން ރިޕޯޓްކޮށްފައި ވަނީ އެ މީހާ ހައްޔަރު ކުރީ ފިލަން ވެގެން ދުއްވި ކާރު ޓްރެކް ކުރުމަށް ފަހު ކަމަށެވެ. އަދި އެ ނެޓްވޯކްގެ އެހެން މެންބަރު ފުލުހުން ދަނީ ހޯދަމުންނެވެ.
އިނިއެސްޓާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 130 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ޔޫރޯ 2008، ޔޫރޯ 2012 އަދި ވޯލްޑް ކަޕް 2010 ސްޕެއިން އަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އިނިއެސްޓާ އެވެ. ވޯލްޑް ކަޕު ފައިނަލުގައި ނެދަލެންޑްސްއާ ދެކޮޅަށް ސްޕެއިން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ އިނިއެސްޓާ އެވެ. ގައުމީ ޓީމަށް ކުޅުން އޭނާ ހުއްޓާލީ 2018 ގެ ވޯލްޑް ކަޕަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy