މިދިޔަ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 43 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓެކްސް އިދާރާ، މީރާގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ވަނީ 180 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކްސް އާއި އެކި އެކި ފީ ތަކުން ލިބުނު އާމްދަނީ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަަތަށް ޑޮލަރުން ލިބުނީ 126 މިލިއަން ޑޮލަރެވެ. އެހެންވެ މިއީ 54 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މިދިޔަ މަހު ޓެކުހުގެ ގޮތުގައި 143 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެ އަދަދު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހުރީ 113 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ އެއީ 30 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް މިދިޔަ މަހު ލިބުނީ، ޓީޖީއެސްޓީންނެވެ. ޓީޖީއެސްޓީން 80 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ ކޮންމެ އަހަރަކު ވެސް ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓެކްސް އެވެ.

މިދިޔަ މަހުގެ ޓީޖީއެސްޓީ ވަނީ މިދިޔަ އަހަރު ޖެނުއަރީއަށް ވުރެ 10 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސް އިންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި 37 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މިދިޔަ މަހު އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 18 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 14 މިލިއަން ޑޮލަރާއި އެއާޕޯޓް ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 12 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު ޖުމްލަކޮށް ދައުލަތަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.