އާ އޭޕްރަންއާއެކު ދެ ގުނަ އަށް ޖާގަ އިތުރުވާނެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އޭޕްރަން ބޮޑުކުރުމަށް މިހާރު ހިންގާ މަޝްރޫއު ނިމޭ އިރު، އެ ތަނުގެ ޖާގަ ދެ ގުނަ އަށް ވުރެ އިތުރުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


އޭޕްރަންގެ ޖާގަ ބޮޑުކުރުމަށް ހިންގާ މަސައްކަތް ދައްކާލުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، ހުޅުލޭގެ ހުޅަނގު ދެކުނުން ދަތުރުކުރަން ހެދި މަގުގެ ސަރަހައްދު ހިމަނައިގެން، ކުރިއަށް ގެންދާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތަކީ އާ ރަންވޭ ހެދުމަށް ހިންގާ މަޝްރޫއުގެ ބައެއް ކަމަށެވެ. އަދި މިހާރު ވަނީ އޭޕްރަންގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ނިންމައި ސިމެންތި ފަށަލައެއް އެޅުމުގެ މަސައްކަތް ފަށާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގެ ޖާގަބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން މިއަދު ހެނދުނު އެ ތަނުގައި ސިމެންތި ފަށަލައެއް އަޅަނީ. މިއީ ގާތްގަނޑަކަށް 80،000 އަކަމީޓަރު ސަރަހައެއްގައި ހަދާ އޭޕްރަން އެއް. ފޮޓޯ: ނިޝާން އަލީ /މިހާރު

"އެ މަސައްކަތް ނިމުމުން ދެން އޮންނާނީ އެގްރިގޭޓް ލެވެލް ބޭސް. އެ އަށް ފަހު ކޮންކްރީޓް އެޅުމަށް ފަހު ޕްރޮޖެކްޓް ނިމިގެންދާނީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޭޕްރަން ބޮޑު ކުރުމަށް ކުރަމުން އަންނަ 80،000 އަކަމީޓަރު ސަރަހައްދުގެ މަސައްކަތް ނިމުމުން، މިހާރު އޮތް 50،000 އަކަމީޓަރުގެ އޭޕްރަން އަލުން ހެދުމުގެ މަސައްކަތް ވެސް ފެށޭނެ އެވެ. އަދި އެއާކު އެ އެއާޕޯޓުގެ 130،000 އަކަމީޓަރުގެ އޭޕްރަންގައި އެކި ސައިޒުގެ 21 މަތިންދާބޯޓު ޕާކުކުރެވޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ވީއައިއޭގައި މިހާރު އޮންނަނީ ގާތްގަނޑަކަށް 50،000 އަކަމީޓަރުގެ އޭޕްރަން އެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގެ ޖާގަބޮޑުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިއަދު ހެނދުނު އެތަނުގައި ސިމެންތި ފަށަލައެއް އަޅަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވީ އޭޕްރަންގެ މަސައްކަތް ނިމޭ އިރު އައިކާއޯގެ މިންގަނޑަށް ބޯޓު ޕާކުކުރާނެ ޖާގަ ހެދި އަދި އެ ތަނުގައި މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް މި އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

އެއާޕޯޓުގެ ދެ ވަނަ ރަންވޭގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރާ ފިއުލްފާމެއް ހެދުން ވެސް ހިމެނެ އެވެ. އެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.