ހުއްދަނެތި ޓެކްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާ މެދު ސަމާލުވުމަށް އަންގައިފި

ހުއްދަނެތި ޓެކްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާ މެދު ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.


މީރާ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ޓެކުހުގެ ބޭނުމަށް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތަކާއި، ޓެކްސް ދައްކަންޖެހޭ އަދަދުތައް ހިސާބު ކުރުމުގެ މަސައްކަތްތައް އެ އިދާރާ އިން ހުއްދަ ދޫކޮށްފައިނުވާ ފަރާތްތަކުން ކުރަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީރާ އިން ބުނީ އެފަދަ ބައެއް ފަރާތްތަކުން ތައްޔާރުކުރާ ލިޔެކިޔުންތަކާއި ހިސާބުތައް ހުންނަނީ، ޓެކުހާ ގުޅޭ އެކަށީގެންވާ ސައްހަ މައުލޫމާތާ ނުލިބި ތައްޔާރުކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އޭގެ ސަބަބުން ޓެކްސް ދައްކާ ބައެއް ފަރާތްތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށް ވެސް މީރާއިން ބުންޏެވެ.

ޓެކުހުގެ މުއާމަލާތަކީ، ފައިސާއާ ގުޅުންހުރި މަސައްކަތަކަށްވާތީ އެފަދަ މުއާމަލާތްތައް ކުރާ ފަރާތްތަކަކީ މީރާގެ ހުއްދަ ލިބިފައިވާ ފަރާތްތެއްކަން ކަށަވަރު ކުރުން ވަރަށް މުހިންމު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހުއްދަނެތި ޓެކްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާ މެދު ސަމާލުވުމަށް، މީރާ އިން ގޮވާލި އިރު، މިދިޔަ މަހު މީރާ އަށް ޖަމާކުރި އާމްދަނީ މިދިޔަ އަހަރާ އަޅައިބަލާއިރު ފަސް ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.