ވީއައިއޭގެ ދެ ރަންވޭ ގުޅާލުމުގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހަދަމުން އަންނަ ރަންވޭ އާއި މިހާރުގެ ރަންވޭ ގުޅުވާލުމުގެ މަސައްކަތް ފަށައިފި އެވެ.


އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދެ ރަންވޭ ގުޅާލުމުގެ މަސައްކަތް ކުރަމުން ދަނީ ރޭގަނޑު 12 އިން ހެނދުނު ހައެއް ޖަހަންދެން އެއާޕޯޓުގެ ރަންވޭ ބަންދުކޮށްގެން ކަމަށެވެ. އަދި އެ ރަންވޭގެ މަސައްކަތް ފެށުމާ އެކު އެކަން ހުރިހާ އެއާލައިންތަކަށް ވެސް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާ ރަންވޭ އާއި މިހާރު ބޭނުންކުރާ ރަންވޭގެ ކަނެކްޓިން ޓެކްސީވޭގެ މަސައްކަތް ކުރަނީ މިހާރުގެ ރަންވޭއާ ވަރަށް ކައިރީގައި. އެހެންވެ ރަންވޭ ބަންދުކޮށްގެން އެ މަސައްކަތްކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ރަންވޭ މިހާރުގެ ރަންވޭ އާއި ގުޅާލުމުގެ މަސައްކަތް ފަސް ދިމާލަކުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"ރަންވޭގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދަނީ. މިހާރު ވަނީ ރަންވޭގެ ތިން ލޭޔަރު އަޅާ ނިންމާފައި. އިތުރު ހަތަރު ލޭޔަރު އަދި އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ވީއައިއޭގައި އަލަށް ހަދާ ރަންވޭ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

ދުނިޔޭގެ މިހާރުގެ އެންމެ ބޮޑު ބޯޓު އޭ380 ގެ މަރުކާގެ ބޯޓުފަހަރު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީކުރާ ރަންވޭ ހުޅުވަން ހަމަޖައްސާފައި ވަނީ މި އަހަރު ފަހުކޮޅު އެވެ.

އެ އެއާޕޯޓުގައި މިހާރު ބޭނުންކުރާ ހަމައެކަނި ރަންވޭ އަށް ދޭތެރެ ދޭތެރެއިން މައްސަލަ ދިމާވެ މަރާމާތުކުރަން ޖެހެ އެވެ. އޭގެ ސަބަބުން އެއާޕޯޓް ހުއްޓުމަކަށް އާދެ އެވެ. މިހާރުގެ ރަންވޭގެ މަތީ ފަށަލަ ރަނގަޅުކުރަން ހިންގި މަޝްރޫއުއަށް ފަހު ވެސް އެ މައްސަލަ ދިމާވުން ހުއްޓުމަކަށް ނާދެ އެވެ.