ޖަރުމަނުގެ ޓީޔޫއައި ގްރޫޕްގެ ރޮބިންސަން ކްލަބްގެ ރާއްޖޭގެ ދެވަނަ ރިސޯޓު ނ. އޮރިވަރުގައި އަންނަ ޑިސެމްބަރު މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ޓުއާ އޮޕަރޭޓަރުން މިހާރު ވެސް އަންނަނީ ގއ. ގައި ރޮބިންސަން ކްލަބް ފުނަމައުއްޑުއާ ހިންގަމުންނެވެ. އަލަށް ހުޅުވާ "ރޮބިންސަން ކްލަބް ނޫނު" ހުޅުވުމުގެ ކުރިން މިހާރު ވަނީ ބުކިން ހެދުމަށް ހުޅުވާލައިފަ އެވެ.
ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ޓްރެވަލް ވީކްލީގައި ބުނެފައި ވަނީ އެ ރިސޯޓުގައި 60 ވޯޓާ ވިލާ އާއި 46 ބީޗް ވިލާ ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ދެ ބުރިއަށް ހަދާފައިވާ 11 ބީޗް ވިލާއެއް ވެސް ހުންނަ ކަމަށް ވެސް ވެބްސައިޓްގައި ވެ އެވެ. އަދި އެ ރިސޯޓުގެ ތިންބައިކުޅަ ދެބައި ރޫމްތަކުގައި ޕްރައިވެޓް ޕޫލް ވެސް ހިމެނޭ ކަމަށް ޓްރެވަލް ވީކްލީގައި ބުނެފައި ވެ އެވެ. އޭގެ އިތުރުން ރިސޯޓުގައި މަތީ ފެންވަރުގެ ކެއުން ލިބޭ ތިން ރެސްޓޯރަންޓް ހުރެ އެވެ.
އަންނަ ޑިސެމްބަރު ދެވަނަ ދުވަހުން ފެށިގެން، މި ރިސޯޓުގެ ކޮޓަރި އާއި ކެއުން ހިމެނޭ ގޮތަށް ބްރިޓިޝް އެއާވޭސް އިން އަންނަ މީހުންނަށް ވިއްކާ ޕެކޭޖްތަކުގެ އަގު ފެށެނީ 3،543 ޕައުންޑު (71،974 ރުފިޔާ) އިންނެވެ.
ރޮބިންސަން އިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 23 ރިސޯޓު ހިންގަ އެވެ.
ނ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި އިރުފުއްޓާއި ވެލާ ޕްރައިވެޓް އައިލެންޑް، ޝެވަލް ބްލޮންކް ރަންދެލި، ރޮޒީ މޯލްޑިވްސް ކުޑަފުނަފަރު އަދި ސޮނޭވާ ޖާނީ ހިމެނެ އެވެ.