ބްރިޖާ ގުޅޭ މަގެއް ހަދަން ޖެހޭތީ، މާލޭގެ ދެކުނު ފަރާތުގައި ވިޔަފާރި ގާޑިޔާތައް ނަގައި، ހަތަރު ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި އެވެ.
އެ ތަނުގައި ގާޑިޔަލެއް ހިންގާ މީހަކު ބުނީ ގާޑިޔާތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭކަން ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. ނަމަވެސް ގާޑިޔާތައް ނަގާނެ ދުވަހެއް އަދި ނާންގާ ކަމަށް ވެސް އެ މީހާ ބުންޏެވެ.
"ހައުސިން މިނިސްޓްރީން ބުނީ ގާޑިޔާތައް ނަގަން ތައްޔާރުވެގެން ތިބޭށޭ. ނަމަވެސް ގެންދާ ތަނެއް އަދި ނުބުނޭ،" އޭނާ ބުންޏެވެ.
ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި 18 ގާޑިޔަލެއް ކާނިވާ ސަރަހައްދަށް، މަސްވެރިންގެ މައިޒާނާއި އާ ސަހަރާ ފުރަގަހަށް ކޮންމެ ތަނަކަށް 8 ގާޑިޔާ އަދި ވެސްޓް ޕާކާއި އެސްޓީއޯ ހެޑް އޮފީހާ ދެމެދުގައިވާ ގޯޅިއަށް ތިން ގާޑިޔާ ބާއްވާނެ އެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބްރިޖުން ފެށިގެން އާޓިފިޝަލް ބީޗްގެ އުތުރުކޮޅާ ހަމައަށް އޮތް ބައި ވެސް ފުޅާކޮށް، ތާރު އެޅުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ މިނިސްޓްރީން ވަނީ މަގު ހެދުމަށް "ސައިޓް ކްލިއާ" ކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށައިފަ އެވެ.
މާލޭގެ ދެކުނު ފަރާތުގައި އަމިއްލަ އެކި ފަރާތްތަކުން ގިނަ އަދަދަކަށް ގާޑިޔާ ހިންގަ އެވެ.