އިއްތިހާދު އެއާވޭސް އިން ރާއްޖެ އަށް އިތުރު ހަތަރު ފްލައިޓް ބާއްވަނީ

އިއްތިހާދު އެއާވޭސް އިން ރާއްޖޭގެ އޮޕަރޭޝަން ފުޅާކޮށް، ހަފުތާ އަކު އިތުރު ހަތަރު ފްލައިޓް ބާއްވަން ނިންމައިފި އެވެ.


ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން ކަމަށްވާ އިއްތިހާދުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޔޫއޭއީގެ ވެރިރަށް އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު އެ އެއާލައިނުން ކުރާ ދަތުރުތައް އިތުރުކުރަން ނިންމީ ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އަށް ކުރާ ދަތުރުތަކަށް ޑިމާންޑު ބޮޑުވާތީ އެވެ.

ރާއްޖެ އަށް ދަތުރުކުރަން ފެށިތާ ފަސް އަހަރު ވެފައިވާ އިއްތިހާދުން ބުނި ގޮތުގައި އިތުރުކުރާ ފްލައިޓްތައް އޮންނާނީ އަންނަ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު 17 ގެ ނިޔަލަށެވެ.

މިހާރު ވެސް ރާއްޖެ އަށް ދުވާލަކު ފްލައިޓެއް ބާއްވާ އިއްތިހާދުން އަލަށް ކުރާ ދަތުރުތަކަށް ބޭނުން ކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެކެވެ. ބިޒްނަސް ކްލާހުގެ 16 ސީޓާއި އިކޮނޮމީ ކްލާހުގެ 120 ސީޓު ހިމެނޭ މި ބޯޓު އަބޫ ދާބީން ފުރައިގެން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ހެނދުނު ކަމަށް އެ އެއާލައިނުން ބުންޏެވެ.

މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނައިރު، ގިނަ އަދަދެއްގެ ޓޫރިސްޓުން ހިޔާރު ކުރަނީ އިއްތިހާދެވެ.