ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތުގައި ބޭނުންކުރާ އޮންލައިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންސީތަކުގެ ވިޔަފާރިން ޖީއެސްޓީ ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކުރި ބަހުސްގައި ފެނުނީ އިދިކޮޅު ގިނަ މެމްބަރުން ވެސް އެއްކޮޅަށް އެރި ތަނެވެ. އެ ޕްލެޓްފޯމްތަކުން މިހާތަނަށް ބޮޑު ނަފާއެއް ހޯދަމުން އަންނައިރު، ރާއްޖޭގެ އިގުތިސާދަށް އެއްވެސް އެއްޗެއް ނުވަދެ އެތައް ދުވަހެއް ވެފައި ވާތީ އޭގެ ކަންބޮޑުވުން އިންތިހާ އަށް އޮތެވެ.
ޓެކްސްއާ ދެކޮޅުވުމަކީ އޭގެ ޒާތުގައި ވިޔަފާރިވެރިން ދެކޮޅު ހަދާނެ ކަމެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެ އަށް ޓެކްސް ތައާރަފު ކުރަން އުޅުމުން ވެސް އޭގެ މަންޒަރުތައް މުޒާހަރާތަކުގެ ނިވަލުގައި ތިބެ ބައެއް ވިޔަފާރިވެރިން ދެއްކި އެވެ.
ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމަށް ވާތީ އެއާ ގުޅޭ ޓެކްސްއެއް އަނެއްކާ ވެސް ނަގަން މަސައްކަތް ކުރާއިރު އޭގެ ގެއްލުމާއި ފައިދާގެ ބަހުސް ވަނީ ފެށިފަ އެވެ. ހިޔާލުތައް ވަރަށް ބޮޑަށް ކަފިކަފިވި ނަމަވެސް އޮންލައިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓްރެވެލް އެޖެންޓުންނާއި އެޖެންސީތަކުން ކުރާ ވިޔަފާރިން އެއްޗެއް ނަގަންޖެހޭ ކަން ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންނަށް އެ ބިލް ރަނގަޅެވެ. ބިލް ދިރާސާކޮށް، ފާސްކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދާ ގޮތާ މެދު އެ މެންބަރުންގެ ހުރި ކަންބޮޑުވުމަކީ އަދި މުޅިން އެހެން ކަމެކެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އެ ބިލަށް ތާއީދު ކުރައްވަނީ އެއީ ގައުމަށް ރަނގަޅު ގޮތް ކަމަށް ވާތީ އެވެ.
"މި ބިލަކީ ޓެކްސް ނިޒާމް ވަށާޖައްސަން ކުރަންޖެހޭ ކަމެއް، އެއީ އީޔޫގެ ގައުމުތައް ފަދަ ބައެއް ގައުމުތަކުން، ރާއްޖެ އަށް އަންނަ ގެސްޓުންނަށް އަޅުގަނޑުމެން ކުރާ އިންވޮއިސްގައި މިހާރު ވެސް ހަގީގަތުގައި ޓެކްސް ޒީރޯކޮށް އޮންނާނީ. އެއީ ރާއްޖެ އަށް އެ ޓެކްސް ލިބިދިނުމުގެ ބޭނުމުގައި އެ ބޭފުޅުން ނިންމާފައި އޮންނަ ނިންމުމެއް އޮވޭ،" ރައްޔިތުންގެ މަޖިލިހުގެ އެކިއެކި ބަހުސްތަކުގައި މާލީ ދާއިރާގެ ވާހަކަތައް ދައްކަވާ ޝަމްހީދު ވިދާޅުވި އެވެ.
"އެކަމަކު އެ ޓެކްސް މިއަދު ރާއްޖެއަކަށް ނުއެއް ލިބޭ އެ ގާނޫނު ފުރިހަމަ ނުވާތީ."
ޝަމްހީދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ ބޮޑެތި ވިޔަފާރިތަކުން އެ މީހުންގެ އަމިއްލަ ޓްރެވެލް އެޖެންސީތައް ބޭރުގައި ހިންގާއިރު، މިފަދަ ގާނޫނެއް ނެތުމަކީ ޓެކުހުން ސަލާމަތް ވާން އުޅޭ ފަރާތްތަކަށް ފަސޭހަވާ ކަމެއް ކަމަށެވެ.
"[އެކަމުގެ ސަބަބުން] ވަަރަށް ބޮޑު އާމްދަނީއެއް ގެއްލިގެން އެބަދޭ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގެން [މި ބިލުން] އެންމެ ބޮޑަށް ހުއްޓުވަން އުޅޭ އެއްޗަކީ،" ޝަމްހީދު ވިދާޅުވި އެވެ.
އެ އުސޫލުން ބަލާއިރު މިއީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ގެއްލުން ވާނެ ބިލެއް ނޫނެވެ. ނަމަވެސް ބިލް ދިރާސާކުރުމުގައި އިންޑަސްޓްރީގެ ބޭފުޅުންނާ މަޝްވަރާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެ ބިލަށް ކުރި ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވިދާޅުވީ ބިލުން ކުރަން އުޅޭ ކަމަކީ ދޫކޮށްލެވިފައި އޮތް ބައެއްގެ އަތުން ޓެކްސް ނެގުން ކަމަށާއި އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަމަކު އެއީ އިންޑަސްޓްރީގެ ބޭފުޅުންނާ މަޝްވަރާ ނުކޮށް، މައުލޫމާތު ވެސް ރަނގަޅަށް ނުދީ ކުއްލިއަކަށް ގެނެސްގެން ވާނެ ބަދަލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ އަނެއްކާ ވެސް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި، ދޫކޮށްލެވިފައި އޮތް ބައެއްގެ އަތުން ޓެކްސް ނެގުން. އަޅުގަނޑު ކުރިން ވެސް ދެންނެވިހެން އެއީ ކުރަންޖެހޭ ކަމެއް،" މައުރޫފް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެކަން ކުރުމުގައި އަޅުގަނޑުމެން މި އަމަލުކުރާ އިޖުރާއަތްތަކަކީ އެންމެ ރަނގަޅު އިޖުރާއަތްތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ."
ޑެސްޓިނޭޝަން މެނޭޖްމަންޓް އައި ޓުއާ އޮޕަރޭަޓަރެއްގެ ގޮތުގައި ރާއްޖޭގައި ނަގާކިޔާ ކުންފުންޏެއް ކަމަށްވާ ލެޓްސްގޯ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޔާޒް) ވިދާޅުވީ ރާއްޖޭގެ ޓްރެވެލް އެޖެންސީތަކާއި ޓުއާ އޮޕަރޭަޓަރުން ވާދަކުރަން ޖެހެނީ ބައިނަލްއަގުވާމީ ވަރުގަދަ ކުންފުނިތަކާ ކަމަށް ވާއިރު ދިވެހި ކުންފުނިތަކަށް ރައްކާތެރިކަމެއް ނެތުމަކީ ކުރިއްސުރެ އޮތް ކަންބޮޑުވުމެއް ކަމަށެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަަޅާފައިވާ މި އިސްލާހަކީ އޭނާ ވިދާޅުވި ގޮތުގައި އެ ރައްކާތެރިކަން "އޮޓަމެޓިކުން" ލިބޭ ގޮތަށް ގެންނަ ބަދަލެކެވެ.
"އެހެންވީމާ އޭގެ މާނައަކީ ލޯކަލް މީހުންނަށް ލިބޭނެ އެޑްވާންޓޭޖަކަށް މިކަން ވާނީ. އެހެންވީމާ ޑެފިނިޓްލީ މިއީ [މި ދާއިރާގައި މަސައްކަތްކުރާ ]ދިވެހިންނަށް ވަރަށް ބޮޑު މަންފާ ކުރާނެ ބަދަލެއް، އަދި ގައުމަށް ވެސް މަންފާ ކުރީތާ އިތުރު އިންކަމެއް ލިބެންޏާ،" ރިޔާޒް ވިދާޅުވި އެވެ.
ބުކިން ޕްލެަޓްފޯމްތަކުން ޓެކްސް ނަަގަން ފެށުމުން، ރާއްޖެ އިޝްތިހާރުކުރުމާއި ބުކިން ހިދުމަތް ދިނުން ފަދަ ކަންތައްތައް ހުއްޓާލުން ކައިރި ކަމަށް ބިލާ ދެކޮޅު ބައެއް މީހުން ބުންޏަސް، ރިޔާޒް ވިދާޅުވީ އެއީ "އެއްވެސް ވާހަކައެއް ނޫން" ކަމަށެވެ.
"ލިޔެފައި ސޮއި ވެސް ކޮށްދީފާނަން، އޭގެ ސަބަބަކުން ރާއްޖެ ވިއްކުމުގައި، ރާއްޖެ އިޝްތިހާރު ކުރުމުގައި އެއްވެސް އިމްޕެކްޓެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ރިސޯޓް ލައިފް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު ވިދާޅުވީ އޮންލައިން ޓްވެލް އެޖެންސީ (އޯޓީއޭ) ތަކުން ރާއްޖެ އިން މަހެެއްގެ މައްޗައް ސާޅީހަކަށް މިލިއަން ޑޮލަރު ވިޔަފާރީގެ ފައިދާ ގޮތުގައި ރާއްޖެ އިން ބޭރުކުރާ ކަމަށާއި ނަމަވެސް ދައުލަތަށް އެކަމުން އެއިން އެއްވެސް ފައިދާއެއް ނުކުރާ ކަމަށެވެ.
"ރާއްޖޭގެ އެތެރޭގަައި ވިޔަފާރިކޮށް، ދައުލަތައް ޓެކްސް ނުލިބޭ ނަމަ ސަރުކާރުން އެކަން ހުއްޓުވަން ޖެހޭނެ. ބޭރުގެ އޯޓީއޭތައް ދައުލަތަށް ޓެކުސް ދައްކައިގެން މަސައްކަތްކުރާ ނަމަ މިދަންނަވާ 40 މިލިއަނަށް ވުރެ ގިނަ ފައިސާ ބޭރުކުރެވޭ އިރު ދައުލަތައް ކޮންމެ ވެސް ވަރެއްގެ ޓެކްސްއެއް ލިބޭނެ،" ވަލީދު ވިދާޅުވި އެވެ.
އޯޓީއޭތަކުން ޓެކުސް ނެގިޔަސް، އެ އެޖެންސީތަކުން ރާއްޖެ ވިއްކުން ހުއްޓައެއް ނުލެވޭނެ ކަމަށާއި އެއީ އެ އެޖެންސީތަކުގެ ބްރޭންޑް އިމޭޖް ހިފަަހައްޓަން ޖެހޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ރާއްޖެއަކީ ހަމަ އެކަނި ފަތުރުވެރިކަމުގެ މަންޒިލެއް ނޫން، ރާއްޖެއަކީ ފަތުރުވެެރިކަމުގެ ބްރޭންޑެއް. ބައިނަލްއަގްވާމީ ހޮޓާ ބްރޭންޑުތަކަށް ރާއްޖޭގައި ހޮޓާ އަޅާ ހިންގަން އަދު މަޖްބޫރު. އެއީ އެފަދަ ހޮޓެލް ބްރޭންޑުތަކުގެ އިމޭޖް ހިފަހައްޓަން،" ވަލީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭ ގައި ފުރަތަމަ ޓެކްސް ނިޒާމު ގާއިމްކޮށް، ޓެކްސް ނަގަން ފެށިއިރު ވެސް ބައެއް ހޮޓެލް ޗެއިންތަކުން ރާއްޖެ ދޫކޮށް ހިނގައިދާނެ ކަމުގެ ބިރު އުފެއްދި އެވެ. ނަމަވެސް އެ ފަދަ ބްރޭންޑުތަކުގެ ހޮޓާތައް ރާއްޖޭގައި ކުރީ އިތުރެވެ.
"އޭރު މެނޭޖްމެންޓް ކޮންޓްރެކްޓްގެ ދަށުން ރާއްޖެ އައި ހޮޓެލް ޗެއިންތަކުން އަމިއްލަ ހޮޓާތައް ހިންގަން ފެށި ކަމީ ބައިނަލްއަގްވާމީ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމަކީ ވަރުގަދަ ބްރޭންޑަކަށް ބަދަލުވެއްޖެ ކަން ސާބިތު ކޮށްދޭ ހަގީގަތެއް،" ވަލީދު ވިދާޅުވި އެވެ.
ޓޫރިޒަމްގެ ކުރިއެރުމަށް އަސަަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން
ބޭރުގެ އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުން އަދި ޓްރެވެލް އެޖެންސީތަކުން ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުގެ ބުކިން ވިއްކައިގެން ހޯދާ އަމްދަނީން ޖީއެސްޓީ ދައްކަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަކީ ދައުލަތަށް ލިބޭ އާމްދަނީ ބޮޑުވެދާނެ ގޮތެއް ކަމަށް ފެނުނަސް، އެއީ ކުއްލިއަކަށް ގެނެސްގެން ވާނެ ބަދަލެއް ކަމަށް ދެކެވަޑައިނުގަންނަވާ ބޭފުޅުން ވެސް އެ އިންޑަސްޓްރީގައި އެބަތިއްބެވި އެވެ.
އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވީ އެ ބިލުން ގެންނަން އުޅޭ ބަދަލާ މެދު އުފާ ކުރާ ބަޔަކު ވެސް ދާއިރާގައި ތިބެދާނެ ކަމަށާއި އެ ވިޔަފާރިތަކާ ހިސާބުން ވިސްނާ ނަމަ އެއީ "އުފާވާ ކަހަލަ" ބިލެއް ކަމަށެވެ.
އެކަމަކު، އޭނާގެ ހިޔާލު މި ބަދަލާ މެދު ވަރަށް ބޮޑަށް ތަފާތެވެ. ހިޔާލު ތަފާތުވަނީ ފިރާގު ވިދާޅުވި ގޮތުން ނަމަ "ގައުމީ ވިސްނުމަކުން" އޭނާ ވިސްނަވާތީ އެވެ.
އެފަދަ ޓެކުހެއް ތައާރަފްކުރާއިރު ވިސްނަންޖެހޭ އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ޑަބަލް ޓެކްސޭޝަނުން ވިޔަފާރިތައް ސަލާމަތްކުރަން އެކި ގައުމުތަކުގެ ޓްރޭޑް ޔޫނިއަންތަކާ އެކު ރާއްޖޭން ހަދާފައިވާ އެއްބަސްވުންތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކަށެވެ.
"ބައެއް ގައުމުތަކާ އަޅުގަނޑުމެންގެ މި ޓްރޭޑް ޔޫނިއަންތަކާ އެކީ އެއްބަސްވެފައި ހުންނަ އެއްބަސްވުންތަކާއި ޑަބަލް ޓެކްސޭޝަންތަކާ މިއީ ވެސް އަޅުގަނޑަށް ހީވަނީ މަޖިލީހުގައި މި އަށް ބަހުސަށް ދާއިރު، މި ކަންކަން ދިރާސާ ކުރައްވާނެ ކަންތައްތައްހެން. އަޅުގަނޑު އަދި ނުނިންމަން މީތި ނިންމޭނެ ކަމަކަށް މިހާ ފަސޭހައިން،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނަކާ މެދު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު އެ ގާނޫނެއް ބަދަލުކުރުމަކީ ހިނގާ ކަމެއް ކަމަށާއި އެކަމަކު ބައިނަލްއަގުވާމީ ފަރާތްތަކަށް އެކަމުން އަސަރުކުރާ ގާނޫނުތައް ކުއްލިކުއްލި އަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ކަމެއް ކަަމަށެވެ.
"ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އުޅެނީ އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ވެސް ކުރަންޖެހޭ ކަންތައްތައް ކުރަން. އެކަމަކު މިއީ އެކަން ކުރަންޖެހޭ ގޮތް ކަމަކަށް އަޅުަގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ފިރާގު ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ، ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓްރެވެލް އެޖެންސީތަކުން ޓެކުހެއް ނަގަން އުޅޭއިރު ވިސްނަންޖެހޭ ކަމަކީ އެ ކުންފުނިތައް ކުރާ ވިޔަފާރި ގުޅިފައި ވަނީ ހަމަ އެކަނި ރާއްޖެއާ ކަމަށް ނުވާތީ ރާއްޖޭގެ ބަދަލުގައި އެހެން ތަނެއް އިހުތިޔާރުކުރުމުގެ ފުރުސަތު އެ މީހުންނަށް އޮތުމުން ކަމަށެވެ.
"ވާނެ ގޮތަކީ އަޅުގަނޑުމެންނާ ވާދަކުރާ ވަރަށް ބައިވަރު ޑެސްޓިނޭޝަންތައް އެބަހުރޭ ދެއްތޯ، މި ސަރަހައްދުގެ ތަންތަން ވެސް އެބަހުރޭ. އެހެންވެއްޖެ ކަމަށް ވަންޏާ ވިއްކާ މީހަކު ބަލާނީ އޭނާ އަށް އެންމެ ފައިދާ ބޮޑު ގޮތް،" ފިރާގު ވިދާޅުވި އެވެ.
"މިދެންނެވީ ޔޫރަޕުން ވެއްޖިއްޔާ، ނުވަތަ އެހެން ތާކުން ވިއްކިޔަސް، ވިޔަފާރިކުރާ މީހަކު ބަލާނީ އޭނާ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ފުރުސަތުތައް ހޯދަން."
މިހާރު އޮތް އަނެއް ކަންބޮޑުވުމަކީ ރާއްޖޭގެ ރިސޯޓްތަކުގެ މެނޭޖްމަންޓްތަކާ އެކުގައި ކުރިން އުޅުނުހެން ބޭރުގެ ޓުއާ އޮޕަރޭަޓަރުން ނޫޅޭ ކަމެވެ. އެެހެންވެ، ކުރިން ރާއްޖެ އިޝްތިހާރުކުރާ ވަރަށް މިޙާރު އިޝްތިހާރު ވެސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބްރޭންޑްތަކަށް އަޅުގަނޑުމެން އިޝްތިހާރުކުރުން ވެސް މިއޮތީ ހުއްޓިފައި، ތެދަށް ދަންނަވާ ނަމަ އަޅުގަނޑުމެންގެ ބަޖެޓެއް ވެސް މިހާރަކު ނެތް އިޝްތިހާރު ކުރުަމަކަށް،" ފިރާގު ވިދާޅުވި އެވެ.
ރާއްޖޭގައި އެނދު އިތުރުވާ ރޭޓާ އަޅާ ބަލާއިރު ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އަހަރަކު ތިން ޕަސެންޓުން ދަނީ ދަށަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ބިލް އޮތް ގޮތުން ރާއްޖޭގެ ޓްރެވެލް އެޖެންޓެއްގެ ހައިސިއްޔަތުން މިއީ ވަރަށް ފައްކާ ބިލެއް. އެއީ އަޅުގަނޑުމެންނަށް މަޖުބޫރުވާނެ ބޭރު އޮޕަރޭޓަރުން އަޅުގަނޑުމެން ތެރޭން ލާފައި މަސައްކަތް ކުރަން،" ފިރާގު ވިދާޅުވި އެވެ.
އެކަމަކު އެއީ ހަގީގަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ބޭރުގެ ބުކިން ޕްލެޓްފޯމްތަކުން އެކަން އެ ގޮތަށް ނުކުރާނެ ކަަމަށް ވެސް އޭނާ ވދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ ގާތް ގުޅުމެއް ބާއްވަވާ، މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވާ ގޮތުގައި ޓެކްސް ގާނޫނު އެގޮތަށް ބަދަލުކޮށްފި ނަމަ އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނީ ބޭރުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ބުކިން ހަދައިގެން ތިބި ކުދި ވިޔަފާރިތަކަށެވެ.
އެ މީހުންގެ އާމްދަނީ ބޮޑުތަނުން ދަށަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ބޮންޑޭ ފާޅުކުރެއްވި އެވެ.
މި ބިލާ މެދު ތަފާތު ހިޔާލުތައް ހުއްޓަސް ކޮންމެވެސް ހިސާބަކުން ހަމަޔަކަށް އަޅުވަންޖެހޭ ކަމަށް އެންމެން ވެސް އިއްތިފާގުވެ އެވެ. ބޭރުގެ ޓްރެވެލް އެޖެންޓުންނާއި އެޖެންސީތަކާއި އޮންލައިން ޕްލެޓްފޯމްތަކަށް ލިބޭ ނަފާގެ ބައެއް ރާއްޖޭގެ އެތެރޭގައި ދައުރުވާނެ ގޮތްތަކެއް ހޯދަންޖެހެ އެވެ.