އެއާޕޯޓްގައި އިތުރު ފްރެންޗައިޒް ކެފޭއަކަށް ފުރުސަތު ހުޅުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިތުރު ފްރެންޗައިޒް ބްރޭންޑެއްގެ ރެސްޓޯރަންޓެއް ނުވަތަ ކެފޭއެއް ހިންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.


ދުނިޔޭގެ އެންމެ ވަރުގަދަ ހަ ފްރެންޗައިޒް ރެސްޓޯރަންޓާއި ކެފޭ ބްރޭންޑްތަކަށް ވީއައިއޭގައި އިންވެސްޓްކުރުމުގެ ފުރުސަތު އެމްއޭސީއެލް އިން ވަނީ ކުރިން ހުޅުވާލައިފަ އެވެ.

އެމްއޭސީއެލް އިން ހުޅުވާލާފައި ވަނީ ކޮފީ ކޮންސެޕްޓަށް ކެފޭއެއް ހިންގަން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޮފީ ބްރޭންޑް، އެމެރިކާގެ ސްޓާ ބަކްސް އަށާއި ޑޯނަޓާއި ޕޭސްޓްރީ ވިއްކާ ތަނެއް ހިންގަން މަޝްހޫރު "ޑަންކިން ޑޯނަޓްސް" އަށާއި "ކްރިސްޕީ ކްރީމް" އަށާއި ކެޝުއަލް ޑައިނިން އަށް މަޝްހޫރު ނަންޑޯސް އަދި ހާޑްރޮކް ކެފޭ އަށާއި ފާސްޓް ފުޑް ވިއްކުމަށް ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) ނުވަތަ މެކްޑޮނަލްސް އަށެވެ. މީގެ އިތުރުން ޕީއްޒާ އަށް ޑޮމިނޯސް ނުވަތަ ޕިއްޒާ ހަޓަށް ހުޅުވައިލި އިރު އައިސް ކްރީމް ވިއްކުމަށް ހާގެންޑާޒް ނުވަތަ ބާސްކިން ރޮބިންސް އަށް ފުރުސަތު ދީފައިވެ އެވެ.

ސްޓާބްކްސް ކޮފީ ޝޮޕެއް ހިންގުމަށް 231 އަކަމީޓަރުގެ ސަރަހައްދެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ޑޯނަޓް ވިއްކުމަށް ހާއްސަކޮށްގެން 80 އަކަމީޓަރު، ކެޝުއަލް ޑައިނިން އަށް 302 އަކަމީޓަރު، ފާސްޓްފުޑް ކޮންސެޕްޓް ރެސްޓޯރަންޓަކަށް 171 އަކަމީޓަރު، ޕިއްޒާ ވިއްކަން 99 އަކަމީޓަރު އަދި އައިސްކްރީމް ވިއްކަން 14 އަކަމީޓަރުގެ ތަނެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެ އިއުލާނަށް މިއަދު ގެނައި އިސްލާހެއްގައި ބުނެފައިވާ ގޮތުގައި އައިސްކްރީމް ވިއްކުމަށް އިތުރު ތަނެއް ދިނުމަށް ނިންމާފައިވެ އެވެ. ހާގެންޑާޒް ނުވަތަ ބާސްކިން ރޮބިންސް އަށް ކުރިން ފުރުސަތު ހުޅުވާލާފައިވާ އިރު، މިހާރު ވަނީ މޫވްއެންޑްޕިކް އަށް ވެސް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގައި އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އަންނަ ފެބްރުއަރީ 15 ވަނަ ދުވަހު ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ފަހު، މާޗް 15 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ. އަދި މާޗް 16 ން އޭޕްރިލް އެއްވަނަ ދުވަހާ ހަމަޔަށް ބިޑްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީހުން އާއްމުކޮށް ފައިބާ ސަރަހައްދުގައި އާ އެފްއެންޑްބީ އައުޓްލެޓުތަކެއް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތެއްގަ އެވެ. އެތަނުގެ ސްޓީލް އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. އަދި އަމަލީ މަސައްކަތް ކުރި އަށް ގެންދަން މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް، އަންނަ ޖޫން މަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އެފްއެންޑްބީ އައުޓްލެޓުތައް ހަދާއިރު، އެމްއޭސީއެލް އިން އަންނަނީ އާ ޓާމިނަލާ ދިމާވާނެ ގޮތަށް އާ ޖެޓީތަކެއް ހަދަމުންނެވެ. އޭގެ ތެރެއިން ބައެއް ޖެޓީތައް މިހާރު ވަނީ ބޭނުންކުރަން ވެސް ފަށައިފަ އެވެ. އެއާޕޯޓުގައި މިހާރު ވެސް ބޭރުގެ ބޮޑެތި ބައެއް ފްރެންޗައިޒް ރެސްޓޯރަންޓުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ބާގާ ކިންގާއި ކޮފީ ކްލަބާއި ތައި އެކްސްޕްރެސްގެ އިތުރުން، ދަ ޕިއްޒާ ކޮމްޕެނީ އަދި ޑެއިރީ ކުއީން ހިމެނެ އެވެ.