އޮންލައިން ބުކިންގް ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ރާއްޖޭން ބޭރުގެ ޓްރެވެލް އެޖެންޓުންނާ ގުޅޭގޮތުން ޓީޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމިއްޔާ އިން އާންމުކުރި ބަޔާނެއްގައި ބުނީ، އިންސާފުވެރި އަދި ހަމަހަމަ ޓެކްސް ނިޒާމަކަށް ތާއީދުކުރި ނަމަވެސް، އާ އިސްލާހު މިހާރު އޮތް ގޮތުން ދިވެހި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށެވެ.
މަޓާޓޯ އިން ބުނީ، ރާއްޖޭގެ ވިޔަފާރިތަކަށް އެދެވޭ އެއްވެސް ފައިދާއެއް ނުވަތަ ރައްކާތެރިކަމެއް އެ އިސްލާހުގެ ތެރެއިން ނުލިބޭ ކަމަށެވެ.
އެންމެ ކަންބޮޑުވުމަކީ މަޓާޓޯ އިން ބުނި ގޮތުގައި މިފަދަ ބޮޑެތި ބަދަލުތަކެއް އެކުލަވައިލުމުގެ ކުރިން ޓެކްސް އިދާރާ، މީރާ އިން މަޓާޓޯ އާއި ރާއްޖޭގެ ޓްރެވެލް އެޖެންޓުންނާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކޮށްފައި ނުވުމެވެ.
އެހެންވެ، އެ ޖަމިއްޔާ އިން ބުނީ، ޓޫރިޒަމް ވިޔަފާރިތަކާއި ބޭރުގެ އެތައް ހާސް ޓުއާ އޮޕަރޭޓަރުންނާއި ހޯލްސޭލަރުންނާއި ރީޓޭލަރުން އަދި ޓްރެވެލް އެޖެންސީތަކުގެ ގުޅުމަށް އަސާސީ ގޮތުން އަސަރުކުރާނެ ގާނޫނެއް އެކުލަވާލާއިރު، ސިނާއަތުގެ މަޝްވަރާ ހޯދުމަކީ މި މަސައްކަތުގެ މުހިންމު ބަޔަކަށް ހަދަންޖެހޭކަން ކަމަށެވެ.
މަޓާޓޯގެ ބަޔާނުގައި ބުނީ ޓޫރިޒަމް ވިއްކުމުގެ ނިޒާމަކީ އޮޅުންބޮޅުން ބޮޑު ނިޒާމެއް ކަމަށާއި ރާއްޖޭގެ އެޖެންޓުން މަސައްކަތް ކުރަނީ ތަފާތު މާކެޓްތަކުގައިވާ ބޭރުގެ ޓުއާ އޮޕަރޭޓަރުން، ހޯލްސޭލަރުން، ސަބް-އެޖެންޓުން، ބެޑް ބޭންކުތައް އަދި ރީޓޭލަރުންގެ ބޮޑު ވިއުގައަކާ ގުޅިގެން ކަމަށެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ އެކި ގައުމުތަކުގެ ޓޫރިޒަމް ވިއްކާ އަދި ރާއްޖޭގެ ވިޔަފާރި މަދު މިންވަރަކަށް ކުރާ ކުންފުނިތައް ކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.
ޓޫރިސްޓުންނަށް ރާއްޖެ އިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ރާއްޖޭގައި ދާއިމީ އޮފީހެއް ނުވަތަ ވަސީލަތެއް ނެތް ނަމަވެސް އެތެރެވާ ޓޫރިޒަމްގެ ހިދުމަތްތައް ފޯރުކޮށްދޭ ބޭރުގެ ފަރާތްތަކުން މީރާގައި ރަޖިސްޓަރީވާން ޖެހެ އެވެ.
އެކަމަކު، މިއީ ތަންފީޒު ކުރުމަށް އިންތިހާއަށް އުނދަގޫ ކަމެއް ކަމަށް އެ މަޓާޓޯ އިން ފާހަގަކުރި އެވެ. އަދި އެކަން މޮނިޓަކޮށް، އަހުލުވެރިކޮށް، ޓެކްސް ދައްކާތޯ ބެލުމުގެ ޒިންމާ ދިވެހި ޓްރެވެލް އެޖެންޓުންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ވެސް މަޓާޓޯ އިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ، ބޭރުގެ އޮޕަރޭޓަރުންގެ އަތުން އިތުރު ޓެކްސް ނެގުމާއި ރަޖިސްޓަރީވާން މަޖުބޫރު ކުރުމުން އޭގެ ފައިދާ އޮޓޮމެޓިކުން ދިވެހި އެޖެންޓުންނަށް ނުކުރާނެ ކަމަށެވެ. ބޭރުގެ އޮޕަރޭޓަރުންނަކީ ދިވެހި ޓްރެވެލް އެޖެންޓުންނަށް ވިޔަފާރި ލިބޭ މުހިންމު ވިއުގައެއް ކަމަށާއި ރާއްޖޭގެ ވިޔަފާރި ވިއްކުމަކީ އިދާރީ ގޮތުން ތަކުލީފަކަށް ނުވަތަ ވިޔަފާރީގެ ގޮތުން ފައިދާ ކުޑަ ވެއްޖެ ނަމަ، ބޭރުގެ ބައިވެރިން ރާއްޖޭގެ އިންވެންޓްރީ މަދުކޮށް، ބޮޑެތި ގްލޯބަލް ޕްލެޓްފޯމްތަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ. ހޮޓާ ގްރޫޕްތަކާ އެކު ސީދާ އެއްބަސްވުން ހެދުން ނުވަތަ ވާދަވެރި އެހެން ގައުމުތަކަށް ވިޔަފާރި ބަދަލުކުރުން އެކަށީގެންވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
މަޓާޓޯއިން ބުނީ، އެފަދަ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކޮށްފައިވަނީ އެޖެންޓުންނަށް ނުވަތަ އެފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުދީ ކުރު މުއްދަތެއްގެ ތެރޭގައި ކަމަށެވެ.
އަލަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމަށް ނިންމާފައިވަނީ މި އަހަރުގެ އޮކްޓޫބަރު އެކަކުން ފެށިގެންނެވެ.
މަޓާޓޯ އިން ބުނީ، ކުރިއަށް އޮތް ޓޫރިޒަމްގެ މޫސުމުގެ ބޮޑުބައެއްގެ އެއްބަސްވުންތައް ހަދައި، އަގު ކަނޑައަޅައި، މިހާރު ވިއްކާފައިވާ ކަމަށެވެ. ރިސޯޓް އެއްބަސްވުންތަކުގައި ސޮއިކޮށް، ބްރޯޝަރުތައް ޕްރިންޓްކޮށް، ޕެކޭޖްތައް ބަހައި، ބުކިންތައް ކަށަވަރު ކޮށްފައި ކަމަށާއި ނިމިފައިވާ މުއާމަލާތްތަކުން ޓެކްސްއަށް ބޮޑު ބަދަލެއް ގެނައުމަކީ ޓޫރިސްޓުން އިތުރު ހަރަދެއް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް މަޓާޓޯ އިން ބުންޏެވެ.