ޓޫރިސްޓުންނަށް ރާއްޖެ އިން ބުކިން ހަދައިދޭ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުން އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ޓެކްސްއާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލްގެ ބަހުސް ރައްޔިތުންގެ މަޖިލިހުގައި މިއަދު ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުން ބޭނުމަކީ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރުމެވެ. އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާ ކުރަން ގެންނަ ބަދަލުތަކެއް ކަމަށް ވެސް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.

އެ ބިލް ފާސްކޮށް، ބިލްގައިވާ ގޮތަށް ޓެކްސް ނަަގަން ފަށައިފި  ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 13 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވީ، ބޭނުމަކީ ޓެކްސް ބޭސް ފުޅާކުރުން ކަމަށާއި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކުން ނަގަމުންދާ މާލީ މަންފާގެ ތެރެއިން ދިވެހިންނަށް ހައްގުވާ ނަފާ ހޯދުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އިސްލާހުގެ ސަބަބުން ދިވެހިރާއްޖެ އަށް ހައްގުވާ، ނޫނީ ދިވެހިރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީއެއް ހޯދައި އެހެން ނަމަވެސް އެއިން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް އޮތް އޮތުން، މި އިސްލާހުތައް މި މަޖިލީހުން ފާސްކޮށް، އަމަލުކުރަން ފަށާ ހިސާބުން އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ،" ފުނަދޫ ދާއިރާގެ މެންބަރު މުަހައްމަދު މަމްދޫހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ އިސްލާހުން ކުރާ ކަމަކީ ޓެކްސް ބޮޑުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ކުރާނެ ކަމަކީ ޓެކްސް ބޭސް ފުޅާކުރުން ކަމަށް މަމްދޫހު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވިދާޅުވީ ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރުމުގައި އަމަލުކުރާ އިޖުރާއަތްތަކަކީ ރަނގަޅު އިޖުރާއަތްތައްތޯ ބަލަން ޖެހޭ ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، ބިލަށް ތާއީދު ކުަރައްވާ ކަމަށާއި އެކަމަކު ބިލު ފާސްކުރަން ވާނީ އެ ބިލްގެ ސަބަބުން ވިޔަފާރިތަކަށް ކުރާނެ އަސަރު ވިޔަފާރިވެރިންނަށް ކިޔައިދީ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަަރުންންނާއި ބުކިން ޕްލެޓްފޯމްތަކުން ޓެކްސް ނަގަން ފެށުމާ މެދު މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ.

ޓޫރިޒަމްގެ ވިޔަފާރީގައި އުޅުއްވާ އައްބާސް ވިދާޅުވީ، ޓެކްސް ބޮޑު ނުވި ނަމަވެސް އެ ބިލްގައިވާ ބަދަލުތަަކީ ޓޫރިޒަމް އިންޑަސްޓްރީ އަށް އަންނާނެ ވަރަށް ބޮޑު ލޮޅުމެއް ކަމަށެވެ. އެއީ މަޖިލީހުގެ ތަޅުމުގައި ބަހުސް ކޮށްލާފައި ރައީސް އޮފީހުން ނިންމާލެވޭ ވަރު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ރާއްޖެ ބައިވެރިވާ މުއާހަދާތަކާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ގާނޫތަކަށް ރިއާޔަތްކޮށް އެކަށީގެންވާ ވަގުތު ހޯދައިގެން ނޫނީ ފާސްކޮށްގެން ވާނެ ބިލެއް ނޫން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.