މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ޖަމާކުރި އާމްދަނީ މިދިޔަ އަހަރުގެ މޭ މަހާ އަޅައިބަލާއިރު ފަސް ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ އިދާރާ އަށް ޖަމާކޮށްފައި ވަނީ 887.3 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 20 ޕަސެންޓް މަދު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދިވެހި ރުފިޔާގެ އިތުރުން 35 މިލިއަން ޑޮލަރު ވެސް ޖަމާކޮށްފައިވެ އެވެ.

މީރާއިން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: މިދިޔަ މަހު ޖަމާކުރި އާމްދަނީ ވަނީ ދަށްވެފައި. މިހާރު ފޮޓޯ: ނިޝާން އަލީ
މީރާއިން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: މިދިޔަ މަހު ޖަމާކުރި އާމްދަނީ ވަނީ ދަށްވެފައި. މިހާރު ފޮޓޯ: ނިޝާން އަލީ

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީންނެވެ. އެ ދާއިރާ އިން 390.9 މިލިއަން ރުފިޔާ ލިބުނެވެ. އަދި ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި ލިބުނީ ޖުމްލަ 607 މިލިއަން ރުފިޔާ އެވެ.

މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ ލަފާކުރި މިންވަރަށް ވުރެ ދަށަށް ގޮސްފައި ވަނީ ބައެއް ފަރާތްތަކުން މިދިޔަ މަހު ދައްކަން ޖެހޭ ޓީޖީއެސްޓީ އެ މުއްދަތުގައި ނުދެއްކުމުން ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް މީރާ އަށް އާމްދަނީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ.