އެންމެ ފުރިހަމަ ހިދުމަތް ދިން އެއާލައިންގެ އެވޯޑު ފަސްވަނަ ފަހަރަށް މޯލްޑިވިއަނަށް

އެންމެ ފުރިހަމަ ހިދުމަތް ދޭ އެއާލައިންގެ އެވޯޑު ފަސް ވަނަ ފަހަރަށް މޯލްޑިވިއަންއިން ހޯދައިފި އެވެ.


ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުންޏަށް ކެނެޑާގެ ބޮމްބާޑިއާއިން ދޭ "އެއާލައިންސް ރިލައިބިލިޓީ ޕާފޯމަންސް އެވޯޑު" ލިބިފައި ވަނީ އޯޝޭނިއާ ކެޓަރީންނެވެ.

މޯލްޑިވިއަނުން ބުނީ، ޑޭޝް8 މަރުކާގެ ބޯޓު އުފައްދާ ކުންފުނިން ދޭ އެވޯޑު އެ އެއާލައިނަށް މިފަހަރު ވެސް ލިބުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ހާއްސަކޮށް އެ ކެޓަގަރީން އެތައް ބަޔަކާ ވާދަކޮށްގެން އެ އެވޯޑު މޯލްޑިވިއަނަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔަ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ބޮމްބާޑިއާ އިން މޯލްޑިވިއަންއަށް އެ އެވޯޑު ދިނީ އެ ކުންފުނީގެ ބޯޓުތައް ފުރުވާލުމުގައި ހޭދަކުރާ މިންވަރަށާއި ޓެކްނިކަލް މައްސަލަތައް މަދުކޮށް، މުޅި އަހަރު ދުވަހުގެ ތެރޭގައި ދިން ހިދުމަތަށް 99 ޕަސެންޓް މާކްސް ލިބިގެންނެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަނީ ޑޭޝް8 މަރުކާގެ މަތިންދާބޯޓެވެ. ނަމަވެސް އިންޑިއާގެ ޓްރިވެންޑްރަމަށް ބައެއް ފަހަރު ޑޭޝް8 މަރުކާގެ ބޯޓުތައް މޯލްޑިިވިއަނުން ބޭނުންކުރެ އެވެ.

އެ ކުންފުނިން ދަތުރުތައް ކުރަން ޑޭޝް8 މަރުކާގެ 50 ގޮނޑީގެ ހަތް ބޯޓާއި 37 މީހުންގެ ޖާގައިގެ ދެ ބޯޓު ބޭނުންކުރެ އެވެ. މީގެ އިތުރުން އެއާބަސް އޭ 321 މަރުކާ އާއި އޭ 320 މަރުކާގެ ދެ ބޯޓު ވެސް ބޭނުންކުރެ އެވެ.