11 ސެޕްޓެމްބަރ 2019 - 08:22
އިިންޑިއާގެ މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" ގެ ކޯ-ޕްރޮޑިއުސްކޮށް، ފިލްމުގެ ޓައިޓްލް ރޯލް ކުޅެން އާމިރު ޚާން އެއްބަސްވެފައި ވަނިކޮށް، އެ ފިލްމުގެ ޑައިރެކްޓަރު ސުބާޝް ކަޕޫރްގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން ފިލްމު މިދިޔަ އަހަރު ދޫކޮށްލުމަށް ފަހު، އަލުން އާމިރު ފިލްމާ ހަވާލުވެއްޖެ އެވެ.
އޭނާ ވަނީ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވުމުގެ އިތުރަށް، ފިލްމުގައި ގުލްޝަންގެ ރޯލް ކުޅެން ވެސް ނިންމައިފަ އެވެ. އަދި "މޯގުލް" ޑައިރެކްޓްކުރާނީ ވެސް އެ މަސައްކަތާ ކުރިން ހަވާލުވި ސުބާޝް އެވެ.
އާމިރު ބުނިގޮތުގައި އޭނާ ފިލްމަށް އަލުން އެނބުރި އަންނަން ނިންމީ ސުބާޝްގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން މިހާތަނަށް ސާބިތު ހިފޭވަރުގެ ހެއްކެއް ލިބިފައި ނުވުމާއި ރަސްމީ އިދާރާއަކުން އޭނާ އަށް އެއްވެސް ފިޔަަޅެއް ވެސް އަޅާފައި ނުވާތީ އެވެ. އަދި ސުބާޝްގެ މައްސަލާގައި އިންޑިއަން ފިލްމު އެންޑް ޓެލެވިޝަން ޑިރެކްޓާސް އެސޯސިއޭޝަން (އައިއެފްޓީޑީއޭ) އިން ފޮނުވި ސިޓީއެއް މުތާލިއާކުރި އިރު، އޭގައި ވެސް ސުބާޝްގެ މައްޗަށް ކުރެވުނު ތުހުމަތުގައި ހަގީގަތެއްވާ ކަމަކަށް މިހާތަނަށް ފެންނަން ނެތް ކަމަށް އާމިރު ބުންޏެވެ.
IT'S OFFICIAL... Aamir Khan reverses his decision... Decides to work with director Subhash Kapoor in #Mogul... The Gulshan Kumar biopic will star Aamir in central role.
— taran adarsh (@taran_adarsh) September 9, 2019
އެހެންވެ ކުށެއް ސާބިތުނުވާ މީހަކަށް އަދަބެއް ދިނުމުގެ ގޮތުން، އޭނާއާ އެކު މަސައްކަތްނުކުރަން ނިންމުނީތީ ފަހުން އެކަމާ ދެރަވި ކަމަށް ވެސް އާމިރު ބުންޏެވެ.
"އެހެންވިޔަސް އަހަރެން އަދިވެސް ބުނަން ބޭނުންވަނީ ޖިންސީ ފުރައްސާރަކަށް އަށް އަހަރެން ގެންގުޅޭ ޒީރޯ ޓޮލެރެންސޭ،" އާމިރު ބުންޏެވެ.
ސުބާޝްގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަ ތުހުމަތުކޮށް 2014 ގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ގީތިކާ ތިއާގީ ކިޔާ މީހެކެވެ. އޭނާ ބުނި ގޮތުގައި ސުބާޝް ވަނީ އޭނާ ރޭޕް ކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތަށް ސުބާޝް ވަނީ ތަކުރާރުކޮށް އިންކާރުކޮށް އެވެ.
"ޖޯލީ އެލްއެލްބީ" އާއި "ޖޯލީ އެލްއެލްބީ 2" ފަދަ ފިލްމުތައް ގެނެސްދިން ސުބާޝްގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އާމިރު "މޯގުލް" ގައި ހިއްސާނުވާން ނިންމައި އެކަން ޓްވިޓާގައި ހިއްސާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އޭނާ ފިލްމު ދޫކޮށްލުމާ އެކު ޓީ ސީރީޒުން ވެސް އޮތީ ފިލްމުގެ މަސައްކަތް މަޑުޖައްސާލައިފަ އެވެ. އެކަމަކު މި ފިލްމަކީ އެ ކުންފުނި މިހާރު ހިންގަން އިސްކޮށް ހުރި ޕްރޮޑިއުސަރު ބުޝާން ކުމާރުގެ ބައްޕަގެ ވާހަކަ ކިޔައިދޭ ފިލްމަކަށްވާތީ "މޯގުލް" އަކީ ބުޝަން އާއި ޓީ ސީރީޒަށް ވެސް ހާއްސަ ފިލްމެކެވެ.
އާމިރާ އޭނާގެ އަންހެނުން ކިރަން ރާއޯ ޕްރޮޑިއުސަރުންގެ ގޮތުގައި ޓީ ސީރީޒާ ހިއްސާވާ ގޮތަށް "މޯގުލް" އަށް އަލުން އެއްބަސްވި ނަމަވެސް އެ ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އާމިރު މި ވަގުތު އަންނަނީ އަންނަ އަހަރުގެ ކްރިސްމަސްގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ލާލު ސިންގް ޗައްޑާ" ގެ ޝޫޓިން އަންނަ މަހު ފެށުމަށް ތައްޔާރުވަމުންނެވެ.
އާމިރަކީ އާންމުކޮށް އަހަރަކު ފިލްމެއް ކުޅޭ އެކްޓަރަކަށްވާތީ "މޯގުލް" ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ 2021 ގަ އެވެ.
މި ފިލްމަކީ ކުރިން އަކްޝޭ ކުމާރާ އެކު މިދިޔަ އަހަރު ގެނެސްދޭން ޕްލޭންކުރި ފިލްމެކެވެ. އެކަމަކު ފަހުން އާމިރަށް ފިލްމު ހުށަހެޅީ އަކްޝޭ ފިލްމު ދޫކޮށްލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy