17 ޖުލައި 2020 - 08:34
ސޮނީ ޓީވީން މި އަހަރު އަލަށް ފެށި ޑާންސް ޝޯ "އިންޑިއާސް ބެސްޓް ޑާންސް" އާ ކޮވިޑް-19އާ ހެދި ހުއްޓިފައި އޮންނަތާ ހަތަރު މަސް ފަހުން އަލުން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު ޝޯގެ ޖަޖުންގެ ޕެނެލާ، މަޝްހޫރު ކޮރިއޯގްފާރު ރެމޯ ޑި ސޫޒާ ގުޅިއްޖެ އެވެެ.
ރެމޯ ވަނީ ޝޯގެ ރެކޯޑިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް އެ ޝޯގެ އަނެއް ދެ ޖަޖުން ކަމަށްވާ ގީތާ ކަޕޫރާއި ޓެރެސް ލުވިސްއާ އަލުން ގުޅުމަކީ އުފަލެއް ކަމަށް ބުނެފަ އެވެ.
ރެމޯ "އިންޑިއާސް ބެސްޓް ޑާންސާ" އާ ގުޅުނީ ޖަޖުންގެ ޕެނެލުގައި ކުރިން ހިމެނުނު މަލައިކާ އަރޯރާގެ ބަދަލުގަ އެވެ. އެކަމަކު ޝޯގެ ބާކީ ހުރި ހުރިހާ އެޕިސޯޑެއްގައި ރެމޯ ބައިވެރިވާނެކަން ކަށަވަރެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނިގޮތުގައި މަލައިކާ އަށް މި ވަގުތު ޝޯގައި ބައިވެރިވެވެން ނެތީ އޭނާ ދިރިއުޅޭ އިމާރާތުގެ އުޅޭ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އިމާރާތް ކުރި ސަރަހައްދު ކޮންޓައިންމަންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ ގޭގައި ކަރަންޓީނުވެގެން ހުންނަން މަޖުބޫރުވުމާ ގުޅިގެންނެވެ.
އެހެންވެ ޝޯގެ ތަންކޮޅެއް ފަހުން މަލައިކާ ޝޯ އިން އިން ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ރެމޯ އަކީ ކުރިން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގީތާ އާއި ޓެރެސްއާ އެކު ޒީޓީވީގެ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ ޖަޖްކަންކޮށްފައިވާ އިންޑިއާގެ އެންމެ ކާމިޔާބު އެއް ކޮރިއޮގްރާފަރެވެ.
ފަހުން އެ ޝޯގެ އެކި ސީޒަންތަކުން ފެންނަ ޖަޖުން ބަދަލުވަމުން އަންނަ އިރު، ރެމޯ އަކީ ސްޓާ ޕްލަސް އިން ވެސް ޑާންސް ޝޯއެއް ގެނެސްދޭ ފަންނާނެކެވެ. އެގޮތުން "ޑާންސް ޕްލަސް" ގެ ފަސް ވަނަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރު އެވެ.
ސޮނީގެ "އިންޑިއާސް ބެސްޓް ޑާންސާ" އަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ 29 ގައި ގެނެސްދޭން ފެށި ޝޯއެކެވެ. ކޮވިޑާ އެކު ޝޯ ހުއްޓިފައި އޮތުމަށް ފަހު އަންނަ ހޮނިހިރު ދުވަހުގެ ރޭ އަލުން ގެނެސްދޭން ފަށާނެ އެވެ.
ދެމަފިރިން އަދި މަޝްހޫރު ދެ ކޮމީޑިއަނުން ކަމަށްވާ ބާރްތީ ސިންގް އާއި ހާޝް ލިމްބާޗިއާ ހޯސްޓްކުރާ މި ޝޯ އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:00 ގައި ގެނެސްދޭ ޝޯއެކެވެ.
"އިންޑިއާސް ބެސްޓް ޑާންސާ" ގެ އިތުރުން ސޮނީ އިތުރު ޑާންސް ޝޯއެއް ވެސް ގެނެސްދެ އެވެ. އެއީ ވެސް ގީތާ ޖަޖެއްގެ ގޮތުގައި ހިއްސާވާ "ސުޕަ ޑާންސާ" އެވެ. އެ ޝޯގެ ތިން ވަނަ ޗެޕްޓާ ގެނެސްދިނީ މިދިޔަ އަހަރު އެވެ.
އޭގެ ޖަޖުންގެ ތެރޭގައި ގީތާއާ އެކު ހިމެނެނީ ބަތަލާ ޝިލްޕާ ޝެޓީ އާއި ޑައިރެކްޓަރު އަނޫރާގް ބާސޫ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy