02 މާޗް 2020 - 07:44
އިންޑިއާގެ ޓީވީ ޗެނެލްތަކުން މިހާރު ދައްކާ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ ސިލްސިލާ "ބޭހަދު 2" މި މަހުން ފެށިގެން ސޮނީ ޗެނެލުން ދެއްކުން ހުއްޓައިލަން ނިންމިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ރިވެންޖް ރޮމޭންޓިކް ތުރިލާގެ ފަހު އެޕިސޯޑް އެ ޗެނެލުން ދައްކާނީ މި މަހުގެ 13 ގަ އެވެ. އޭގެ ފަހުން "ބޭހަދު 2" ކުރިއަށް ގެންދަން ނިންމާފައި ވަނީ ސޮނީގެ ޑިޖިޓަލް ޕްލެޓްފޯމް ސޮނީ ލިވް އެޕުންނެވެ.
އެކަމަކު ސޮނީ ޗެނެލްގެ ބަދަލުގައި ސްޓްރީމިން ޕްލެޓްފޯމަށް ސިލްސިލާ ބަދަލުކުރަން ނިންމި ސަބަބެއް ސާފެއް ނޫނެވެ. "ބޭހަދު 2" ވެގެން ގޮސްފައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލާ މީހުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ސިލްސިލާއަކަށެވެ.
މިއީ 2016-2017 ގައި ސޮނީން ގެނެސްދިން "ބޭހަދު" ގެ ދެވަނަ ސީޒަނެވެ. ފުރަތަމަ ސީޒަނުގައި 273 އެޕިސޯޑް ގެނެސްދިނެވެ.
މި ފަހަރުގައި ސީޒަނުގައި ކިޔައިދެނީ ވާހަކަ ލިޔުންތެރިޔާ މާޔާ ސިންގް (ޖެނިފާ ވިންގެޓް) އާ ހިތާވެ އޭނާގެ އެންމެ ޒުވާން އުމުރުގެ ދުވަސްތައް ހިތުން ނުފިލާވަރުގެ ހިތްދަތި މާޒީއަކަށް ބަދަލުކޮށްލި، ނުޒޫފު ވިޔަފާރިވެރިޔާ މިތުން ޖޭ ރޯއި ނުވަތަ އެމްޖޭ (އަޝިޝް ޗައުދަރީ) އާއި އޭނާގެ އާއިލާ އިން ބަދަލުހިފުމަށް މާޔާ، އެމްޖޭގެ ދަރިއަކާ ކައިވެނިކުރުމަށް ފަހު، ކުޅޭ ކުޅިގަނޑެވެ.
"ބޭހަދު 2" ގައި ޖެނިފާގެ ފިރިމީހާ ރުދުރާ ރޯއިގެ ކެރެކްޓާ ކުޅެމުން އަންނަނީ ކަލާޒް ޗެނެލުން މިހާރު ދައްކާ "ހަތުރޯން ކޭ ކިލާޅީ 10" ގައި ވާދަކުރަމުން އަންނަ ޝިވިން ނަރަންގެވެ.
ސޮނީން "ބޭހަދު 2" ދައްކަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 އިން ފެށިގެންނެވެ. މިހާތަނަށް މި ސިލްސިލާގެ 60 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy