މިދިޔަ މަހުގެ ތެރޭގައި ހުޅުވި ހުރަވަޅި ރިސޯޓުގެ މޫދު ކޮޓަރިތަކެއް: ޓޫރިޒަމްގެ ދާއިރާ އިން ނަގާ ޓެކްސްތަކާއި ފީތަކުން ލިބުނު މިންވަރު އިތުރުވެފައިވޭ. -- ފޮޓޯ: ހުރަވަޅި ރިސޯޓް
08 ޑިސެމްބަރ 2016 - 21:17
ޓޫރިޒަމުން ނަގާ ޓެކްސްތަކާއި ފީތަކުން ލިބުނު މިންވަރު އިތުރުވެ، މިދިޔަ މަހު ދައުލަތަށް 1.01 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިރޭ ބުނެފި އެވެ.
މީރާ އިން އާންމުކުރި ތަފާސްހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިިދިޔަ މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 21 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ޓީޖީއެސްޓީ، ގްރީން ޓެކްސް، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ލޭންޑް ރެންޓަށް ލިބުނު އަދަދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ވުރެ އިތުރުވުން ކަމަށް ބުންޏެވެ.
މީރާ އަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 52.2 ޕަސެންޓް ނުވަތަ 525.96 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ (87.84 މިލިއަން ރުފިޔާ ނުވަތަ 8.7 ޕަސެންޓް) އިންނެވެ.
އޭގެ އިތުރުން ހިމެނެނީ ބީޕީޓީ އަށް ލިބުނު 84.74 މިލިއަން ރުފިޔާ (8.4 ޕަސެންޓް) އާއި ބިމުގެ މުއްދަތު އިތުރުކުރުމަށް ދެއްކި 76.75 މިލިއަން ރުފިޔާ (7.6 ޕަސެންޓް) އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 57.2 މިލިއަން ރުފިޔާ، 5.7 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބުނު 175.97 މިލިއަން (17.4 ޕަސެންޓް) އެވެ.
މިދިޔަ މަހު މީރާ އިން ބަލައިގަތް އާމްދަނީގެ ތެރޭގައި 42.4 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ
މިދިޔަ މިދިޔަ މަހުގެ އާމްދަނީ އިތުރުވުމާ އެކު، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މީރާ އަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 13.29 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. ކުރީ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ލިބުނު ޖުމްލަ އަކީ 12.08 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓަށް މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ބެލި 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންކަމުން ލިބޭނެ ކަމަށް ލަފާކުރި ހަތަރު ބިލިއަން ރުފިޔާ އެވެ.
މީރާގެ ތަފާސްހިސާބުތަކާއި އަންދާޒާކުރުންތަކަށް ބަލާއިރު މި އަހަރުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ލިބޭނީ ޖުމްލަ 14.06 ބިލިއަން ރުފިޔާ އެވެ. އެހެންވެ، އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވާ މިންވަރަށް ވުރެ 2.47 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޢާނު
12 December 2016
2 ބިލިއަން މަދުވުމަކީ މައްސަލަޔެއް!!!
މީރާ
12 December 2016
އިމްޕޯރޓް މުދާ ވިއްކާ ކުދި ފިހާރަތަށް އޯޑިޓް މީރާއިން ކުރަނީ އެއްވެސް އިންސާފަކުން ނޫން. އެތަން ތަނަށް މީރާއިން ފޯރުކޮއްދޭން ޖެހޭ ރައްކާތެރިކަމެއް ފޯރުކޮއްނުދީ ބޮޑެތިއަދަދުން ޓެކުސް ދައްކަން އަންގަނީ . އެކަމަށް ކިޔާނީ ފޭރުން.
ވީކުޑްބީ
08 December 2016
ޓޫރިޒަމް އިން ލިބުނު އާމްދަނީ އިތުރުވެ މިދިޔަ މަހު މީރާ އަށް 1 ބިލިއަން ޑޮަލަރުގެ އާމްދަނީ އެއް އެލިބުނީ އެއީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ކުޅަދާނަ ކަމުން މާލޭގެ މަގުމަތީގައި މުޒާހަރާ ނުކުރެވޭ ގޮތް ހަދާ އަދި ގެޓް ޓުގެދަރ ގާނޫނުގެ ދަށުން ގެޓް ޓުގެދަރ ކޯނަރ އެއް ވެސް ރަންރީނދުލޭ މެންނަށް ކަނޑައަޅާ ދީފައިވާ ތީއެވެ.