ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރަން ކޮރަލިއަން ލެބްގެ ނަމުގައި ޅ. ވައްވަރުގައި، ޕްރޮފެސަރު ހަސަން އުގައިލް ހިންގަވާ މަރުކަޒު ހުއްޓާލައި އެ ރަށް ސަރުކާރާ ހަވާލުކުރަން އަންގައިފި އެވެ.
ރަށް ހިންގަމުން އައި ކޮރަލިއަން ލެބް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު އަދި އުގައިލްގެ ކޮއްކޮ މޫސާ އުގައިލް ވިދާޅުވީ އެގޮތަށް ސަރުކާރުން އެންގީ "ގަބޫލުކުރެވޭ ފަދަ އެއްވެސް ސަބަބެއް ނެތި" ކަމަށެވެ.
"އެއްބަސްވުން ބާތިލު ކުރުމަށް ސަރުކާރުން ދެއްކި ހުއްޖަތަކީ ގަވައިދުން ހުށަހަޅަން ޖެހޭ ރިޕޯޓްތައް ހުށަނޭޅުން. އެކަމަކު އަޅުގަނޑުމެން ދިޔައީ އީމޭލް މެދުވެރިކޮށް ރިޕޯޓް ހުށަހަޅަމުން. އަދި [ފިޝަރީޒް އެންޑް އެގްރިކަލްޗަރު] މިނިސްޓްރީން ރިޕޯޓްތައް ލިބޭ ކަމަށް ވެސް ދިޔައީ އަންގަމުން،" މޫސަ ވިދާޅުވި އެވެ.
"އެކަމަކު އެންމެ ފަހުން އެންގީ ރިޕޯޓްތައް ކަރުދާހުގައި ހުށަހަޅާފައި ނެތުމާ އެކު އެއްބަސްވުން ބާތިލުކުރީ ކަމަށް. އަދި އިތުރަށް މަޝްވަރާއެއް ކުރެވެން ނެތް ވާހަކަ ވެސް އެންގި."
އިލްމީ ގޮތުން ކުރިއަރާފައިވާ އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގެ ކަނޑުގެ ދިރުންތަކާ ބެހޭ ސައިންސްވެރިންނާއި ޕްރޮފެސަރުން މިހާތަނަށް އެތައް ދިރާސާއެއް ހަދާފައިވާ ވައްވަރު ސެންޓަރު ގާއިމްކުރަން "އެތައް ލައްކަ ޑޮލަރެއް" ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރަލިއަން ލެބް ހުޅުވީ 21 އަހަރުގެ މުއްދަތަށް ވައްވަރު ނަގައިގެން، 2013 ގަ އެވެ. މޫސަ ވިދާޅުވި ގޮތުގައި އެތަނުގައި "ދުނިޔޭގެ ފެންވަރުގެ ހިދުމަތާއި، އާލާތްތަކާއި ތަކެތި" ލިބެން ހުންނާނެ އެވެ.
މި މައްސަލާގައި ޕްރޮފެސަރު އުގައިލްއާ ގުޅުމުން އޭނާ ވިދާޅުވީ "ކުއްލި ގޮތަކަށް އެއްބަސްވުން އުވާލުމުން އެކަމާ ހިތާމަކުރަން" ކަމަށެވެ.
"އެއީ ރާއްޖެއަށް ގެއްލިގެން ދިޔަ ބޮޑު ފުރުސަތެއް" ކަމަށް ވިދާޅުވެ ދެން އޭނާ ހަމައެކަނި ވިދާޅުވީ "އެކަން ހިނގާދިޔަ ގޮތާ މެދު ވިސްނާފައި އެކަމާ ވަރަށް ލަދުން" ހުންނެވި ކަމަށެވެ.
"މިވަގުތު މިއާ ވިއްދައިގެން އިތުރަށް އެއްޗެއް ދަންނަވާކަށް ނެތިން،" އުގައިލް ވިދާޅުވި އެވެ.
މި މައްސަލާގައި ފިޝަރީޒް އެންޑް އެގްރިކަލްޗަ މިނިސްޓްރީން އަދި އެއްވެސް އެއްޗެކޭ ނުބުނެ އެވެ.
މޫސަ ވިދާޅުވި ގޮތުގައި އެ މަރުކަޒު ހިންގަމުން އައީ "އިޖުތިމާއީ މަސައްކަތެއް ގޮތުގަ" އެވެ.
"މިއީ ޕްރޮފެސަ އުގައިލަށާއި ދިވެހި ސަރުކާރަށް އިތުބާރުކޮށް، ދިވެހި ގައުމަށް ހިލޭސާބަހަށް ހިދުމަތެއް ކޮށްދިނުމުގެ ގޮތުން ބޭރު ބަޔަކު ކުރި އިންވެސްޓްމެންޓެއްގެ ދަށުން ކުރިއަށް ދިޔަ މަޝްރޫއެއް،" މޫސަ ވިދާޅުވި އެވެ.
"ރާއްޖޭގެ ދަރިވަރުންނާއި ޒުވާނުންނަށް އަދި ރާއްޖޭގައި ތިބި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ގެއްލުނު ފުރުސަތެއް މިއީ. ކުރިމަގުގައި ރާއްޖޭގެ ނާޒުކު ތިމާވެށި ދަނެގަތުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުން އައި މަސައްކަތްތަކެއް މި ހުއްޓުނީ."
ވައްވަރުގައި ހުރި މަރުކަޒާ ދުނިޔޭގެ 20 ޔުނިވަސިޓީއަކުން ގުޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ފަރުތަކާއި މުރަކައާ ބެހޭ އެތައް ދިރާސާއެއް މިހާތަނަށް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި އެ މަރުކަޒުގައި ހިލޭސާބަހަށް ހިންގި ތަފާތު ޕްރޮގްރާމްތަކުގައި ދިވެހި އެތައް ޒުވާނުންނާއި ދަރިވަރުންނަށް އެ ސައިންސްވެރިންގެ ފަރާތުން ސީދާ މައުލޫމާތު ދީފައިވެ އެވެ.
ރާއްޖޭގެ ކޮލެޖުތަކަށާއި އެ ދާއިރާއަށް ޝައުގުވެރިވާ އާންމު ފަރާތްތަކަށް ކުރު މުއްދަތުގެ ތަފާތު ކޯސްތައް ހިލޭ ހިންގި އިރު، މޫސަ ވިދާޅުވީ، މައުލޫމާތު ދީފައި ވާނީ ދުނިޔޭގެ ފެންވަރުގެ ޕްރޮފެސަރުން މެދުވެރިކޮށް ކަމަށެވެ.
"އެގޮތުން އިނގިރޭސިވިލާތް، އިޓަލީ، އޮސްޓްރޭލިއާ އަދި އެމެރިކާގެ ޔުނިވަސިޓީތަކުގެ ޕްރޮފެސަރުން މި ތަމްރީނުތަކުގައި ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައިވޭ،" މޫސަ ވިދާޅުވި އެވެ.