08 ނޮވެމްބަރ 2020 - 08:01
ޓައިގާ ޝްރޮފް ސޮއިކޮށް، މޯޝަން ޕޯސްޓަރު ދައްކާލާފައިވާ ޑައިރެކްޓަރު ވިކާސް ބާލްގެ އާ ފިލްމު "ގަންޕަތު" ގެ ބަތަލާއިންނަކީ ނޯރާ ފަތެހީ އާއި ނުޕޫރް ސެނަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނުޕޫރަކީ ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ އެވެ. އަކްޝޭ ކުމާރާ އެކު މިދިޔަ އަހަރު ވީޑިއޯ ލަވައަކުން ވެސް ފެނުނު ނުޕޫރް ބޮލީވުޑަށް ނުކުނަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމަކީ "ގަންޕަތު" އަށް ވުމުގެ ފުރުސަތު ބޮޑެވެ. ޓައިގާ 2014 ގައި ބޮލީވުޑަށް ތައާރަފުވި ފިލްމު "ހީރޯޕަންތީ" އަކީ ނުޕޫރްގެ ދައްތަ ކްރިތީ ބޮލީވުޑަށް ނުކުތް ފިލްމެވެ.
ހަންގާމާ އިން ބުނި ގޮތުގައި "ގަންޕަތު" ގައި ދެ ބަތަލާއިން ހިމެނުނަސް، ލީޑްކުރާނީ ނުޕޫރެވެ. ނޯރާ އަކީ ސެކަންޑް ލީޑެވެ.
ނޯރާ އަކީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ މަޝްހޫރު އައިޓަމް ގާލް އެވެ. ނެށުމަށް އަރާހުރި ނޯރާ އަށް ވަނީ އަންނަ އަހަރު ރިލީޒްކުރާ އަކްޝޭގެ "ބެލް ބޮޓަމް" ގެ އައިޓަމް ލަވައަކުން ވެސް ފުރުސަތު ލިބިފަ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ލަވް ރަންޖަން ޕްރޮޑިއުސްކުރާ ސައިލެންޓް ފިލްމު "އުފް" އާއި އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ހިމެނެ އެވެ.
ނޯރާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ވަރުން ދަވަންގެ "ސްޓްރީޓް ޑާންސާ" އިންނެވެ.
ދެހާސް ބާވީހުގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ގަންޕަތު" ގެ ބަތަލާއިންނަކީ ނޯރާ އާއި ނުޕޫރް ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެ ފިލްމު ޕްރޮޑިއުސްކުރާ ވާޝޫ ބަގްނާނީ އާއި އޭނާގެ ދަރިފުޅު ޖެކީ ބަގްނާނީ އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
ޓައިގާ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެނިގެން ދާނެ އެކްޝަން ފިލްމު "ގަންޕަތު" ގެ ޕޯސްޓަރުގައިވާ ގޮތުގައި މިއީ ފްރެންޗައިޒެކެވެ. އެގޮތުން 2022 ގައި ގެނެސްދޭނީ އޭގެ ފުރަތަމަ ބައެވެ.
ޓައިގާ މިހާރު އަންނަނީ އެހުމަދު ޚާން ޑައިރެކްޓްކުރާ "ހީރޯޕަންތީ 2" އަށް ތައްޔާރުވަމުންނެވެ. އަންނަ އަހަރުގެ ޖުލައި 16 ގައި ރިލީޒްކުރާ އެ ފިލްމުގެ ބަތަލާ އަކީ ތާރާ ސުތާރިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy