އެމްއާރުޑީސީން ރަށެއްގެ މަގު ހެދުމުގެ މަސައްކަތްކުރަނީ: އެ ކުންފުންޏަށް މާލީ ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. ފޮޓޯ: އެމްއާރުޑީސީ
19 ޖޫން 2016 - 14:49
މަގު ހެދުމާއި މަރާމާތުކުރަން ސަރުކާރުން އުފެއްދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް 17.8 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިދިޔަ ހަފުތާގައި ނެރުއްވި އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކުންފުންޏަށް ލިބެން ޖެހޭ ވަރަށް ގިނަ ފައިސާ ނުލިބި އެބަ ހުރި ކަމަށެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް 17.8 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކުންފުންޏަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފައިސާތައް ހޯދުމަށް ވަރަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ކުންފުނީގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކުންފުންޏަށް 2012 ވަނަ އަހަރު ލިބުނު ޖުމްލަ ފައިދާ 39 ޕަސެންޓް އަދި 2013 ވަނަ އަހަރު 34 ޕަސެންޓް، 2014 ވަނަ އަހަރު 41 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
އެ ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން، ބައެއް ރަށްރަށުގެ ފުޓްސަލް ދަނޑުތައް ހެދުމާއި ކުނި ނައްތާލުމުގެ މަސައްކަތާއި ވެލި ނަގައިގެން ވިއްކުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy