ބޮޑެތި ބަދަލުތަކާއެކު މެގަ މޯލްޑިވްސް އޯގަސްޓްމަހު އަލުން އުދުހެން ފަށަނީ

ބޮޑެތި ބަދަލުތަކާއެކު މެގަ މޯލްޑިވްސް އަންނަ އޯގަސްޓްމަހު އަލުން އުދުހެން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.


ރާއްޖެ އިން ބޭރަށް ދަތުރުކުރާ އެއާލައިންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަލުން ދަތުރުތައް ފަށާއިރު، މެގަ މޯލްޑިވްސް އިން ބޭނުންކުރާނީ ބޯއިން މަރުކާގެ ބަދަލުގައި އެއާބާސްގެ އާ ބޯޓުތައް ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ ޔުނިފޯމާއި ޚިދުމަތްތަކަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެއާލައިންގެ ޚިދުމަތް އަލުން ފަށައިގަންނައިރު، ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން. އެކަމަށް ތިން މަހެއްހާ ދުވަސް އެބަ ބޭނުންވޭ. އެ މަސައްކަތް ކުރެވެން އޮތީ އޮޕަރޭޝަން އެއްކޮށް ހުއްޓާލައިގެން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ ދެވަނަ ދުވަހު އެއާލައިންގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ފަހު އާ މަތިންދާބޯޓު ހޯދުމާއި ޕައިލެޓުންނާއި ކްރޫން ވެސް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"މި ޚިދުމަތް އަލުން ފަށައިގަތުމުގެ ކުރިން ރީސްޓްރަކްޗާ ކުރުމާއި ރީކެޕިޓަލައިޒިންގެ މަސައްކަތް މިދަނީ ކުރަމުން. އެ މަސައްކަތް ނިމި އޮގަސްޓްމަހު އަލުން ދަތުރުތައް ފަށައިގަންނައިރު ވެސް އަޅުގަނޑުމެންގެ މޭޖާ މާކެޓްތަކަށް ދަތުރުތައް ފަށާނަން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެގަ މޯލްޑިވްސްގެ ހަތް އަހަރުގެ ތަޖުރިބާގެ އަލީގައި ރަނގަޅު ޚިދުމަތެއް ދޭން ބޭނުންވާ ކަމަށެވެ. އަދި އަލުން ދަތުރުތައް ފަށާއިރު ޗައިނާގެ މަންޒިލްތަކުގެ އިތުރުން ކޮލަމްބޯ އަށާއި އިންޑިއާ އަށް ވެސް ދަތުރުތައް ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެގަ މޯލްޑިވްސް އިން ދަތުރުތައް ފަށާފައިވަނީ 2010 ވަނަ އަހަރު އެވެ. މިހާތަނަށް 50 މަންޒިލަކަށް ދަތުރުކޮށް، 1.1 މިލިއަން ޕަސިންޖަރުންނަށް އެ ކުންފުނިން ވަނީ ޚިދުމަތް ދީފަ އެވެ.