ބަޖެޓު ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް -- ފޮޓޯ: މިހާރު
20 ނޮވެމްބަރ 2023 - 12:45
ކުރިއަށް އޮތް އަހަރުގައި ފައިސާ ޗާޕުކުރަން ޕްލޭނެއް ކޮށްފި ނަމަ ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް މަޖުބޫރު ވެދާނެ ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ދިން ލަފައިގެ ޕްރެޒެންޓޭޝަންގައި އެމްއެމްއޭގެ ސީނިއާ ރިސާޗު އެނަލިސްޓް މުހައްމަދު އިމްތިނާން ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިން ހޯދުމަށް މި ދަނޑިވަޅުގައި ދަތިވެފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ ޑިސެމްބަރު މަހުން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯ ނުކުރަން ނިންމާފައި ވެ އެވެ. އިމްތިނާން ވިދާޅުވީ، އެ ހާލަތު ބަދަލުވެ، އަލުން އޯވަޑްރޯ ކުރާ ނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑް އެތަށް ގުނައަކަށް އިތުރުވާނެ ކަމަށެވެ.
"ކުރިޔަށް އޮތް އަހަރުގައި ވެސް މިފަދައިން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ރާވާކަމުގައިވާ ނަމަ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް މަޖުބޫރުވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ އިން އެހެން ބުނިއިރު މިވަގުތު ޑޮލަރުގެ އަގު ކަޅުބާޒާރުގައި އުޅެނީ ރަސްމީ ރޭޓަށް ވުރެ މާ މަތީގަ އެވެ. މިވަގުތު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެނީ 17.30ރ.- 18.20ރ. އާ ދެމެދުގެ އަގެއްގަ އެވެ.
އިމްތިނާނު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އެމްއެމްއޭއިން ދަރަނި ނެގުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އެއީ ބޭރުގެ މާލީ އިދާރާތަކުންނާއި އެ އޮތޯރިޓީން ވެސް ރެކޮމެންޑް ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ބަޖެޓު ކޮމިޓީގައި ތިއްބެވި ބައެއް މެންބަރު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެމްއެމްއޭ އިން ދިން ބަޖެޓު ލަފާގައިވާ ގޮތުން ދައުލަތުގެ ރަސްމީ ރިޒާވް ވަކި ވަރެއްގައި ހިފެހެއްޓުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭރުގެ ފައިނޭންސިންއަކީ މިވަގުތު ކޮންމެހެން ހޯދަން ޖެހިފައިވާ އެއްޗެއް ކަމަށެވެ.
އެމްއެމްއޭ އިން ބުނީ، މި އަހަރަށް ފައިނޭންސިންގެ ގޮތުގައި އަންދާޒާ ކޮށްފައިވާ އަދަދުން 200 މިލިއަން ޑޮލަރު ނޮވެންބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން ފައިނޭންސިންގްގެ ގޮތުގައި 550 މިލިއަން ޔޫއެސް ޑޮލަރު ރަސްމީ ރިޒާވް ގައި ހިމަނާފައިވާއިރު، މި އަދަދުން ބައެއް 2024 ވަނަ އަހަރު ކުރީކޮޅު ރިޒާވަށް ލިބުމަކީ މުހިންމު ކަމެއްކަމުގައި ވެސް މަރުކަޒީ ބޭންކުން ބުނެފައި ވެ އެވެ.
"ބޭރުގެ ފައިނޭންސިންގެ އަދަދުތައް ނުލިބިއްޖެ ނަމަ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު އިތުރުވެ، ތަކެތީގެ އަގު އުފުލުމަކީ އެކަށީގެން ވާކަމެއް. ވުމާ އެކު، މި ހިރާސްތައް ކުޑަކުރުމަށްޓަކައި ދުރާލާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ހިމަނާފައިވާ ފައިނޭންސިން ހޯދުމުގެ މަސައްކަތް ކުރުމަށް މި އޮތޯރިޓީން ލަފާ އަރުވަން،" އިމްތިނާނު ދެއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވި އެވެ.
އެމްއެމްއޭ އިން ވަނީ އަންނަ އަހަރަށް ލަފާކުރާ އާމްދަނީ އިން 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ނުލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އަންނަ އަހަރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތައް އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރަން އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
13 December 2023
ރިސޯޓު ތަކުގައި ދިވެހި ރުފިޔާއިން އަގު ޖަހާ އަދި ދިވެހި ރުފިޔާ ނޫން އެއްޗަކުން މުއާމަލާތް ކުރުން މަނާ ކުރަން އެބަ ޖެހޭ. އޭރުން މިކަން ވަރަށް ބޮޑު ތަނުން ހައްލު ވާނެ.
ޙަސަންތަކުރުފާނު
23 November 2023
ބަޖެޓް ކޮމިޓީއިން ތިފެންނަނީ ކޮންބައެއް! ތިޔައިންގެ ތެރެއަކު ނެތް މަރުކަޒީ ބެންކުން އެބުނާއެއްޗެއް ސާފުވާވަރު މީހެއް. ކަޅުބާޒާރެއް އޮންނަން ޖެހޭތޯ؟ ވޭތުވެދިޔަ ހައެއްކަ މަހުވެސް ޑޮލަރު ވިއްކީ 18.00 ރުފިޔާއިން މަތީގަ. ޑޮލަރުން ފައިސާ ދައްކާ ޓޫރިސްޓް ވިޔަފާރިން ސަރުކާރަށް ދައްކާ ޓެކްސް ގްރީންޓެކްސް، ޓީޖީއެސްޓީ، ޖީއެސްޓީ ގެ ފައިސާ ޑޮލަރުން ދައްކަންވީ އެކަން ޙައްލުވާނެ. މަނިޓަރީ ޕޮލިސީ އިސްލާހުނުވެ ޙައްލެއްނުވާނެ.
އިބްރ
21 November 2023
ޤައުމު ބަނގުރޫޓް ކޮއްލިކަމުގެ ޝީލްޑް އެމްޑީޕީއަށް އަރުވަންޖެހޭ.
އަބްޑޫޅް +
21 November 2023
އެމްއެމްއޭ ގޮރުނުދޯރު ފިޔަވާ ދެން ތިބި ކެނައިން ތިބިގޮތުން ހީވަނީ، އޭގެ ދެމީހުންނަކަށްވެސް ނޭގޭހެން އޯއެމްއޯ އަކީ ކޯންޗެއްކަމެއް. ވޯސިންގު މެސިނަށް އަޅަން ގެންގުޅޭ، އޯމޯ ކުނޑި ކަމަށްވެސް ހީވެދާނެ.
م.م.ا
21 November 2023
ޑޮލަރު ކޮންޓްރޯލް ކުރާނެގޮތް ދަސްކުރަން އަފްޢާނިސްތާނުގެ ޠާލިބާނުންގެ ކާރިއަށްދޭ! މުޅިދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް އެކަހެރިކޮށްފައި އޮތްއިރުވެސް ، ވެރިކަމަށް އައިސް ގެނައި ބަދަލުގެ ސަބަބުން އަފްޣާނާނިސްތާނުގެ ފައިސާގެ އަގު ޑޮލަރާއި އަޅާކިޔާނަމަ އިންޑިޔާގެ ފައިސާއަށްވުރެ މިހާރު އަފްޣާން ފައިސާގެ އަގު އުޅެނީ އެތަށްގުނައެއް މަތީގައި. މިއީ ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއި އެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެކަމުގެ ހެއްކެއްނޫންތޯ؟
އަބްޑޫޅް +
21 November 2023
ސަޅި އިގިރޭސި އިބާރާތެއް ބޭނުން ކުރިއިރު، ޖާހިލުން ގާތު އޭގެ މާނަ ނުބުނީ ކޯންޗެއް ފޮރުވަން؟ އޯއެމްއޯ އަކީ ކުޑަކޮށް ތަފާތު ގޮތަކަށް (ބޮންޑު ވިއްކައިގެން) ދަރަނި ނެގުން. އެ ދަރަނި ކަލޭމެންނަށް ދޭނީ އެއްކަލަ އިންޑިޔާ މީހުންހެން ހާދަ ހީވެޔޭ! ނަންވާނީ ހައިވަކަރު އޮޑި ދޯ؟
ލިޔާގަތު
20 November 2023
މޮޅު ވާހަކަ ނުދައްކާ. ކަމެއް ރަނގަޅު ކުރަން ކުރާ އެއްކަމެއް ވެސް ހަރާން. ޑޮލާރ ރާއްޖޭގަ ރެގިއުލޭޓް ކުރާނެ ގޮތެއް ހޯދުނިއްޔެއް ނޫން. ތިން އަހަރު ވެގެން ދިޔައިރު އެކްސްޗޭންޖް ލައިސަންސް ދޫކުރުން ވެސް ނުފެށުނު. ލައިސަންސް ދޫކުރި ފަރާތްތައް ރެގިއުލޭޓް ކުރަން ގަވާއިދު ގަނޑެެއް ހެދުނިއެެއް ނޫން. އައުޓް ސޯސް ކޮއްގެން ނޫނީ އެއްކަމެއްވެސް ނުވެ. ބޮޑު މުސާރަ ނަގައިގެން ތިބޭ ބޭކާރު މީހުން ތިބޭ މަރުކަޒެއް ތީ. މުޅި މަރުކަޒު އެއްކޮށް އޯވަހޯލް ކުރަންވީ.
އުސްމާނުބެ
21 November 2023
ރާއްޖޭގައި ދުނިޔޭގަ ހުރި އެންމެން އަގު ބޮޑު ބައެއް ރިސޯޓުތައް އެކަމަކު ވީމަކެއް ހަރާން
މަގޭ ހިޔާލު
20 November 2023
ތިބޭފުޅުންނަކީ މިނިވަން މުއައްސަސާކަށް ވީ ހިނދު ކީއްވެގެންތޯ ކުރީ ސަރުކާރުން މި ގޯސްތަށްހަދާތަން ބަލަންތިބީ. އެހެންގައުމުތަކުގައި ސެންޓްރަލް ބޭންކުން ގޮތެއް ނިންމައިފިނަމަ ސަރުކާރަށް މަޖުބޫރުވޭ ކަންކަންކުރަން. މި ރާއްޖޭގެ ގަވަނަރުން މިލަނީ ބޭނުންވާ ނެރެޓިވްއެއް ހޯދަން. ޜާއްޖެއަށް އެންމެ ރަނގަޅުގޮތް ބާއްވާފައި ސަރުކާރުގެ ނުރަނގަޅު ފިޔަވަޅުތައް ކުރެވިދާނެ ގޮތްގޮތް ގަނޫނީ ގޮތުން ހޯދައިދޭ ބަޔަކަށް ކަލޭމެންތިވަނީ. ޢިސްތިއުފާދީފަ ގެޔަށްކަނޑާލާ ދެން
ތެލި
20 November 2023
މަދަނީ ޚިދުމަތް ދިނުމަށް މިތާ ތިބި ހަތްދިހަވަރަކަށް އިންޑިޔާ ސިފައިން ބާލަން ހިފާލާފަ ހުރިވަރަށް މި ރާއްޖެއަށް ލިބޭ ޑޮލަރުތައް މިރާއްޖޭގަ ހިފެހެއްޓޭނެ ގޮތެއް ހޯދަން އުޅެބަލަ ގައިމު އާންމު ރައްޔިތު މީހާއަށް މާބޮޑުތަނުންވެސް ފައިދާ ކުރާނެއެވެ.
އިކޮނެމީ
20 November 2023
ރިސޯޓްތަކަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަންޖެހޭ ގޮތަށް ޤާނޫން ބަދަލުކުރީމަ ތި މައްސަލަ ހައްލުވީ. ޓޫރިޒަމުން ޤައުމަށާއި ރައްޔިތުންނަށް ކުރާ ފައިދާއެއް ނެތް. އެ ފައިދާ ކުރާނަމަ މިތަނަކީ ހުސް މިލިއަނަރުން އުޅެންޖެހޭ ޤައުމެއް. ބަޔަކު މީހުން ގެ އަޅުވެތިކަމުގެ އަދިވެސް މި ތިބިވެނީ.
ިުޖިުޖ
21 November 2023
ރިސޯޓް ތަކުގަ ވެސް ބިދޭސީން ދެން ދާނީ ބޭރަށްދޯ