މިދިޔަ މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ފަސް ޕަސެންޓް ދަށްވެއްޖެ އެވެ.

ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނީ 2.1 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 38 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކްސް އާމްދަނީ ދަށްވެފައިވަނީ ޑިޕާޗާ ޓެކްސް އާއި ގްރީން ޓެކްސް އަދި ޓީޖީއެސްޓީން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވެ، އެ ދާއިރާއިން ލިބުނު އާމްދަނީ ދަށްވުމެވެ. ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކުން ހާމަކުރާ ގޮތުގައި، ހަނގުރާމައާ ގުޅިގެން ދެ މަހުން އެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެ އެވެ.

މިދިޔަ އަހަރަށް ވުރެ ޑިޕާޗާ ޓެކްސްއިން 18 މިލިއަން ދަށްވި އިރު ގްރީން ޓެކްސް އިން ވަނީ 42 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އަދި ޓީޖީއެސްޓީން 56 މިލިއަން ރުފިޔާ ދަށްވެފައިވެ އެވެ. މިދިޔަ މަހު އެއާޕޯޓު ޑިވަޕޮލްމެންޓް ފީން ލިބުނު އާމްދަނީ ވެސް ވަނީ އޭގެ ކުރީ އަހަރުގެ އޭފްރީލް މަހާ އަޅާބަލާއިރު 18 މިލިއަން ރުފިޔާ މަދުވެފަ އެވެ.

މިދިޔަ މަހު ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ އަށް މިލިއަން ޑޮލަރު މަދުވެފަ އެވެ. މިދިޔަ މަހު ދައުލަށް ޑޮލަރުން ޖުމްލަ 100 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓެކްސް ލިބެނީ ޓޫރިޒަމް ދާއިރާއިންނެވެ. ޓެކްސް އާމްދަނީގެ އިތުރުން ޖުމްލަ މިދިޔަ މަހު ދައުލަތަށް ވަތް އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އަށް މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިދިޔަ މަހު ދައުލަތަށް ވަތް ޖުމްލަ އާމްދަނީ އަކީ 2.6 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ 14 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން 12 ބިލިއަން ރުފިޔާއަކީ ޓެކްސް އިން ލިބުނު އާމްދަނީ އެވެ.