ރެއާލަށް ބޮޑު މޮޅެއް، ބާސެލޯނާ އަނެއްކާ ވެސް އެއްވަރު

މެޑްރިޑް (ޑިސެމްބަރު 1) - ސްޕެނިޝް ކަޕުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ރޭ ލިއޮނެސާ އަތުން 6-1 އިން ރެއާލް މެޑްރިޑް ބޮޑު މޮޅެއް ހޯދިއިރު، ރަށުން ބޭރުގައި ސްޕެނިޝް ތިން ވަނަ ޑިވިޝަންގެ ހާކިއުލެސްއާ ދެކޮޅަށް ކުޅޭ ބާސެލޯނާ 1-1 އިން އެއްވަރުވެއްޖެ އެވެ.


ސްޕެއިނުގެ ތިން ވަނަ ޑިވިޝަންގެ ލިއޮނެސޭއާ ދެކޮޅަށް ރެއާލުން ގިނައިން ބޭނުންކުރީ ޔޫތު ކުޅުންތެރިންނެވެ. ރޭގެ މެޗުގައި ރެއާލުން ޖެހި ހަތް ލަނޑުގެ ތެރެެއިން ތިން ލަނޑުގެ ޖެހީ މަރިއާނޯ ޑިއާޒް އެވެ. އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ ކޯޗު ޒިދާންގެ ދަރިފުޅު އެންޒޯ ޒިދާން އާއި ޖޭމްސް ރޮޑްރިގޭޒް އެވެ. ދެން ޖެހި ލަނޑަކީ ލިއޮނެސޭގެ ސެސާ މޮގާޑޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ލިއޮނެސޭގެ ހަމައެކަނި ލަނޑު މި މެޗުގައި ކާމިޔާބުކުރީ ޔެރާއެ ގޮންޒާލެޒް އެވެ. ލިއޮނެސޭގެ މަައްޗަށް ދެ ލެގުން ރެއާލުން ކުރިހޯދީ 13-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އަންނަ ހޮނިހިރު ދުވަހު އޮތް ކްލަސިކޯ މެޗަށް ވިސްނުމަށް ފަހު ރޭ ހާކިއުލެސްއާ ދެކޮޅަށް ބާސެލޯނާ އިން އެ ޓީމުގެ އެއްވެސް މުހިއްމު ކުޅުންތެރިޔަކު ބޭނުމެއް ނުކުރެ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ހާކިއުލެސް އިންނެވެ. މެޗުގެ 52 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ ޑޭވިޑް މައިންޒް އެވެ. އޭގެ ހަ މިނިޓް ފަހުން ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ޑޭވިޑް އަލޭނާ އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހަން ބާސެލޯނާ އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

"މިއީ ފުރަތަމަ ލެގު ކަމަށްވުމުން މާޔޫސްވާން ނުޖެހޭ. ކުރިއަށް އޮތް މުހިއްމު މެޗަށް ބަލާފައި ކުޅުންތެރިން ބޭނުން ނުކުރީ. އަމިއްލަ ދަނޑުގައި ނަތީޖާ ބަދަލުކޮށް ދެން އޮތް ބުރަށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.