ސެންޓާރާއިން ރާއްޖޭގައި އިތުރު ދެ ރިސޯޓް ހަދަނީ

ތައިލެންޑް މަޝްހޫރު ހޮޓެލް ޗެއިން، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި އިތުރު ދެ ރިސޯޓް ޕްރޮޖެކްޓް ހިންގަން މި އަހަރުގެ ތެރޭގައި ސޮއިކުރާނެ ކަމަށް ބުނެފި އެވެ.

ބެންކޮކް ޕޯސްޓްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ފޯ ބިޒްނަސް ޑިވެލޮޕްމަންޓް ސުޕްރަތު ޗިރަވަތު ވިދާޅުވީ ރާއްޖޭގައި އިތުރަށް އިންވެސްޓްކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން އަމިއްލަ އިންވެސްޓްމަންޓަކާއި މެނޭޖްމަންޓް ޕްރޮޖެކްޓެއް ހިންގަން މިއަހަރުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވޭ މިހާރަށް ވުރެ ގިނައިން ރާއްޖޭގައި އިންވެސްޓްކުރަން. އޭގެ ތެރެއިން އެއް ޕްރޮޖެކްޓަކީ އިންވެސްޓްމަންޓެއް އަދި މެނޭޖްމަންޓް ޕްރޮޖެކްޓެއް ވެސް ލިބިފައި އެބަ އޮތް،" ސުޕްރަތު ވިދާޅުވި އެވެ.

ތައިލެންޑްގައި ހިންގާ ހޮޓާތަކަށް ވުރެ ބޮޑު އަގުގައި ކޮޓަރި ވިއްކޭ ކަމަށާއި އަދި ބޭރުގެ އެކި ގައުމުތަކުގައި ހިންގާ ހޮޓާތަކުން ލިބޭ އާމްދަނީ ވެސް ބޮޑު ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރާއްޖެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ވާދަވެރިކަން ވަރަށް ބޮޑު. އަޅުގަނޑުމެން އެތަނަށް [ރާއްޖެއަށް] ވަރަށް އާ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓީމަށް އެނގޭ ރާއްޖޭގެ މާކެޓް އޮތް ގޮތް ވެސް. އަދި އެތަންތަނުން ރަނގަޅު އާމްދަނީއެއް ލިބުމުގެ އިތުރުން ނަމަށް ވެސް ކުރާ އިތުބާރު ބޮޑު،" ސުޕްރަތު ވިދާޅުވި އެވެ.

ތައިލެންޑަށް ނިސްބަތްވާ ކުންފުނިން ރާއްޖޭގައި މިހާރު ވެސް ދެ ރިސޯޓެއް ހިންގަ އެވެ. އެގޮތުން އދ. މައްޗަފުށީގައި ސެންޓާރާ ގްރޭންޑް އަދި ކ. ގިރާވަރުގައި ސެންޓާރާ ރަސްފުށިގެ ނަމުގައި ފަސްތަރީގެ ރިސޯޓެއް ދަނީ ހިންގަމުންނެވެ. އެ ކުންފުނިން ދުނިޔޭގެ ދިހަ ގައުމެއްގައި 65 ހޮޓާ ހިންގަ އެވެ.