ކޮންޓްރެކްޓަރުގެ ހަރަދުގައި ނުވަ ރަށެއްގައި 800 ހައުސިން ޔުނިޓް އަޅަން ހުޅުވާލައިފި

ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޑިޒައިންކޮށް އިމާރާތްކުރާ އުސޫލުން، ނުވަ ރަށެއްގައި 800 ސޯޝަލް ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.


އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން އެ މަޝްރޫއަށް ރާއްޖޭގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވެ އެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހަޅާއިރު ވަކިވަކި ރަށްތަކަށް ނުވަތަ ހުރިހާ ރަށަކަށް ވެސް އަގު ހުށަހެޅިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީން ހިންގާ އެ މަޝްރޫއުގެ ދަށުން އެންމެ ގިނަ ގެ އަޅަނީ ލ. ގަމުގަ އެވެ. އެ ރަށުގައި 200 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ. ހިިންނަވަރާއި ނައިފަރާއި އޭދަފުށި އަދި ސ. ފޭދޫގައި އަޅަނީ 100 ހައުސިން ޔުނިޓެވެ. ކޮމަންޑު އާއި ރ. މަޑުއްވަރީ އާއި ދ. މީދޫ އަދި ކުޑަހުވަދޫގައި އަޅަނީ 50 ހައުސިން ޔުނިޓެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 24 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހަދާ ގެތަކުގައި ހިމެނެން ޖެހޭނެ ކޮޓަރީގެ އަދަދެއް އިއުލާންގައި ބުނެފައެއް ނުވެ އެވެ.