މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކެއް: އަންނަ ޖެނުއަރީ މަހުން ފެށިގެން ކަނޑުދަތުރުކުރާ އުޅަނދުތަކުގައި ހަރަކާތްތެރިވާން ޖެހޭނީ ލައިސަންސް ލިބިފައިވާ ފަރާތްތަކެއް.
12 ޖުލައި 2016 - 09:33
ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުން ތަމްރީނުކުރަން ތިން އިންސްޓިޓިއުޝަނަކަށް ހުއްދަ ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެ ތަންތަނަށް ހުއްދަ ދޭން ނިންމިއިރު އަންނަ ޖެނުއަރީ މަހުން ފެށިގެން ކަނޑުގައި ދުއްވާ ހުރިހާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މީހުންނަކީ ތަމްރީން ލިބިގެން ލައިސަންސް ލިބިފައިވާ މީހުންނަށް ވާން ޖެހޭ ކަމަށް ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވައިދުގައި ހިމަނާފައިވެ އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން ތަމްރީނުކުރުމަށް އިތުރު އިންސްޓިޓިއުޝަންތައް އެޕްރޫވްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެތަންތަނުން ކިޔަވައިދޭ މުގައްރަރުތަކަކީ ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލައި އެޕްރޫވްކޮށްފައިވާ މުގައްރަރުތަކެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ އިންސްޓިޓިއުޝަންތަކުގައި ކިޔަވައިދޭ އިންސްޓްރަކްޓަރުންނަކީ އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ޓްރާންސްޕޯޓް އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ފަރާތްތަކެއް ކަމަށެވެ.
"ތަމްރީންދޭ އިންސްޓިޓިއުޝަންތަކަކީ މޮބައިލްކޮށް ތަމްރީނުދޭ އިންސްޓިޓިއުޝަންތައް ކަމަށްވީ ނަމަވެސް މިތަންތަން ހިނގަމުންދާނީ ކަނޑައެޅިފައިވާ ވަކި އުސޫލްތަކެއްގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން އެތަންތަން އޮޑިޓްކުރެވިގެންނެވެ." އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ލޯކަލް މެރިޓައިމް ޓްރެއިނިންދޭ އިންސްޓިޓިއުޝަންތަކަކީ މޮބައިލް ޓްރޭނިންދޭ އުސޫލުން ތަމްރީންދޭ ތަންތަން ކަމަށްވުމުން ތަމްރީނުދިނުމަށް ރަށްރަށަށް ނުވަތަ ރިސޯޓްތަކަށް ގޮސް އެތަންތަނުގައި ތަމްރީނު ދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނު
12 July 2016
ކޮބާ ތަ ތިން އިންސްޓިޓިއުޝަނަކީ. ޚަބަރު ފުރިހަމަ ނުވޭ!