އެންމެ މަތީ ފެންވަރުގެ ބްރޭންޑްތަކަށް އަމާޒުކޮށްގެން، ކ. ރަށްފަޅުހުރާގައި ތިން ރިސޯޓެއް ހަދަނީ

ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ބްރޭންޑްތަކަށް އަމާޒުކޮށްގެން، ކ. ރަށްފަޅުހުރާގެ ފަޅުގައި ތިން ރިސޯޓެއް ހަދަން ހިއްކަން ފަށައިފި އެވެ.


މާލޭގެ އުތުރުގައި، ކުޑަ ރަށަކާ އެކު އޮންނަ ފަޅު ހިއްކައިގެން ރިސޯޓްތައް ތަރައްގީކުރަނީ ސިންގަޕޫރުގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ޕޮންޓިއާކް ލޭންޑުންނެވެ. އެއީ އެ ގައުމުގެ މަޝްހޫރު ވިޔަފާރި އާއިލާއެއް ކަމަށްވާ ކުވީ އިން ހިންގާ ކުންފުންޏެކެވެ.

ހެލެނގެލި ރިސޯޓު ކައިރީގައި އޮންނަ ރަށްފަޅުހުރާގައި ރިސޯޓެއް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އޭޕްރިލް 30، 2015ގައި ކުއްޔަށް ދީފައި ވަނީ މެސާ އާރުއެފް ޕްރައިވެޓް ލިމިޓެޑަށެވެ. އެއީ ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުއްޔަށް ދީފައި އޮތް ރަށެކެވެ.

އެރަށާއި ފަޅު ކުއްޔަށް ދިނީ ކޮން އަގެއްގައި ކަމެއް އަަދި މަޝްރޫއުގެ އަގަކީ ކޮބައި ކަމެއް ސަރުކާރަކުން ހާމައެއް ނުކުރެ އެވެ.

އެކަމަކު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިމޭނެ ކަމަށެވެ.

"މިތަނަށް އަންނާނީ އަލްޓްރާ ލަގްޒަރީ ބްރޭންޑްތައް. އޭގެ އިތުރުން މުވައްޒަފުންގެ އެކޮމޮޑޭޝަނާ އެކު ޓްރެއިނިން ރިސޯޓެއް ވެސް ހިމެނޭނެ. އަދި ލަގްޒަރީ ޔޮޓްތައް ބަނދަރުކުރުމުން ހިދުމަތް ދިނުމަށް ހާއްސަ ފެސިލިޓީސްތަކެއް ވެސް ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއު 2019 ގައި ނިމޭއިރު އެތަނުން 1،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ އެވެ.

ޕޮންޓިކް ކުންފުނިން ތަރައްގީކުރި ހޮޓާތައް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ހިންގަ އެވެ. އެގޮތުން ކަޕެލާ ސިންގަޕޯ، ރިޒްކާލްޓަން ސިންގަޕޯ، ކޮންރެޑް ކޮންޓިނެންޓަލް ސިންގަޕޯ، ރިޖެންޓް ސިންގަޕޯ، ދަ ޕަޓިނާ ކެޕިޓަލް ސިންގަޕޯ ހިމެނެ އެވެ. މީގެ އިތުރުން އާ މަޝްރޫއުތަކެއް ރާއްޖޭގެ އިތުރުން އެމެރިކާގެ ނިއު ޔޯކާއި އޮސްޓްރޭލިއާގެ ސިޑްނީގައި ވެސް އަންނަނީ ހިންގަމުންނެވެ.