ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
27 ފެބުރުއަރީ 2017 - 20:06
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިންގުން އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރުމުން، ދިވެހި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަ އެއް މަގު މުޅިން ބަންދުވެ، ދިވެހިން އުއްމީދުކުރި ތަރައްގީ އެއާޕޯޓަށް ލިބުން ހުއްޓުނު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ އާ ރަންވޭގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ އެއާޕޯޓުގެ ހިންގުން ޖީއެމްއާރާ ހަވާލުކުރުން ދިވެހިންގެ ވިންދަށާއި އިހުސާސްތަކަށް ކެތްވާވަރުގެ ކަމަކަށް ނުވި ކަމަށެވެ.
"މި އެއާޕޯޓް ފުރަތަމަ ފަހަރަށް ބިނާކުރި ދިވެހިންގެ ކަށިން ހިތްވަރު ނެރުނު ގޮތަށް މި އެއާޕޯޓް އަނބުރާ ހޯދުމަށް ގައުމީ ހަރަކާތެއް މީގެ ފަސް އަހަރު ކުރިން ރާއްޖޭގައި ވަނީ ހިންގާފައި. ރައީސް ވަހީދާއި އެ މަނިކުފާނާއެކީ ތިއްބެވި ސިޔާސީ ލީޑަރުންގެ ޓީމުގެ ހިތްވަރާއެކު ފުރިހަމަ ސިޔާދަތުގެ ދަށަށް ދިވެހި ދައުލަތުން ވަނީ ކަށަވަރުކޮށްފައި،" މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
އެއާޕޯޓު ޖީއެމްއާރު އަތުން ނެގުމަށް ހިންގި ހަރަކާތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ ގައުމީ މުހިންމު އެ މަސައްކަތުގައި ރައީސް އަބްދުﷲ ޔާމީން އަދާކުރެއްވި ހިކުމަތްތެރި ދައުރަށް ފަހު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވެވަޑައިގެން އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވީ ދިވެހިންގެ އަމިއްލަވަންތަ ފަޚުރެއްގެ ގޮތުގައި އޮތް އެ އެއާޕޯޓަށް ޒަމާނީ ތަރައްގީ ގެނެސްދެއްވުމަށް ކަމަށެވެ.
އާދިލް ފާހަގަކުރެއްވި ގޮތުގައި މިދިޔަ ބައިގަރުނުގެ ތެރޭގައި ކޮންމެ ރައީސެއްގެ ތަރައްގީގެ އެޖެންޑާގައި ވެސް ހުޅުލޭ އެއާޕޯޓް ހާއްސަ ގޮތެއްގައި ފާހަގަކުރެވިގެން ދިޔަ އެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރު ހަގީގަތަކަށް ހައްދަވައިދެއްވި އެ އެއާޕޯޓުގެ ތަރައްގީ އަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މުހިންމު މަޝްރޫއުތަކެއް ހިންގަވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ ފަހުން ގެއްލިގެން ދިޔަ ސަފުހާގައި ދިވެހިންގެ މި އަގުބޮޑު ހަރުމުދާ ބޭރުގެ ކުންފުންޏެއްގެ ބާރުގެ ދަށަށް ނުއަގުގައި ދޫކޮށްލަން މަސައްކަތް ކުރި. އެއާޕޯޓް ހިންގުން ޖީއެމްއާރާ ހަވާލުކުރުމުން ޒަމާނީ އާ ރަންވޭއެއް އެޅުމުގެ ހިޔާލެއް އެ ކުންފުނިން ނުގެންގުޅޭ. އޭގެ ބަދަލުގައި އެ ކުންފުނީގެ މައިގަނޑު ވިސްނުމަކަށްވީ އެއާޕޯޓުގައި ވީހާ ގިނަ ވިޔަފާރިއެއް ކުރެވޭނެ މަގު ހޯދުން. މިއީ އެންމެނަަށް ވެސް އެނގޭ ހަގީގަތެއް،" ޖީއެމްއާރަށް އެއާޕޯޓު ހިންގަން ހަވާލުކުރި މައްސަލައާ ބެހޭ ގޮތުން އާދިލް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ބޭނުންކުރާ ރަންވޭއާ މާޒީ ވަނީ ގުޅިފަ އެވެ.
އާދިލް ވިދާޅުވީ މިއަދު ފަށާ ރަންވޭގެ އާ މަޝްރޫއަކީ ދިވެހިންގެ ވާހަކަ ފޮތުގައި ލިޔެވިގެންދާނެ އަދި ކާމިޔާބު އެތައް ވާހަކައެއްގެ ފުރަތަމަ ޗެޕްޓަރު ކަމަށެވެ.
"މި އެއާޕޯޓްގައި މިހާރު ބޭނުންކުރާ ރަންވޭ އާ މާޒީ ވަނީ ގުޅިފައި. ބޭރުގެ އެކި ބާރުތަކާ ދެކޮޅަށް އަޅުގަނޑުމެން ދިވެހިން ކުރި ސިޔާސީ ހަނގުރާމަ، އިގްތިސާދީ މިނިވަންކަމުގެ ޖިހާދުގައި މި ރަންވޭ މުހިންމު ދައުރެއް އަދާކުރި. މި ރަންވޭ ކޮންމެ ތާރުކޮޅެއްގައި ކޮންމެ ހިލަކޮޅެއްގައި ވެސް ހިތްވަރުގަދަ ދިވެހިންގެ ދަލާއި ލޭގެ އަސަރު ހުންނާނެ،" އާދިލް ވިދާޅުވި އެވެ.
އެ އެއާޕޯޓު ހެދުމަށް ދިވެހިން ކުރި މަސައްކަތް ފާހަގަ ކުރައްވަމުން މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެއީ ދިވެހިންގެ އަޒުމް ވަރުގަދަ ކަމުގެ ރަމްޒެއް ކަމަށެވެ. އަދި އެއާޕޯޓަކީ ރާއްޖޭގެ ޓޫރިޒަމް ގުޅުވައިލަދިން ފާލަން ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"މިއީ ބައިނަލްއަގުވާމީ ދުނިޔެއާއި ވިޔަފާރީގެ މުއާމަލާތަކާ ގުޅުވައިދިން ބްރިޖް. މީގެ އިތުރުން ހެޔޮއެދޭ އެތައް ގައުމުތަކާއި ދިވެހިންގެ ތެރޭގައި އޮތް އެހީތެރިކަމުގެ ގުޅުމާއި އެތައް ނިޝާންތަކެއް ވަނީ މި ރަންވޭއާ ގުޅިފައި،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
28 February 2017
ޓާރމިނަލް ތެރޭ ބާލިދީ ބަހައްޓައިގެން އުޅުނު ބައެއްގެ ކޮން ތަރައްގީއެއްބާ ހުއްޓުނީ؟ ތާނގި ބަހައްޓާ ހިސާބަށް ނުދެވުނީ ދެއްތޮ؟
މުލީ ހަސަނު
28 February 2017
ސަހާދެއް!! އާދިލު މެން ވިހި ތިރީސް އަހަރު އެއަރޕޯޓުގަ މަސައްކަތް ކުރީމޯ. އެކަމު މިހާރު މާބާރުލާފައި ތިކިޔާ ފްރެންޗައިސް ގަނޑެއް ވެސް އެއަރޕޯޓަސް ގެނައީ ތިޔަބުނާ ޖީއެމްއާރުން...ޓީއާރްސީ ޒޯން މިހާރު އޮތްގޮތޯ؟؟؟ އާދިލުމެން ޖީއެމްއާރ ބޭރު ކުރިފަހުން އާމްދަނީ އިތުރު ކުރަން އަޅެ ކުރިކަމެއް ބުނެލަ ދީބަލަ! ނޯންނާނެ. ގެރެނޓީ.. ހަމަ ޖީއެމްއާރ އިން އިންކަމް އިރިކުރީ. ވަރަށް ވެދުން
މެންޓަލިސްޓް
28 February 2017
އެއީކޮންތަރައްގީއެއްތޯ ހުއްޓުނީ ؟؟ އެމީޙުން އާޓާެރމިނަލް އަޅަން ހުރިހާ ކަމެށްރެޑީކޮށް ބުޑުތަށްއަޅައި ހެދިނޫންތޯ ؟؟ އެކަމަށް ބޭނުންވާ ހުރިހާ ރޯމެޓީރިއަލްސް ހޯދިއެއްނޫންތޯ ؟؟ އަދި އެއަރޕޯޓްގައި މިހާރުވެސް ތިޔަބޭނުންކުރަމުން ގެންދާ އެރައިވަލް ޑިޕާރޗަރ އެއޮތީ އެމީޙުން ގެނައި ބަދަލާޢިއެކުނޫންތޯ ؟؟ އެމީހުންނޫންތޯ ބެގޭޖްރޫމްއެއް ހަދައި އެތަނަށްވެސް ފައިސާ ލިބޭނެކަން ދިވެހިންނަށް ދައްކައިދިނީ ؟؟ އެމީހުންހިންގި ގޮތަށް ނޫންތޯ މިހާރުވެސް ޑިއުޓީފްރީ ތަށް މިހާރުވެސް ތިޔަހިންގަނީ ؟؟؟ ތިޔައެއަރޕޯޓަކީ ކުރީންވެސް ކުވެއިތުފަންޑުންނާޢި އަދި އެހެހެނިހެން ފަންޑްތަކުން ލޯންނަގައިގެން ޓާރމިނަލްއެއްގެ ބަދަލުގައި ދަގަޑު ގުދަނެއްހަދައިފައި އޮތްތަނެއްނޫންތޯ ؟؟؟ އަޅުގަނޑު ނުބުނަން ޖީއެމްއާރ ގެ އެގްރީމެންޓް މުޅިންބަރާބަރެކޭ ، އެކަމު އެމީހުންނަށް ކަމެށްކުރާނެ މުއްދަތެއް ދިނީންތޯ ؟ އެމީހުންގެ އެގްރީމެންޓްގައި ހުރިބައެއް ކަންތަށް ބަދަލުކުރަން އެމީޙުން އެއްބަސްވީމައިވެސް އެމީހުން ތަޅާބޭރުކުރީނޫންތޯ ؟؟؟ އޭގެ އަގުދައްކަން މިޖެހުނީ ދިވެހިރައްޔަތުންނޫންތޯ ؟؟؟ މިސާލަކަށް މިހާރު އޮތް ސަރުކާރު ވައްޓާލައިފައި އެއަރޕޯޓްޕްރޮޖެކްޓްތަށް ޗައިނާ ކުންފުނިތަކުން އަތުލައިފައި އޭގެ 2 އަހަރުފަހުން އެއަރޕޯޓް ތަރައްގީކުރާކަށް ނޫޅުނޭ ބުނީމައި ކަމުދާނެތޯ ؟؟؟؟ ވަރަށްވެދުްން
ވިސްނާ
28 February 2017
ހަގީގަތުގައި އެއަރ ޕޯޓްގެ ތަރައްގީ ފެށުނީ ޖީއެމްއާރުން ހިންގަން ފެށުމުންނެވެ. އެރަވައިލް ހޯލްގެ ބޭރު ލޮބީއިން އެފެންނަ ބަދަލުން އެތައްހާސް ޑޮލަރެއް މަހެއްގެ މަށްޗަށް ލިބޭގޮތަށް ބަދަލު ކޮށްލީ ޖީއެމްއާރުންނެވެ. ކުރިން ހަމަ އޮޑިހަރުގެއެއްހެން ހަދާލައިގެން ތިބީއެވެ. ޑިޕާރޗަރ ހޯލަށް ގެނެސްފައިވާ ބަދަލުވެސް އެފަދައެވެ. ކުރިން ތިޔަ މީހުންގެ ހިޔާލަކަށްވެސް ވިސްނުމަކަށްވެސް ކުޑަކަޑަ ބަދަލަކުންވެސް މި ވަރުގެ ނަފާއެއް ނެގެނޭނެކަން ނައެވެ. ވީމާ، ޖީއެމްއާރުން އެއަރޕޯޓް ހިންގަން ހަވާލު ކުރިކަމުގެ ނަފާ މިއަދުވެސް މިދަނީ ދިވެހިނަށް ލިބެމުންނެވެ.
ސައްތާރު /މހއ
28 February 2017
މިހާރުވެސް އެއާރޕޯޓަށް އެރީމާ ފެންނަނީ ޖީ.އެމް.އާރުން ކޮށްފައި ހުރި މަސައްކަތް. ތިޔަ އެއާރޕޯޓް އަޅައިގެން ވޭދުވެދިޔަ ދިގު މުއްދަތުގައި ކުވޭތު ފަންޑުންނާޢި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންނާއި ވޯލްޑް ބޭންކުނާއި ނެގި ލޯނުގެ އަދަދުވެސް ދިވެހިސަރުކާރަކަށް ނޭގޭނެ. އަދި ތި ތަނަށް ބާ ވެހިކަލް ތަކާއި ބާ ޖަނަރޭޓަރުތައް ގެނެސް ބްރޭންޑް ނިއު އެއްޗެތީގެ ނަމުގައި ފައިސާ ނަގާ ވާހަކަ އަކީ މުޅި ގައުމުގައިވެސް ވަރަށް އާއްމުކޮށް ދެކެވޭ ވާހަކަ ތަކެއް.
ޒީރޯ
28 February 2017
ތަރައްޤީ އޭކިޔާއަޑު އިވެމުންދާތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެންކަމުން މިބުނާ ތަރައްޤީއަކީ ކޮބައިތޯ އޮޅުން ފިލުވަން މި ދާއިރާއިން އެންމެމަތީ ތަޢުލީމު ހާސިލުކޮށްފައިވާ މީހުން ގެ ވަރަށްގިނަ ފޮތްތަކާއި މަޒްމޫނުތަކާއި، ލިޔުންތައް ކިޔައިގެންވެސް އަދި މިގައުމު ތަރައްޤީވަމުން ދާކަން އަންގައިދޭ އެއްވެސް ނިޝާނެއް ނުފެނެއެވެ. މުއިއްޒު ގޯޅިކަންމަތީގައި ހަދާ ޕާކުތަކާއި ދެތިން އިމާރާތާއި ފާލަމެއް އެޅުމަކީ ތަރައްޤީއޭ ބުނި ހަމައެކަކުވެސް ނުފެނުނެވެ. މިއަށް އެމީހުންކިޔައި އުޅެނީ ރައްޔިތުން ލޮލުގައި އަނދުން އެޅުވުމެވެ. ގައުމުގެ ޚަޒާނާ ސާފުކުރަން ހުޅުވާ ދޮރުތަކެވެ. ތަންދޮރު ނުދަންނަ ރައްޔިތުންގެ ވޯޓު އަތުލަން ދައުލަތުގެ ޚަޒާނާއިން ކުރާ ހޭދަތަކެއްކަމެވެ. އަހަރެން ގަބޫލުކުރަންވީ މި މީހާގެ ބަސްހެއްޔެވެ. ނުވަތަ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރާސާކޮށް ތަޖުރިބާލިބި މި ދާއިރާގައި މަސައްކަތްކުރަމުން ކުރަމުންގޮސް ޕްރޮފެސަރުންނަށް ވެފައިތިބި ފުންނާބު އުސް ޢިލްމުވެރިންގެ ބަސްހެއްޔެވެ.
ހުނިހަކުރު
28 February 2017
މިހާރުދެން ވަހީދުގެ ވެރިކަމާ ޖީއެމްއާރު ދިވެހިންނަށް އެނގޭ އަދިވެސް ވެރިކަމަށް އަރަންވެގެން ގޮވި ގޮވެލިފަތި ވަރަށް ދެރަ މިވާހަކައިގަ ދީން ނެތީމާ ދީނަައްޓަކާވެސް ކިޔަލިނަމަ އަދި ދީނީ ފިކުރުގެ ވާހަކަ ދެއްކާލީމާ ތަރައްގީ ފުރިހަމަވާނީ
އާނި
28 February 2017
ޖީއެމްއާރު ބާލައިގެން ރައްޔިތަކަށް ވީ ލުޔެއް ނިކަން ބުނެދީބަލަ ދައުލަތުގެ މާލިއްޔާއަށް ލިބުނު ކުރިއެރުމެއް ނެތް ރިޒާވުވެސް ޖީއެމްއާރަށް ދީ ހުސްކޮށްލީ ދެން އެއާރޕޯޓް ހަދަނި ރައްޔިތުންއަތުން ނަގާ ޓެކްސް ދެގުނަކޮށްގެން ލޯނުދައްކަނީ ރައްޔިތުން އެކަމަކުވެސް ޖީއެމްއާރު ރައީސްގެ މޮޅުކަމުން ބޭލިވާހަކަ ވަރަށްބޮޑުތެދެއް ރައިސް ވަރަށްމޮޅުތާ ރައީސްގެ މުދަލަކުންނޫން އަގުދައްކަން ޖެހުނީ ނިކަމެތިރައްޔިތުން ފެލައިގެން އެހެންވީމާ ރައީސް ހަމަ ވަރަށްމޮޅު އާދިލު ވިދާޅުނުވިއަސް އެކަން ދިވެހިންނަށް އެނގޭ ދެން އޮތީ ވަހީދުވެ ވެރިކަމުގެ ވާހަކަ ވަހީދުވެރިކަންވެސް ކުރީ ހަމަ ރައީސްގެ މޮޅުކަމުން ރައްޔިތުން ހޮވާފައޮތް ސަރުކާރެއް ފުލުހުންނާ ސިފައިން ނިކުމެ ރައީސްވެސް ނުހަނު ބުރަމަސައްކަތުން ޕިކަޕެއްގެ މަތީ އުޅުއްވާތީ ފެނޭ ވައްޓާލީ ރައީސް ހަމަ މޮޅުކަމުން އެކަމަކު މީން އެއްވެސްކަމަކުން ރައްޔިތަކަށްވީ ކޮންފައިދާއެއްތޯ ރައްޔިތުންނަށް ޖެއްސި ބުރަ ވީ 7 ދަރަޖަ ބޮޑު މިސަރުކާރުއައިފަހުން ރައްޔިތުންގެ ކަރުބުޑަށްވެސް އަތްބާނައިފި ލާރިހޯދަން އެއީ ދެން ތަރައްގީވިއްޔާ ތަރައްގީ އަކަމަކު އެއަށް ތަރައްގީ ކިއުމަށްވުރެ ރައްޔިތުން ފެލުން ކިއްޔާ މާރީތިވާނެ ކަމަށްފެނޭ
ބޮންތި
28 February 2017
ހަމަގައިމުވެސް ބޭރަށް ދާންވީމާ 500 ޑޮލަރު ގަންނަން މިހާރު ލިބޭ.
އޮޕްޓިމިސްޓް
28 February 2017
ބޭރަށް ދާންވީމަ 500 ޑޮލަރު ގަންނަން ނުލިބުނު ޒަމާނެއް އަހަރެންގެ ހަދާނަކަށް ނާދެއެވެ. އެހެނެއް ނޫނެވެ. ދައުލަތުގެ ފޮރިން ރިޒާވު ދައްވެ އަދި ކޭސް ފްލޯ ނެތިގެން ބޭންކް ތަކަށް ސެންޓަލް ބޭންކުން ޑޮލަރު ދޫނުކޮށް ޒަރޫޒީ ބޭނުންތަކަށް އެކަނި ސެންޓްރަލް ބޭންކުން ޑޮަލަރު ދޫކުރި ހަނދާން އެބަ ވެއެވެ. އެއްވެސް ޤައުމެއްގެ ސެންޓަރލް ބޭންކަކީ އާންމު ކަސްޓަމަރުންނަށް ހުންނަތަނެއް ނޫނެވެ، އެއީ ބޭންކިން ނިޒާމު ބަލަހައްޓާ ތަނެވެ. އަތަށް ގޮވައިގެން ކުރަން ނުޖެހޭ ކަންކަންވެސް ކުރެވުނީއެވެ. އިންޑިޔާގެ ފައިސާ ތާށިވެގެން ދިޔަ އިރުވެސް ސެންޓަރަލް ބޭންކަކުން އެގައުމުގެ ފައިސާވެސް އާންމުންނަކަށް ދޫނުކުރެއެވެ. އެއީ ސެންޓަރަލް ބޭންކް މަސައްކަތް ކުރާ ގޮތެވެ.
މަލީހު
27 February 2017
ދުވާލަކު އެއްފަހަރު އެއާޕޯޓްގައި ކޮންމެވެސް ކަމެއް ކުރަންފަށާފަ ދެން އޮންނާނީ ޖީއެމްއާރަށް ބެވުން އެކަމަކު އެ އެއާރޕޯޓެއް ހަދަން ލޯނުނަގައި ޓެކްސްނަގާވަރު މިވެރިންނަށް ނުފެންނަނީ ޖީބަށް ވަންނަ އަދަދު ބޮޑުވީމާ ކަމަށް ވެދާނެ ދެން މީ ދިވެހިރައްޔިތުންގެ ވިންދުކަމަށް ދައްކަން އުޅޭނެކަމެއްނެތް ބަޔަކު ނިކުމެ ހޭވި ހަޑިއަކީ ދިވެހި ރައްޔިތުންނެއްނޫން ވަހީދާ ވަހީދުވެ ވާގިވެރިން ކުރި ހުރިހައިކެމެއްގެ އަގު ދައްކަން ޖެހުނީ ނިކަމެތި ރައްޔިތުން ފެލައިގެން ޓެކްސް ދެގުނަކޮށްގެން ދިވެހިން އެއަރޕޯޓުން ފުރާނަމަ ޓެކްސް ދައްކައިގެން އެއާރޕޯޓްހަދަނީ އެއީ ރައީސްމީހާގެ މޮޅުކަމުން ވާކަމެއްނޫން ރައްޔިތުން މަރައިގެން ކުރާކަންތައް ލޯނުތައްވެސް ދައްކަނީ ރައީސެއްނޫން ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ރައްޔިތުންނަށް ހިރިހާބުރައެއް ސަރުކާރުގެ ޚަރަދުން އެންމެ ބައިރުފިޔާއެއްވެސް ކުޑައެއްނުވޭ
މަލީހު
27 February 2017
ދުވާލަކު އެއްފަހަރު އެއާޕޯޓްގައި ކޮންމެވެސް ކަމެއް ކުރަންފަށާފަ ދެން އޮންނާނީ ޖީއެމްއާރަށް ބެވުން އެކަމަކު އެ އެއާރޕޯޓެއް ހަދަން ލޯނުނަގައި ޓެކްސްނަގާވަރު މިވެރިންނަށް ނުފެންނަނީ ޖީބަށް ވަންނަ އަދަދު ބޮޑުވީމާ ކަމަށް ވެދާނެ ދެން މީ ދިވެހިރައްޔިތުންގެ ވިންދުކަމަށް ދައްކަން އުޅޭނެކަމެއްނެތް ބަޔަކު ނިކުމެ ހޭވި ހަޑިއަކީ ދިވެހި ރައްޔިތުންނެއްނޫން ވަހީދާ ވަހީދުވެ ވާގިވެރިން ކުރި ހުރިހައިކެމެއްގެ އަގު ދައްކަން ޖެހުނީ ނިކަމެތި ރައްޔިތުން ފެލައިގެން ޓެކްސް ދެގުނަކޮށްގެން ދިވެހިން އެއަރޕޯޓުން ފުރާނަމަ ޓެކްސް ދައްކައިގެން އެއާރޕޯޓްހަދަނީ އެއީ ރައީސްމީހާގެ މޮޅުކަމުން ވާކަމެއްނޫން ރައްޔިތުން މަރައިގެން ކުރާކަންތައް ލޯނުތައްވެސް ދައްކަނީ ރައީސެއްނޫން ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ރައްޔިތުންނަށް ހިރިހާބުރައެއް ސަރުކާރުގެ ޚަރަދުން އެންމެ ބައިރުފިޔާއެއްވެސް ކުޑައެއްނުވޭ