އއ. އެތެރެ މަޑިވަރު ދުބާއީގެ އިމާރު ކުންފުނިން ހިންގަން ފަށަނީ

އއ. އެތެރެ މަޑިވަރުގައި ތަރައްގީކުރާ މަތީ ފެންވަރުގެ ރިސޯޓު، ޔޫއޭއީގެ މަޝްހޫރު އިމާރު ހޮސްޕިޓަލިޓީ ގްރޫޕުން ހިންގަން ފަށާ ގޮތަށް ހަމަޖަައްސައިފި އެވެ.


އެ ރަށަކީ ހ. ކުރެދިމާގެ، އާދަމް އަބްދުލްޣަފޫރަށް ސަރުކާރުން 2006 ވަނަ އަހަރު ކުއްޔަށް ދީފައިވާ ރަށެކެވެ. އަދި ކުރިން އެ ރަށް ހިންގަން އޭނާ މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމުން ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލުކުރި އެވެ. އެކަމަކު ފަހުން އެ ރަށް އޭނާ އަށް އެ ރަށް ދިނީ ކޮން އުސޫލަކުން ކަމެއް ނޭނގެ އެވެ.

ދުބާއީގެ އިމާރު ހޮސްޕިޓަލިޓީ ގްރޫޕަކީ މެދުއިރުމަތީގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރަމުން އަންނަ ކުންފުންޏެވެ. އެގޮތުން 29 ހޮޓެލް، ރިސޯޓު އެކި ގައުމުތަކުގައި ހުޅުވަން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިހާރު ވެސް ދުބާއީ 11 ހޮޓެލް އަދި ސާވިސް ރެސިޑެންސް ހިންގަ އެވެ.

އެ ކުންފުނިން ހިންގާ ތަންތަނުގެ ތެރޭގައި ދުބާއީ މަޝްހޫރު ބުރުޖު ޚަލީފާއި ދުބާއީ މޯލް ފަދަ އެތައް ޕްރޮޕަޓީއެއް ހިމެނެ އެވެ.

ދުބާއީގެ ދަ ނޭޝަނަލް ނޫހުގައި ބުނެފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ފިނޮޅު އިންވެސްޓްމަންޓްގެ ޗެއާމަން ޣަފޫރު ތަރައްގީކުރާ ރަށް "އެޑްރެސް މަޑިވަރު މޯލްޑިވްސް ރިސޯޓް، ސްޕާ" ނަމުގައި 2020 ވަނަ އަހަރު ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ އިމާރުން ރާއްޖޭގައި ހިންގަން ފަށާ ފުރަތަމަ ރިސޯޓު ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

އެޑްރެސް ހޮޓެލްސް އަކީ އެ ކުންފުނިން ހިންގާ އެންމެ އަގު ބޮޑު ހޮޓެލް ބްރޭންޑް ނަމެވެ.

އިމާރު އާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ އެތެރެ މަޑިވަރުގައި ބީޗް ވިލާ އާއި މޫދު ކޮޓަރީގެ ގޮތުގައި 80 ވިލާ ތަރައްގީކުރާއިރު އޭގެތެރެއިން ބައެއް ވިލާތައް ވިއްކާލަން ވެސް ނިންމާފައިވާ ކަމަށެވެ.