ބަރެސްދޫގައި ވަގުތީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް 1.5 މިލިއަނަށް އެމްޑަބްލިއުުއެސްސީއާ ހަވާލުކޮށްފި

އިންޓެގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ލ. ބަރެސްދޫގައި ވަގުތީ ގޮތުން ފެނާއި ނަރުދަމާ ނިޒާމެއް ގާއިމް ކުރުމަށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.


އެމްޑަބްލިއުއެސްސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އެމްއައިޓީޑީސީން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.

ސޮއި ކުރެއްވުމަށް ފަހު، އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ މިއީ 1.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ.

ބަރެސްދޫ ވަގުތީ ފެނާއި ނަރުދަމާގެ ނިޒާމުގައި 50 ޓަނުގެ އާރުއޯ ޕްލާންޓަކާއި އަދި ފެން ރައްކާ ކުރުމަށް 70 ޓަނުގެ ޓޭންކެއް ބަހައްޓަން ހަމަޖެހިފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ. އެ މަސައްކަތް 30 ދުވަހާއި 45 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތުގައި މިހާރު ވެސް އިކުއިޕްމަންޓްސް އެބަހުރި. މިހާރު މޮބިލައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށް ދަނީ،" ފަޒުލް ވިދާޅުވި އެވެ.

ބަރެސްދޫގައި ވަގުތީ ގޮތުން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް (ވ) އަދި އެމްއައިޓީޑީސީގެ އެމްޑީ ޝާހިދު މިއަދު ސޮއިކުރައްވަނީ.

އޭނާ ވިދާޅުވި ގޮތުގައި، މިއީ ބަރެސްދޫގައި މަސައްކަތް ކުރާ ކޮންޓެކްޓަރުންނަށް ފަސޭހަ ކުރުމަށް ގާއިމްކުރާ ނިޒާމެކެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާއިރު، ބަރެސްދޫގައި ދާއިމީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމާ ގުޅޭ މަޝްވަރާތައް ކަމާ ގުޅޭ ފަރާތްތަކާއެކު ފަށާފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

އެމްއައިޓީޑީސީގެ އެމްޑީ ޝާހިދު ވިދާޅުވީ، ގެސްޓް ހައުސް ހެދުމަށް ބަރެސްދޫގެ 30 ބިމެއް މިހާރު ވެސް ދޫކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ހޮޓާތައް ތަރައްގީ ކުރާ ބިންތައް ހަވާލު ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ބަރެސްދޫގައި ވަގުތީ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމުގެ އެއްބަސްވުމުގެ ދަށުން، އެ ނިޒާމު ތަރައްގީ ކުރުމުގެ އިތުރުން ޑިޒައިންކޮށް، އޮޕަރޭޓް ކުރުމާއި މެނޭޖް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.