ސުބާޝް އަދި އާމިރު
13 އޮކްޓޯބަރ 2018 - 08:49
ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރްގެ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" ގެ ޑައިރެކްޓަރު ސުބާޝް ކަޕޫރްގެ މައްޗަށް ވެސް ޖިންސީގެ ގޯނާގެ މައްސަލައެއް ތުހުމަތުކޮށްފައިވާތީ، އެ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ އާމިރު ހާން ފިލްމު ދޫކޮށްލައިފި އެވެ.
އޭނާ ފިލްމު ދޫކޮށްލި އިރު، ސުބާޝް ލައްވައި ފިލްމު ޑައިރެކްޓް ނުކުރުވަން ޓީ ސީރީޒުން ވަނީ ނިންމައިފަ އެވެ. އަދި އެކަން އެ ކުންފުންޏާ މިހާރު ހަވާލުވެގެން ހުރި ބުޝަން ކުމާރު ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ސުބާޝް ލިޔެ، ޑައިރެކްޓްކުރާ ގޮތަށް އޮތް "މޯގުލް" ގެނެސްދޭން އޮތީ އާމިރާއި އޭނާގެ އަންހެނުން ކިރަން ރާއޯގެ ފިލްމު ކުންފުންޏާއި ޓީ ސީރީޒް ގުޅިގެންނެވެ.
މި ފިލްމާ އާމިރު ހަވާލުވީ، ކުރިން ފިލްމުގައި ޓައިޓްލް ރޯލު ކުޅެން ސޮއިކުރި އަކްޝޭ ކުމާރު މިދިޔަ އަހަރު ކުއްލި ގޮތަކަށް ފިލްމު ދޫކޮށްލުމުންނެވެ. އޭނާ ފިލްމު ދޫކޮށްލި ސްކްރިޕްޓާ ގަޔާނުވެގެންނެވެ.
"މޯގުލް" ދޫކޮށްލުމަށް ފަހު، އާމިރު ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި ބުނީ އެއްވެސް ކަހަލަ ފުރައްސާރައެއްގެ ތުހުމަތު އެޅިފައިވާ ބަޔަކާ އެކު އޭނާ އާއި އޭނާގެ ޓީމުން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އެ ގޮތުގައި އޭނާ ދެމިހުންނާނެ ކަމަށް ބުންޏެވެ.
— Aamir Khan (@aamir_khan) October 10, 2018
އާމިރުގެ ޓްވީޓް.
އާމިރު "މޯގުލް" ދޫކޮށްލުމާ ގުޅިގެން ސުބާޝް ވަނީ އެ ނިންމުމަށް އިހުތިރާމު ކުރާ ކަމަށް ބުނެފަ އެވެ. އެކަމަކު މީހެއްގެ މައްޗަށް ތުހުމަތުތަކެއް ބަޔަކު އަޅުވާ އިރު، އެފަދަ ކަމެއް ކުރަން ވާނީ ހެއްކާއި ގަރީނާ ހުރެގެން ކަމަށް ބުންޏެވެ. އަދި މީހަކު ހަމަ ވާހަކައެއް ދައްކައިލާ އިރަށް އެކަން ގަބޫލު ކުރަން ނުވާނެ ކަމަށް ބުންޏެވެ.
"އަހަރެން ސާބިތުކޮށް ދޭނަން އަހަންނަކީ މައުސޫމު މީހެއްކަން،" ޖޮލީ އެލްއެލްބީ ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "ކޯޓްގައި އަހަންނަށް ސާބިތުކޮށް ދެވޭނެ އަހަންނަކީ ކުށެއް ނެތް މީހެއްކަން."
ސުބާޝްގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަ ތުހުމަތުކޮށް 2014 ގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ގީތިކާ ތިއާގީ ކިޔާ މީހެކެވެ. އޭނާ ބުނި ގޮތުގައި ސުބާޝް ވަނީ އޭނާ ރޭޕް ކުރަން މަސައްކަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy