ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ވެލާނާ އެއާޕޯޓް ތަރައްގީކުރުން: ސައީދު

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ވެލާނާ އެއާޕޯޓް ތަރައްގީކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.


އެއާޕޯޓަށް 51 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުލޭގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ އެއްބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހަދާ އެއާޕޯޓުގެ ދެވަނަ ރަންވޭގެ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓްމަހުގެ ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އާ ޓާމިނަލް އާއި ފިއުލް ސްޓޯރޭޖްގެ ޖާގަ އިތުރުކުރަން ހިންގާ މަޝްރޫއު ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި އެއާޕޯޓުގެ ތާރީހުގައި 51 އަހަރު ފުރުނުއިރު މިއަދު މި އެއާޕޯޓު، އާދެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދެކެމުންމިދާ ތަރައްގީ ނުވަތަ އެއާޕޯޓުގައި މި ހިންގޭވަރުގެ މަޝްރޫއެއް މީގެ ކުރިން ހިންގިފައެއް ނުވޭ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޑަ ޖަޒީރާ އެއްވެސް ގައުމެއްގައި މިފަދަ ބޮޑު އިނޮވޭޓިވް މަޝްރޫއެއް ހިންގިފައެއް ނުވާނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ބަލާލި ކަމަށް ވިޔަސް އުމްރާނީ އަދި އިގްތިސާދީ އެތައް މަޝްރޫއެއް ހިންގަމުން އެބަދާ ކަމަށެވެ.

އެއާޕޯޓަށް 51 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހަފުލާގައި އިކޮނޮމިކް މިނިސްޓަރު ސައީދު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"މި ކޮންމެ ކަމަކާ ގުޅިފައި މިވަނީ ހަގީގަތުގައި މި އެއާޕޯޓަށް ގެނެވޭ ތަރައްގީއާ މި އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތަށް. ކުރުގޮތަކަށް ދަންނަވާ ނަމަ ދިވެހި ތާރީހުގައި އެންމެ ބޮޑު އެންމެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ހިންގޭ މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ހިންގަން ކެރުނު އެންމެ ބޮޑު ސަބަބަކީ އެއާޕޯޓުގެ މުވައްޒަފުންވެފައިވާ ތައްޔާރީ އާއި ރާއްޖެ މިފަދަ ބޮޑު ތަހުޒީބަކަށް ތައްޔާރުވެފައި އޮތް ބޮޑުކަމުން ކަމަށެވެ.

"މި އެއާޕޯޓްގެ ތަރައްގީއަށް ގާތްގަނޑަކަށް އެއްބިލިއަން ޑޮލަރު ހަރަދުކުރެވިގެން މިދަނީ. ވަރަށް ބޮޑު މަޝްރޫއެއްގެ ގޮތުގައި މިހިންގަނީ. ކޯޑް އެފް ސްޓޭންޑަޑަށް، ބަައިނަލްއަގުވާމީ ވިޔަފާރިތައް ގަބޫލުކުރާ އިންޓަނޭޝަނަލް އެއާލައިންސްތައް އިތުބާރު ލިބޭ ފަދަ ދެވަނަ ރަންވޭއެއް ބިނާކުރެވެމުން މިދަނީ. އަންނަ އަހަރުގެ މެދުތެރޭގައި ޖުލައި އޮގަސްޓް ހިސާބަށް ދާއިރު މި ރަންވޭ ބޭނުންކުރެވޭ ވަރަށް ތަރައްގީކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ޔަގީންވެފައި ވަނީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގައި ތެޔޮ ރައްކާކުރާ ޖާގަ ބޮޑުވެ އަދި ޒަމާނީ ފެންވަރުގެ އެތައް ފަސޭހަތަކާއި ޒަމާނީ ގޮތުން އެޑްވާންސް ޓާމިނަލަށް އާ ޓާމިނަލް ވެގެންދާނެ ކަމަށެވެ. އަދި ގައުމަށް އަންނަ އިގްތިސާދީ ބޮޑު ބަދަލުން ދިވެހި ރައްޔިތުންނަށް އެތައް ގޮތަކުން މަންފާކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 51 ފުރުން ފާހަގަކުރުމަށް މިރޭ ހުޅުލޭގައި ބޭއްވި ހަފުލާގައި މިނިސްޓަރު ސައީދު މުވައްޒަފަކަށް ލިޔުން ހަވާލުކޮށްދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"މިހާރު ބޮލަކަށް އާމްދަނީގެ ނިސްބަތް ޖެހޭ މިންވަރު 6،000 ޑޮލަރު ކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުރީ ގާތްގަނޑަކަށް 12،000 ޑޮލަރަށް، ބޮލަކަށް ޖެހޭ ނިސްބަތް އަންނަ އަހަރު، 2018ގައި ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމަށް އެއާޕޯޓް ބަންދުނުކޮށް ހިންގަން ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެކަމަކު އެ މަޝްރޫއުތައް ކުރިޔަށް ގެންދެވެނީ އެއާޕޯޓުގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.