ހުވަދު އަތޮޅަށް އަމާޒުކޮށް ތިނަދޫގައި އެވިޑް ކޮލެޖުގެ ކެމްޕަހެއް ހުޅުވަނީ

ހުވަދު އަތޮޅަށް އަމާޒުކޮށް ތިނަދޫގައި އެވިޑް ކޮލެޖުގެ ކެމްޕަހެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.


އެ ކޮލެޖުގެ ޑިވެލޮޕިން އެންޑް މާކެޓިން ޑައިރެކްޓަރު އިބްރާހިމް ނަސީމް ވިދާޅުވީ އަންނަ މަހު ހުޅުވާ މި ކެމްޕަސް ގާއިމް ކުރާނީ ތިނަދޫގައި ކުރީގެ އުލޫމިއްޔާ ޕްރީސްކޫލް ހިންގި އިމާރާތުގައި ކަމަށެވެ.

ކެމްޕަސް ހުޅުވުމުގެ ތައްޔާރީތަކަށް އެވިޑް ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުސްތާގް ރަޝާދާއި ބައެއް އިސްވެރިން މިއަދު ތިނަދު އަށް ވަޑައިގަންނަވާނެ އެވެ. އެ ދަތުރުގައި ދެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ދުވަހުގެ ޕްރީ-ކޮލެޖް އެންހޭންސްމަންޓް ޓްރެއިނިން ޕްރޮގުރާމަކާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އެއް ދުވަހުގެ ލީޑަޝިފް އެންޑް މެނޭޖްމަންޓް ޕްރޮގްރާމެކެވެ.

"ސެޝަންތަކުގައި ކިޔަވައި ދެއްވާނީ ކަމުގެ އިލްމާއި ހުނަރާއި ގާބިލްކަން ލިބިލައްވާފައިވާ ޕްރޮފެޝަނަލް ބޭފުޅުން،" ނަސީމް ވިދާޅުވި އެވެ.

ތިނަދޫ ކެމްޕަހުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ހޮނިހިރު ދުވަހު އުލޫމިއްޔާ ޕްރީ ސްކޫލްގައި ބާއްވާނެ އެވެ. އަދި އެވިޑް ކޮލެޖްގެ ޓީމު ތިނަދޫގައި ހޭދަކުރާ ދުވަސްތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.