ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް ދެ މަސް ދުވަސް ތެރޭ ދައުލަތަށް 7.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެއްޖެ އެވެ. 

މީރާގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 18 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު ދައުލަތަށް ލިބުނީ 6.1 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. އެހެންވެ އެއީ 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެންމެ ބޮޑަށް އާމްދަނީ އިތުރުވެފައިވަނީ ޓީޖީއެސްޓީ، ގްރީން ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް، ލޭންޑް އެކުއިޒިޝަން ފީ އަދި އެއާޕޯޓް ޑިވަލޮޕްމެންޓް ފީ އިންނެވެ. 

މިދިޔަ ދެ މަހު ޓީޖީއެސްޓީގެ ގޮތުގައި ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 1.9 ބިލިއަން ރުފިޔާ އެވެ. މިއަހަރު ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 490 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް  ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބުނީ 159 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދެ މަސް ތެރޭ 422 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 257 މިލިއަން ރުފިޔާ އެވެ.

ލޭންޑް އެކުއިޒިޝަނަށް 312 މިލިއަން ރުފިޔާ ލިބުނު އިރު އެއާޕޯޓް ޑިވަލޮޕްމެންޓް ފީއަށް 301 މިލިއަން ރުފިޔާ ލިބުނެވެ.

މިއަހަރުގެ ފުރަތަމަ ދެމަހު ޑޮލަރުން 253 މިލިއަން ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 25 ޕަސެންޓް އިތުރު އަދަދެކެވެ.