07 އެޕްރީލް 2020 - 08:28
ކޮރޯނާވައިރަހާ ހެދި ސިނަމާތައް ބަންދުކުރަން ޖެހި، ދެއްކުން ހުއްޓައިލަން ޖެހުނު އިރުފާން ޚާންގެ އެންމެ ފަހުގެ ފިލްމު "އަނގްރޭޒީ މީޑިއަމް" ސްޓްރީމިން އަށް ދޫކޮށްލައިފި އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރި ފިލްމު މިދިޔަ ހަފުތާގައި ލޯންޗްކުރި ޑިޒްނީ+ ހޮޓްސްޓާ އިން މިހާރު ސްޓްރީމްކުރެވޭނެކަން އެ ފިލްމު ޕްރޮޑިއުސްކުރި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
"އަނގްރޭޒީ މީޑިއަމް" އަކީ 2017 ގައި އިރުފާން ކުޅުނު ކާމިޔާބު ފިލްމު "ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ. މި ފަހަރު ފިލްމު ޑައިރެކްޓްކުރީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ކޮކްޓެއިލް" ގެނެސްދިން ހޯމީ އަދަޖާނިއާ އެވެ.
Hop on to the dreamy roller-coaster ride with this father-daughter duo as we bring to you the World Digital Premiere of #AngreziMedium only on @DisneyplusHSVIP! Watch now: https://t.co/d3jqlZ7N1B@Irrfank #KareenaKapoorKhan @radhikamadan01 #DeepakDobriyal pic.twitter.com/WyY0rqLFOL
— Maddock Films (@MaddockFilms) April 5, 2020
"އަނގްރޭޒީ މީޑިއަމް" އިން އިރުފާނާ އެކު ފެނިގެން ދިޔަ ކާސްޓުންގެ ތެރޭގައި ރާދިކާ މަދަން އާއި ކަރީނާ ކަޕޫރާއި ޑިމްޕަލް ކަޕާޑިއާ އާއި ދީޕަކް ދޮބްރިޔާލާއި ރަންވީރު ޝޯރޭ އާއި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.
މި ފިލްމަކީ 2018 ވަނަ އަހަރުން ފެށިގެން ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން އިރުފާން ކުޅުނު ފުރަތަމަ ފިލްމެވެ.
"އަނގްރޭޒީ މީޑިއަމް" އާ ބެހޭ ގޮތުން ކްރިޓިކުން ބުނެފައި ވަނީ މި ފިލްމަކީ ކުރީ ބައިހާ ޝައުގުވެރި ފިލްމެއް ނޫން ކަމަށާއި ފިލްމުގެ ހާއްސަ އުސްއައްޔަކީ އިރުފާންގެ މޮޅު އެކްޓިން ކަމަށެވެ.
ޖުމްލަ 36 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ އެންމެ 13.54 ކްރޯޑް ރުޕީސް (2 މިލިއަން ޑޮލަރު) އެވެ. ސިނަމާތަކުގައި ދެއްކުނީ "އަނގްރޭޒީ މީޑިއަމް" ގެ އެންމެ ތިން ވަރަކަށް ޝޯ އެވެ.
މި ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ބުނެފައިވާ ގޮތުގައި ފިލްމުގެ ތިން ވަނަ ބައެއް "ޗައިނީޒް މީޑިއަމް" ގެ ނަމުގައި ގެނެސްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy