ފެރީ ސަބްސިޑީ ކަނޑާލުމުން އެމްޓީސީސީގެ ފައިދާ ދަށްވެއްޖެ

ސަރުކާރުން އެމްޓީސީސީ އަށް ދެމުން އައި ފެރީ ސަބްސިޑީ މާޗް މަހުން ފެށިގެން ކަނޑާލުމުން އެ ކުންފުނީގެ މިދިޔަ އަހަރުގެ ސާފު ފައިދާ ދަށްވެއްޖެ އެވެ.


މާލެ ސަރަހައްދުގައި ފެރީގެ ހިދުމަތް ދެމުން އަންނަ ކުންފުނިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް 32 މިލިއަން ރުފިޔާ ވަނީ ގެއްލުންވެފަ ކަމަށެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ ގާތްގަނޑަކަށް 104 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީއަށް 2015 ވަނަ އަހަރު ލިބިފައި ވަނީ 156.3 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ 30 ޕަސެންޓް އިތުރުވެ ސާފު ފައިދާ އޭގެ ކުރީ ކުއާޓަރަށް ވުރެ 114 ޕަސެންޓް ވަނީ އިތުރުވެފަ ކަމަށެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި 31.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ކުރީ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 12.2 މިލިއަން ރުފިޔާ އެވެ.