މާވާރުލުގައި އެއާޕޯޓު އަޅަން 57 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އަށް

ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް 57 މިލިއަން ރުފިޔާ އަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.


ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ މާވާރުލު އެއާޕޯޓުގައި ރަންވޭ އާއި ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ޖެޓީ ހެދުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެމްޓީސީސީން ބުނި ގޮތުގައި އަމާޒަކީ މާވާރުލު އެއާޕޯޓު 160 ދުވަސް ތެރޭގައި ނިންމުމެވެ.

މާވާރުލު އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރެއްވިއިރު، އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު (ކ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މާވާރުލުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެހެން ރަށްރަށުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ރަށްރަށުގައި އަޅާ އެއާޕޯޓުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާވެ، އާންމު ރައްޔިތުންނަށް އެކަމުގެ ފަސޭހަކަން ލިބިގެންދާނެ އެވެ. އަދި ހުވަދުއަތޮޅަކީ ބޮޑު އަތޮޅަކަށްވެފައި، ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އަދި ފ. އަތޮޅާއި ޅ. އަތޮޅުގައި އެއާޕޯޓެއް އެޅުމުގެ މުހިންމުކަން ވެސް ޒަމީރު ފާހަގަކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޒިއަތު (ކ) ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިހާރު މަސައްކަތް ހިނގަމުންދާ ހަތަރު އެއާޕޯޓުގެ ތެރެއިން ތިން އެއާޕޯޓުގެ މަސައްކަތް ކުރަނީ އެމްޓީސީސީން. އަނެއް އެއާޕޯޓަކީ ބޭރުގެ ހިލޭ އެހީގެ ދަށުން ސިންގަޕޫރުގެ ކޮންޓްރެކްޓަރަކާ ހަވާލު ކުރެވިގެން ހިންގަމުން އަންނަ ޕްރޮޖެކްޓެއް،" ޒަމީރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޒިއަތު ވިދާޅުވީ މާވާރުލުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް 5 މަސް ދުވަހަށް ވުރެ ކުރިން ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މާވާރުލު އެއާޕޯޓު އެޅުމަށް ބޭނުންވާ ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް ޒިއަތު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 21 ގައި ވިދާޅުވީ ކުޅުދުއްފުއްޓާއި ފުނަދު އާއި މާފަރާއި މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް ނިމޭނެ ކަމަށެވެ. އަދި ހޯރަފުއްޓާ އެއްފަޅެއްގައި އޮންނަ މާފިނޮޅުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް ޔާމީންގެ ރިއާސީ ބަޔާނުގައި ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީން ބުނީ މާވަރުލުގައި އަޅާނީ 1،200 މީޓަރުގެ ދިގު ރަންވޭއެއް ކަމަށެވެ. މިއީ އެހެން ޑޮމެސްޓިކް އެއާޕޯޓުތަކާ އެއްގޮތަށް އަޅާ އެއާޕޯޓެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.